ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދިޔަ ކަމަށް ބުނެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި

ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ވަކީލު އައްޔަންކޮށްފައި ވަނިކޮށް ވަކީލާއި ނުލައި މައްސަލަ ކުރިއަށް ގެންދިޔަ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީއަކާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.


ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއާ ދެކޮޅަށް ޖޭއެސްސީއަށް މައްސަލަ ހުށަހަޅާފައިވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާލިބޭ މީހަކަށް ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް އެ ވަކީލަށް އެންގުމެއް ނެތި އެ މައްސަލައިގެ މުއްދަތު މަޖިލީހެއް ބާއްވައި، އެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރި ކަމަށް ބުނެއެވެ.

އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އެ މީހާގެ ވަކީލް އަހުމަދު ނާޒިމް ސައްތާރެވެ. އެކަމަކު އެ މައްސަލަ ޖޭއެސްސީން ބެލުމާ މެދު ގޮތެއް ނިންމިކަން އަދި ސާފެއް ނުވެއެވެ.

ވަކީލަކު ހުއްޓާ، އެ ވަކީލަކު އެންގުމެއް ނެތި މީހުން ބަންދުކުރަން ނެރެފައިވާ އަމުރުތައް ހައި ކޯޓުން މީގެކުރިން ބާތިލްކޮށްފައިވެ އެވެ. އެކަމަކު ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ދައުވާލިބޭ މީހުންގެ ބަންދާ މެދު އެ މައްސަލައެއް ބަލާ ފަނޑިޔާރު ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ކުރިން ހައި ކޯޓުން ނިންމާފައިވާތީ މި މައްސަލާގައި އެ އަމުރު އިސްތިއުނާފް ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.