މަޝްރޫއުތައް ލަސްވާކަމަށް ރައީސް ވިދާޅުވުމުން އޭސީސީން މަޝްވަރާކުރަން ނިންމައިފި

މަޝްރޫއުތައް ލަސްވާ ގޮތަށް އަމަލު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވާތީ އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވެއްޖެ އެވެ.


ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ބޮޑުތިލަދުންމައްޗަށް ވަޑައިގެން ހއ. ވައިކަރަދޫގައި ރައީސް ވިދާޅުވެފައި ވަނީ މަޝްރޫއެއް ކުރިއަށް ގެންދަން ހުޅުވައިލާ ބީލަމަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅައިފި ނަމަ އޭސީސީން އެކަން ބަލަންޖެހޭ ކަމަށާއި ކޮމިޝަންގެ ގާނޫނީ ޒިންމާއަކީ އެއީ ކަމަށެވެ.

އެމަނިކުފާނުގެ ކަންބޮޑުވުމަކަށް ވީ އޭސީސީ އަށް ހުށަހަޅާ ޝަކުވާތައް ބަލަން މަޝްރޫއު ކުރިއަށް ނުގެންދެވި ލަސްވުމެވެ. ބައެއް ޝަކުވާތަކަށް ދެމަހެއްހާ ދުވަސް ހޭދަވެ، ތަހުގީގު ނިމޭއިރު މައްސަލައެއް ފާހަގަނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކަންތައްތައް ބަލަން ޖެހޭނެ. ގޯސްކޮށް ކަމެއް އުޅެންޏާ ރަނގަޅު ކުރަން ވާނެ. އެކަމަކު މަސައްކަތްތަކުގެ ހުރަހަކަށް އެއްވެސް ބޭފުޅަކު ވެގެން ނުވާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

މި ވާހަކަފުޅާ ގުޅޭ ގޮތުން އޭސީސީގެ ރައީސް ޝިއުނާ "މިހާރު" އަށް ވިދާޅުވީ ބައެއް މަޝްރޫއުތައް ހުއްޓުވަން ޖެހޭ އަދި ލަސްވާ ސަބަބުތައް ވެސް ހުންނަ ކަމަށެވެ. އެކަމުގައި ހުރި ސަރުކާރުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އޭސީސީން މަޝްވަރާކުރާނެ ކަމަށް ވިދާޅުވި އެވެ.

"އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައީސް އޮފީހާ އަޅުގަނޑުމެން މަޝްވަރާކުރާނަން،" ޝިއުނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނީ ޒިންމައަދާނުކުރާ ކަމުގެ ފާޑުކިއުންތަކާ އެކު ކޮމިޝަންގެ އިތުބާރާ މެދު ސުވާލު އުފެއްދި އެވެ. އެ ފުރުސަތު ނުދޭނެ ކަމަށް މި ސަރުކާރުން އޭސީސީ އަށް އައްޔަންކުރި މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ކޮމިޝަނާ ޚިލާފަށް އަމިއްލަ އަށް ވެސް އިސްނަގައިގެން ގިނަ މައްސަލަތަކެއް އާ ކޮމިޝަނުން ބަލަމުން އަންނަ އިރު، ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.