މުނިކާފަ އެހެން ކުޑަކުއްޖަކާ ބެހެން އުޅޭ ވީޑިއޯއެއް އާއްމުވެއްޖެ

އުމުރުން ދެ އަހަރުގެ މުނިކާފަ ދަރިފުޅު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން މިއަދު ހައްޔަރު ކުރި އުމުރުން ދުވަސްވީ މީހާ، އެހެން ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.


ގއ. ކަނޑުހުޅުދޫގައި ނަގާފައިވާ އެ ވީޑިއޯއިން ފެންނަނީ މަގުމަތީގައި ކުޅެން އުޅުނު 10 އަހަރުގެ އަންހެން ކުއްޖެއް ކައިރީ، އުމުރުން 81 އަހަރުގެ އެ މީހާ ޖިންސީ އަމަލު ހިންގުމަށް އެދޭ މަންޒަރެވެ.

ދިހަ އަހަރުގެ ކުއްޖާ އަމިއްލަ އަށް ކޮށްފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެންމެ ފުރަތަމަ އެ މީހާ ކުޑަކުއްޖާ ގާތު، ފައިސާ ދޭނެ ކަމަށް ބުނެ އެވެ. އެ ކުއްޖާ ލާރި ބޭނުން ނޫން ކަމަށް ބުނުމުން، ދެން އަހަނީ ބޭނުންވަނީ ކޮން އެއްޗެއްތޯ އެވެ.

އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް ކުޑަކުއްޖާ ބުނުމުން، ޖިންސީ އަމަލު ހިންގުމަށް ކުޑަކުއްޖާ އަށް ދައުވަތު ދެ އެވެ.

"އާދޭ ކޮޓަރި އަށް،" މުސްކުޅި މީހާ ބުނާ އަޑުއިވެ އެވެ. އޭރު ކައިރީގައި އެހެން ކުޑަކުދިން ތިބޭތަން ވެސް ވީޑިއޯއިން ފެނެ އެވެ.

އެ މީހާ އެހެން ބުނުމުން ކުޑަކުއްޖާ މަންމަ އަށް ގޮވަމުން، ރޮމުން ދުއްވައިގަނެ އެވެ. އަދި މަންމަ ގާތަށް ގޮސް، "ހަސަންބެއްޔާ ބުންޏޭ ކޮޓަރި އަށް އަންނާށޭ،" ބުނެ އެވެ.

އެ ވީޑިއޯ ކުރި ކުޑަކުއްޖާގެ މަންމަ، މުސްލިމާ ހަސަން ބުނިގޮތުގައި މިއީ އޭނާގެ ދަރިފުޅަށް އެ މީހާގެ ފަރާތުން އެ ފަދަ ކަމެއް ދިމާވި ތިން ވަނަ ފަހަރެވެ. މިދިޔަ ހަފުތާގައި ނަގާފައިވާ އެ ވީޑިއޯ އޭނާ ވަނީ އޭރު ފުލުހުންނާ ވެސް ހިއްސާކޮށްފަ އެވެ.

މުސްލިމާ ބުނިގޮތުގައި "ކޮޓަރި އަށް ދިޔުމަށް" އެދި އޭނާގެ ދަރިފުޅަށް، އެ މީހާ އެންމެ ފުރަތަމަ ދައުވަތު ދިނީ 2017 ވަނަ އަހަރު އެވެ. އޭރު ވެސް އެ މައްސަލަ އޭނާ ފުލުހުންނަށް ހުށަހެޅި އެވެ. އަދި މައްސަލަ ހުށަހެޅިތާ އެއް ދުވަސް ފަހުން، އެ އާއިލާގެ ތިން އަހަރުގެ ކުޑަކުއްޖަކާ އެ މީހާ ބެހުނު މައްސަލައެއް ފެންމަތިވި އެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެކަމަކު އެ މައްސަލަ އަށް ވެސް ވީނުވީއެއް ނޭނގޭ،" މުސްލިމާ ބުންޏެވެ.

އޭނާ ބުނީ އެ މީހާ ދިރިއުޅެނީ އޭނާގެ ގޭގެ ކުރިމަތީގައި ކަމަށާއި އެހެންވެ، ދަރިފުޅާ އެ މީހާ ގިނައިން ދިމާވާ ކަމަށެވެ. އަދި މީގެ ހަ މަސް ކުރިން ވެސް، ކުޑަކުއްޖާއާ މަގުމަތިން އޭނާ މައްލަވަ ކުރި ކަމަށް ބުންޏެވެ.

"އެ ދުވަހު ވެސް ދަރިފުޅު ގާތު އަހަނީ ވަރަށް ބާރުގަދަވާނެހޭ. ބާރުގަދައިއްޔާ ކޮޓަރިއަށް އަންނާށޭ،" މުސްލިމާ ބުންޏެވެ.

ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން، އެ މީހާއާ ސުވާލު ކުރި ކަމަށް ވެ އެވެ. އަދި އެ މައްސަލަ ބެލި ފުލުހުން ފަހުން މުުސްލިމާއާ ބައްދަލުކޮށް، އެ މީހާއަށް ނަސޭހަތް ދީފައިވާ ކަމަށާއި ދެން އެހެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ޖެންޑާ މިނިސްޓްރީން ވެސް އެ ރަށަށް ދިޔަ ކަމަށް މުސްލިމާ ބުންޏެވެ. އެކަމަކު ތިން ފަހަރު ވެސް މައްސަލަ ބަލާފައި ނުވުމުން، އެއްވެސް އިދާރާއަކަށް އޭނާގެ އިތުބާރެއް މިހާރަކު ނެތެވެ.

ކުޑަކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ދެން ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަ އެވެ. ރަށުގެ މިސްކިތުގެ މުދިމުގެ ގޮތުގައި މަސައްކަތް ކުރާ ކާފަ، ކުޑަކުދިންނާ ބެހުމުގެ ތުހުމަތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައި ވެ އެވެ.