އެޑިޔުކޭޝަން މިނިސްޓަރު، ޑރ. ފައިސަލަށް: މައުލޫމާތު ހިއްސާކޮށްދެއްވާ!

ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހިންގާ ކަމަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވަމުން ގެންދަވާތީ އެ ކަމާ ބެހޭ މައުލޫމާތު ހިއްސާކޮށްދެއްވަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެދިވަޑައިގެންފި އެވެ.


އާއްްމު ސިއްހަތަށް މީހުން ހޭލުންތެރި ކުރަން ސޯޝަލް މީޑިއާ ބޭނުންކުރައްވާ ޑރ. ފައިސަލް ޓްވިޓާގައި މިއަދު ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން ވައްދަނީ ކޮން ސްކޫލަކަށް ކަން، އެޗުޕީއޭއަށާއި އައްޑޫގައި ވެކްސިން ދިނުމާ ހަވާލުވެފައިވާ ފަރާތްތަކަށް އެނގޭނެ ކަމަށެވެ. އެ މައުލޫމާތު ފައިސަލް އަށް ދެއްވީ ވެސް، އޭނާ ވިދާޅުވި ގޮތުގައި، ވެކްސިން ދިނުމުގެ ކަންތަކުގައި އުޅޭ މީހުންނެވެ.

ފައިސަލްގެ މި ޓްވީޓަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ސިއްހީ ދާއިރާގެ ބޭފުޅުން ނުސީދާ ގޮތެއްގައި އެފަދަ މައްސަލަތައް ނެންގެވުމަކީ އާއްމުންގެ މެދުގައި ބިރާއި ނުތަނަވަސްކަން ފެތުރޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ޑރ. ފައިސަލްއަށް ލިބިވަޑައިގެންފައިވާ މައުލޫމާތު ހިއްސާ ކުރައްވަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑުމެންނަށް ވީހާ އަވަހަކަށް އެ މައްސަލަ ބެލޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް ފައިސަލް ވިދާޅުވެފައި މިވަނީ ވެކްސިން ފުރިހަމަނުކޮށް ހުރި ތިން އަހަރުގެ އަންހެން ކުއްޖަކަށް ހިމަ ބިހި ޖެހިގެން މިދިޔަ ހަފުތާގައި ފަރުވާ ދީފައި ވަނިކޮށެވެ. ހިމަ ބިއްސަކީ ރާއްޖެ އިން ނައްތާލާފައިވާ ބައްޔެކެވެ.

ވެކްސިން ދިނުމާ ގުޅޭ ގޮތުން ފާޅުކުރާ ހިޔާލުތަކަށް ޖަވާބެއްގެ ގޮތުން ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެކްސިން ޖަހާފައި ތިބޭ ކުދިންނަށް ނުރައްކަލެއް ނެތް ކަމަށެވެ. އެ ކުދިންގެ ސަބަބުން އެހެން ކުދިން ނަށް ވެސް ނުރައްކަލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، ވެކްސިން ނުޖަހައި ކުދިން ސްކޫލަށް ވެއްދުމެވެ. އެފަދަ ސްކޫލެއް އައްޑޫގައި ހިންގާ ކަމަށް ވިދާޅުވި ނަމަވެސް އެތަނުގެ ނަން އާއްމެއް ނުކުރައްވަ އެވެ.

"މާލޭގައި ވެސް އަދި އެހެން ރަށްރަށުގައި ވެސް އަޑިއަޑިން ވައްދާ. އެކަމަކު [އައްޑޫގެ] އެ ސްކޫލަކީ ގިނަ އަދަދެއްގެ ކުދިން ވެކްސިން ނުޖަހާ އުޅޭ ސްކޫލެއް،" ފައިސަލް ވިދާޅުވި އެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ރޭ ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަން ސިޓީ ކައުންސިލަށް އެނގިފައި ނެތް ކަމަށެވެ. އެފަދަ ސްކޫލެއް ހުރިކަން އެނގިއްޖެ ނަމަ އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިފައެއް ނެތް އެފަދަ ސްކޫލެއް ހުރި ކަމެއް. އެކަމަކު ވަކިވަކި ބައެއް ކުދިންނަށް ވެކްސިން ނުދޭކަން އެނގިގެން އަޅުގަނޑުމެން ހުންނާނެ ބެލެނިވެރިންނާ ވާހަކަދައްކައި، ވެކްސިން ދިނުމަށް ބާރު އަޅާފައި ވެސް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ގައުމީ ވެކްސިން ޕްރޮގްރާމްގެ ސަބަބުން ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލެވިފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއުލާން ކުރީ ޖޫން 2017 ގަ އެވެ.