މިއަދު މި ފެށީ ކަނޑުތަކުގެ ބޯހިމެނުމެއް: ރައީސް

ކަނޑުތަކުގެ ދިރުންތައް ދެމެހެއްޓުމާ އެކު އެ ދިރުންތަކުން ފައިދާ ހޯދުމަށް އެހީތެރިވެދޭން މަސައްކަތްކުރާ "ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން" އިން ރާއްޖޭގައި ފެށި ދިރާސާ އަަކީ ކަނޑުތަކުގެ ބޯހިމެނުމެއް ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.


ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ދިރާސާ ފެށުމަށް ހދ. ނޭކުރެންދޫގައި މިއަދު ބޭއްވި ރަަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ދިރާސާ އަކީ ކަނޑުތަކުގެ ދިރުންތަކާ ބެހޭ ގޮތުން ރާއްޖޭގައި މިހާތަނަށް ކުރާ އެންމެ ބޮޑު ދިރާސާ ކަމަށެވެ. އެ ދިރާސާ ކުރިއަށް ގެންދާނީ ދެބަޔަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ސްޓޮކެއް ފުރަތަމަ ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާމެއްސާއި ދިރުންތަކުގެ އަދި ފަރުތަކާއި މުރަކަ އާއި އެންދެރި އާއި އެހެން ތަކެތީގެ ސްޓޮކެއް ނަގާނެ ކަމަށެވެ.

"އަދި މިތަކެއްޗަށް ގެއްލުން ލިބެނީ ކޮން ކަހަލަ ކަންތައްތަކެއް ކުރިމަތިވެގެންތޯ ބަލައި އެބަ ހޯދާ. ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަށް ފުރަތަމަ މި ކުރެވެނީ ކަނޑުތަކުގެ ބޯހިމެނުމުގެ މަސައްކަތެއް،" ރައީސް ވިދާޅުވި އެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އިން ރާއްޖޭގައި ކުރާ ދިރާސާ ފެށުުމަށް ނޭކުރެންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ ސިޔާސަތު ކަނޑައަޅާނީ ރައީސް ވިދާޅުވި ގޮތުގައި ދިރާސާގެ ކަރުދާސް އާއްމުކުރުމުން އެ ހޯދުންތަކަށް ބިނާކޮށްގެންނެވެ. ބައެއް ތަންތައް ހިމާޔަތްކުރެވިފައި އެބަހުރި ކަމަށާއި ނަމަވެސް އެތަންތަނުގެ ފައިދާ ހޯދޭނީ ކިހިނެއްކަން ދެނެގަންނަން ޖެހޭ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިކުރެވެ ރިސާޗުގެ އަލީގައި އަޅުގަނޑުމެންނަށް އެކުލަވައިލެވޭ ސިޔާސަތުގެ ދަށުން، މިތަންތަނުން ލިބެން އޮތް އެންމެ ރަނގަޅު ފައިދާއެއް އަޅުގަނޑުމެންނަށް ހޯދޭނެ ގޮތް އެކުލަވައިލެވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކުރާ ދިރާސާ ފެށުމުގެ ރަސްމިއްޔާތުގައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ފައުންޑިން މެމްބަރު އެންޑީ އިސާކް ވާހަކަ ދައްކަވަނީ.

ރަސްމިއްޔާތުގައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ފަރާތުން ވާހަކަ ދެއްކެވި އެ ޖަމާއަތުގެ ފައުންޑިން މެމްބަރު އެންޑީ އިސާކް ވިދާޅުވީ ރާއްޖޭގައި ކުރާ ދިރާސާގައި، 12 ގައުމަކަށް ނިސްބަތްވާ ސައިންސްވެރިންގެ ޓީމަކުން ބައިވެރިވާ ކަމަށެވެ. އެ ހުރިހާ ބޭފުޅުން ވެސް މި ދިރާސާގައި މަސައްކަތް ކުރައްވަނީ ހިލޭސާބަހަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ދިވެހި ސަރުކާރާ ގުޅިގެން ފަސް އަހަރު ދުވަހު މަސައްކަތް ކުރަން ނިންމާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފިޝަރިޒް މިނިސްޓަރު ޒަހާ ވަހީދު އަދި ނޭކުރެންދޫ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ތަރައްގީކުރަން ޖެހޭނީ ދެމެހެއްޓެނިވި ގޮތަކަށް

ތަރައްގީ ގެންނަން ޖެހޭނީ ރާއްޖެގެ ގުދުރަަތީ ވަސީލަތްތައް ރައްކާތެރި ކުރެވޭ ގޮތަށް ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްގީއަށްޓަކައި ހިންގަން ޖެހޭ މަޝްރޫއުތައް އެބަހުރި ކަމަށާއި ނަމަވެސް އެ މަޝްރޫއުތައް ހިންގަން ޖެހޭނީ އަންނަން އޮތް ޖީލުތަކާ ހަަމަށް ގުދުރަތީ ވަސީލަތްތައް ފޯރުކޮށްްދެވޭނެ ގޮތަަކަށް ކަމަށެވެ.

"ތަރައްގީގެ މަޝްރޫއުތައް އަޅުގަނޑުމެން ކުރިއަށް ގެންދަން ވާނީ ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންނަށް ގުދުރަތީ ގޮތުން ލިބިފައި މިއޮތް މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ވެސް ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިއަދު މިހެން ވިދާޅުވި އިރު ނ. މާފަރު އެއާޕޯޓް ބޮޑުކުރަން ބިން ހިއްކުމުން އެ ރަށުގެ ފަރަށް، އިއާދަ ނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އީޕީއޭ އިން ބުނެފައި ވަނިކޮށް ސަރުކާރުން ވަނީ އެ މަސަައްކަތަށް ހުއްދަ ދީފަ އެވެ. ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

މާފަރުގެ އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ފަހު އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ އެއާޕޯޓްގެ ރަންވޭ ބޮޑުކުރަން ފަޅު ހިއްކުމުގެ ހުއްދަ ނުދޭން ނިންމައިފަ އެވެ. ނަމަވެސް އެންވަޔަރްމެންޓް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ އެ ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ އިއްޔެ ދެއްވައިފަ އެވެ.