އެޗްޑީސީގެ ކޮރަޕްޝަން: ބުންޔާމީންގެ މައްސަލައެއް އޭސީސީ އަށް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ ސީއީއޯ އަހްމަދު ބުންޔާމީނަށް ތުހުމަތުކުރާ 48 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއްގެ މައްސަލައެއް ބަލައި ދިނުމަށް އެދި އެ ކުންފުނިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޗްޑީސީން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލަތައް އޭސީސީ އަށް ހުށަހެޅީ އެޗްޑީސީގެ އިންޓާނަލް އޮޑިޓަކަށް ފަހު އެވެ. ބޮޑެތި ހޭދަތަކުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިވެ ދަރަނި 14 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކުންފުނީގެ އޮޑިޓުން ފާހަގަވި ބައެއް މައްސަލަތައް އޭސީސީ އަށް ފޮނުވުމުގެ އިތުރުން ބައެއް މުވައްޒަފުން ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.

ޔާމީންގެ ސަރުކާރުގައި، އެޗްޑީސީ އަކީ ކޮރަޕްޝަންގެ "ހާއްޔެއް"ގެ ގޮތުގައި ސިފަކުރި އެވެ. އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވުމަށާއި ޕީޕީއެމްގެ ހަރަކާތްތައް ކުރިއަރުވަން އެޗްޑީސީން ހޭދަކުރި ކަމަށް ވެސް ތުހުމަތުކެއް ކޮށްފައިވެ އެވެ.

ހުޅުމާލޭގެ ތަރައްގީ އަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ސުހެއިލް މިއަދު ވިދާޅުވީ، އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލަތަކުގައި، އޮޑިޓަށް ފަހު ހަތަރު މުވައްޒަފަކު ވަކި ކޮށްފައިވާ ކަމަށެވެ. އެއީ، ބައެއް ޑިޕާޓްމެންޓްތަކުގައި އިސްކޮށް އުޅުއްވި މުވައްޒަފުންނެވެ.

"މުވައްޒަފުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ އިތުރުން ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން މި އަންނަނީ،" އެޗްޑީސީގެ ކޮރަޕްޝަންތަކާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ދެންނެވުމުން ސުހެއިލް ވިދާޅުވި އެވެ.

ބުންޔާމީނާ ގުޅޭ ގޮތުން އޭސީސީ އަށް ހުށަހެޅީ 2018 ގެ ރިޔާސީ އިންތިޚާބުގެ ވޯޓަށް އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް، އެޗްޑީސީގެ ބޯޑު ނިންމުމަކާ ޚިލާފަށް ފްލެޓްތަކާއި ބިންތަކުގެ ޖޫރިމަނާ މާފު ކޮށްދިން މައްސަލަ އެވެ.

"ބޯޑުން ނިންމާފައި އޮތީކީ އެގޮތަކަށް ނޫން. ބޯޑުން ނިންމީ ވަކި މުއްދަތުތަކެއްގައި، އެ ފަރާތްތަކަށް ވަކި ލުއިތަކެއް ދޭން. އެކަމަކު، އެ ނިންމުމާ ޚިލާފަށް ފްލެޓްތަކާއި ބިންތަކުގެ ޖޫރިމަނާ ފައިސާ އެއްކޮށް މާފުކޮށްދިނީ،" ސުހެއިލް ވިދާޅުވި އެވެ.

އެ ދުވަސްވަރު (ސެޕްޓެމްބަރު 20، 2018) ގައި އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދޭން ނިންމީ ސަރުކާރުގެ އުސޫލުތަކުގެ ތެރެއިން ލިބެން ހުރި ފަސޭހަތައް ދެނެގަނެ، ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ މަގުފަހިކޮށް ދިނުމަށް ސަރުކާރުގެ ލަފައާ ވެސް އެކުގައި ކަމަށެވެ.

ނަމަވެސް، ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ވެފައި ވަނީ ކިތައް މީހުން ކަމެއް އަދި ޖުމުލަ ޖޫރިމަނާ އަކީ ކިހާ ވަރެއް ކަމެއް ވެސް އެޗްޑީސީން އޭރު ހާމައެއް ނުކުރެ އެވެ. އެކަމަކު، އެ ދުވަސްވަރު ވެސް އެނގިފައިވާ ގޮތުގައި ބައެއް ފްލެޓުތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެވެ.

ޔާމީން ދެވަނަ ދައުރަކަށް ހޮވައި ދިނުމަށް އިސްވެ މަސައްކަތް ކުރެއްވި ބުންޔާމީން ވަނީ، ސެޕްޓެމްބަރު 23، 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުން ޔާމީނަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު، މެލޭޝިއާ އަށް ވަޑައިގެންފަ އެވެ. ޗުއްޓީއެއް ނެންގެވުމަށް ފަހު، އޮކްޓޫބަރު 2018 ގައި އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް އެނބުރި ވަޑައިގެންނެވި ކަމެއް އަދިއެއް ނޭނގެ އެވެ.

ހުޅުމާލެ އަލިކުރަން އާދަޔާ ޚިލާފު ބޮޑު އަގެއްގައި މަޝްރޫއެއް ފެށި މައްސަލަ ވެސް އެޗްޑީސީން މިހާރު ވަނީ އޭސީސީ އަށް ހުށަހަޅައިފަ އެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި ދެ ބަޔަކަށް ބަހާލާފައިވާ މަޝްރޫއުގައި ލައިޓްތައް ސަޕްލައި ކުރަން ހަވާލުކުރީ 1.6 މިލިއަން ޑޮލަރަށެވެ. އަދި އެ ލައިޓްތައް ހަރުކުރުމުގެ އަގަކީ 1.7 މިލިއަން ޑޮލަރު ކަމަށާއި އެފަދަ މަޝްރޫއަކާ އަޅާބަލާއިރު އެއީ އާދަޔާ ޚިލާފު ބޮޑު އަގެއް ކަމަށް ފަހުން އޮޑިޓުން ފާހަގަވެފައިވާ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ އެ މަޝްރޫއު އަދިވެސް ކުރިއަށް އެބަދެ އެވެ.

"ބޯޑުން ނިންމާފައި އޮތީކީ އެގޮތަކަށް ނޫން. ބޯޑުން ނިންމީ ވަކި މުއްދަތުތަކެއްގައި، އެ ފަރާތްތަކަށް ވަކި ލުއިތަކެއް ދޭން. އެކަމަކު، އެ ނިންމުމާ ޚިލާފަށް ފްލެޓްތަކާއި ބިންތަކުގެ ޖޫރިމަނާ ފައިސާ އެއްކޮށް މާފުކޮށްދިނީ،" ސުހެއިލް

މި މައްސަލަތަކުގެ އިތުރުން ވެސް ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ސުހެއިލް ދެއްވި އެވެ.

"އަޅުގަނޑުމެންގެ ބޯޑުގައި އިންނަ އޮޑިޓް ކޮމިޓީ ވެސް މިހާރު ފުލީ އެކްޓިވް،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ހަވާލުކުރި ސައިޓްގައި ހުރި ވެލި ފުންޏެއް ނަގަން 17 މިލިއަން ރުފިޔާ ހޭދަކުރުން ފަދަ ސުވާލު އުފެދޭ ގިނަ ހޭދަތަކެއް ކޮށްފައިވާ އެޗްޑީސީގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން ވެސް ބެލި އެވެ. އެ ކޮމިޓީގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުންޏަށް ކުރާ ތުހުމަތުތައް ސާފުވާނީ އިންޓާނަލް އޮޑިޓް ނިމުމުންނެވެ. އެ މަސައްކަތް ކުރިއަށް ދާ ވަރަކަށް ކަމާ ބެހޭ އެހެން މުއައްސަސާތަކާ ހިއްސާ ކުރައްވާނެ ކަމަށް ވެސް އާތިފް ވިދާޅުވެފައިވެ އެވެ.

ޔާމީންގެ ސަރުކާރުގައި އެޗްޑީސީ އަކީ އަމަލީ ގޮތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި އެއް ކުންފުންޏެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން އާތިފް ވަނީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގައި އެ ކުންފުނިން ކުޅުނު ރޯލާ ބެހޭ ބައެއް މައުލޫމާތު ވެސް ހިއްސާކުރައްވައިފަ އެވެ.