ހިމަބިހި ޖެހިފައިވާ މީހެއް: ރާއްޖޭގައި ހިމަބިހި ފެތުރުމުގެ ނުރައްކާ އޮތް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައި.
13 ޖެނުއަރީ 2020 - 12:35
ހިމަބިއްސަށް ޝައްކު ކުރެވޭ ތިން ވަނަ މީހަކު ފެނިގެން ޓެސްޓު ހަދަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 17 އަހަރުގެ ކުއްޖެއްގެ ޓެސްޓް ހަދަމުން އަންނަ ކަަމަށް އައިޖީއެމްއެޗުން މިއަދު ހެނދުނު ބުނެފައި ވަނިކޮށް އެޗްޕީއޭ އިން ވަނީ ހާލަތު އޮޅުންފިލުވައިދީފަ އެވެ.
އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ ދެ ވަނަ މީހަކަށް ހިމަބިހި ޖެހިފައިވާ އިރު، ބައްޔަށް ޝައްކު ކުރެވޭ އިތުރު މީހަކު ވެސް ފެނިފައިވާ ކަމަށެވެ. އެ މީހާގެ ޓެސްޓްތައް ހަދަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެކަމަކު މި ބައްޔާ ގުޅޭ ގޮތުން އާއްމުންނަށް މައުލޫމާތު އޮޅުންފިލުވައިދޭން މެންދުރު 1 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެ.
— HPA Maldives (@HPA_MV) January 13, 2020
ބައްޔަށް ޝައްކުކުރެވޭ ފަރާތުގެ ޓެސްޓްތައް ކުރެވެމުން އެބަދޭ. @MoHmv
އެޗްޕީއޭގެ ޓުވީޓް
ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ.
- ހުން އައުން
- ހިކިކޮށް ކެއްސުން
- ނޭފަތުން ފެން/އަރިދަފުސް ފޭބުން
- ނޭފަތުން ފެން/އަރިދަފުސް ފޭބުން
- ލޯ ދުޅަވެފައި ހުރުން
- އަނގައިގެ ތެރޭގައި، ހުދު ލައްތަކެއް ހުރުން. (މި ލައްތަކުގެ ވަށައިގެން ރަތްވެފައި ހުރުމާ އެކު އޭގެ މެދުގައި ފަނޑު ނޫކުލައަކަށްދާ ތިއްކެއް އިންނާނެ)
- ގައިގެ އެތަން މިތަނުގައި ބިހިގަނޑުތަކެއް ނަގައި އެ ބިހިގަނޑުތައް އެކަތި އަނެއްކާ ގުޅުން.
މީގެ ދެ އަހަރު ކުރިން ނައްތާލާފައިވާ ހިމަބިހި ޖެހިގެން ފުރަތަމަ ފަރުވާދިނީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކުޑަ ކުއްޖާ އަށް ހިމަ ބިހި ޖެހުނު ގޮތެއް ހޯދަމުން އައި ނަމަވެސް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ހިމަބިހި ޖެހުނު އެ ކުއްޖާގެ ވެކްސިން ފުރިހަމައެއް ނުކުރެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ފާތުމަތު ނަޒްލާ ރަފީގް ރޭ ވިދާޅުވީ އެ ކުއްޖާ ފުރިހަމަކޮށްފައި ވަނީ އުމުރުން ހަ މަހާ ހަމައަށް ޖަހަން ޖެހޭ ވެކްސިންތަކެވެ. ނުވަ މަހުގައި ޖަހަން ޖެހޭ މީސަލްސް ރުބެއްލާ އާއި 18 މަހުގައި ޖަހަން ޖެހޭ އެމްއެމްއާރު ވެކްސިން ނުޖަހާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލީ ބަލި ފެތުރޭ މުއްދަތު ފާއިތުވުމުންނެވެ. ނަމަވެސް މި ކުއްޖާ ޒިޔާރަތްކުރި ތަންތަނަށް ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.
އެގޮތުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގައިި ހުރި ކެފޭތަކަށް ހަވީރުގެ ވަގުތުތަކުގައި ދިޔަ މީހުންނާއި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 8 އިން ފެށިގެން 11 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ މީހުން ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.
އަދި، މި މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު 5 އިން ފެށިގެން ރޭގަނޑު 9 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ މީހުންގެ އިތުރުން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭގަނޑު 7 އިން ފެށިގެން 10 އާ ހަމައަށް ސެނަހިޔާއަށް ދިޔަ މީހުންނާއި މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 7 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ މީހުންނާއި މި މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ މީހުން ވެސް އެކަމަށް ސަމާލުވާން ޖެހޭ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެ އެވެ.
އެޗްޕީއޭގެ ހިސާބުތަކުގައިވާ ގޮތުން 2017 ގައި ރާއްޖެ އިން ހިމަ ބިހި ޖެހިގެން ފިރިހެނަކަށް ފަރުވާދީފައިވެ އެވެ. ރާއްޖެ އިން ބޭރަށް ގޮސް އުޅުނު ކުޑަކުއްޖަކަށް ހިމަ ބިހި ޖެހިފައިވާ ކަން ރެކޯޑުތަކުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނިކް ފަރީދާ
13 January 2020
ރައްޔަތުންގެ އިހުސާސާ ގައުމުގަ ބިރުވެރިކަމެއް އުފެދޭ ހާލައްތަކުގައި އެޗްޕީއޭވެސް ވަރަށް ސްލޯވާނެ! ޑރ. ފައިސަލް ތިޓްވީޓެއް ނުކުރިނަމަ އަދިވެސް ތިބެނީ ހިމަބިހި ޖެހުނީ އެންމެ ކުއްޖެކޭ ކިއައިގެން ކަންނޭގޭ..
ޔޫނާ
13 January 2020
ހިމަބިހި ޖެހުނު މީހަކީ ވެކްސިން ޖަހާފައިވާ މީހަކަށް ވުމުނުް އެކަން ފަލަ ސުރުހީގަ ނުލިޔަނީ ކީއްވެ؟
އޭތި
13 January 2020
އޭތި ފެތުރެން ދިމާވީ އެ ވެކްސިން ނުޖަހާ ކުއްޖެއްގެ ކިބައިން ކަމަށް ވާތީ
ޙަމް
13 January 2020
ހިތާމަ ހުރި. އަމިއްލަައަށް އަމިއްލަ ދަރިންނާ އެހެންމީހުންގެ ދަރިން ހަލާކަށް. ރާއްޖެ މިދަނީ ފަހަތަށް.
ޓްސްކް
13 January 2020
ދެން ތި ބަލި ކޮންޓްރޯލުން ދިޔައިތާ! އެކަކު ވެކްސިން ނުޖެހުމުގެ ސަބަބުން/ވެކްސިނަށް ފަރުވާކުޑަކުރުމުގެ ސަބަބުން އެހެން އެންމެނަށް މީގެ ނުރައްކާ! ވެކްސިން ޖެހުމަކީ އެ ބަލިން ސަލާމަތްވާނެކަމެއްނޫން އެނގޭތޯ! ވެކްސިން ޖެހާފައިވާ މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑުތަން ކުޑަ ވެގެންދޭ!