ފުވައްމުލަކު ފަރަށް އެރި ބޯޓުން ބަދަލުގެ ގޮތުގައި 633 މިލިއަން ރުފިޔާ ދައްކަން އަންގައިފި

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން 633.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ލަފާކޮށް އެ ފައިސާ ދައްކާނެ ގޮތެއް ހުށަހަޅަން ސަރުކާރުން އަންގައިފި އެވެ.


ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު މިއަދު ވިދާޅުވީ "އެމްވީ އެންޖީއޯސީ ސަން" ފަރަށް އެރުމުން ލިބުނު ގެއްލުމުގެ މިންވަރުގެ ގޮތުގައި އީޕީއޭއިން ކަނޑައެޅި ފައިސާ ދައްކާނެ ގޮތެއް ނިންމަން އެ ބޯޓުގެ ރާއްޖޭގެ އެޖެންޓަށް 15 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

"މި މައްސަލާގައި މިއޮތީ އަދަދެއް ކަނޑައަޅާފައި އެންމެ ބޮޑުވެގެން ނެގޭނެ ކަމަށް. މި އަދަދު ކަނޑައަޅާފައި ވަނީ އީޕީއޭ އިން އެ ރަށަށް ގޮސް ހޯދި ހޯދުންތަކުން. އެހެންވެ އެ ފައިސާ ދެއްކޭނެ ގޮތްތަކެއް ހުށަހަޅަން މިވަނީ މުއްދަތެއް ދީފައި. މީގައި އެ ފަރާތުން ނިންމާނީ އެ ފައިސާ ދައްކާނެ ގޮތްތަކެއް،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ދައްކާނެ ގޮތްތަކެއް ކަނޑައަޅާނީ އެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކަށް ބެލުމަށްފަހު ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެން ކަމަށެވެ.

ތިމާވެއްޓާ ބެހޭ ގާނޫނުގައިވާ ގޮތުން ތިމާވެއްޓަށް ލިބޭ ގެއްލުމެއްގެ ބަދަލުގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ އެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނެގޭނެ ވަކި އަދަދެއް ކަނޑައަޅާފައި ނުވާތީ ގެއްލުމުގެ ބަދަލު ކިތަންމެ ބޮޑު އަދަދެއް ވެސް ސަރުކާރަށް ނެގިދާނެ އެވެ.

ފަރަށް އެރި ބޯޓު މަހެއްހާ ދުވަސް ފަހުން ފުންކޮށްގެން މަރާމާތުކުރުމަށް ސްރީ ލަންކާގެ ކޮލަމްބޯއަށް ގެންދިޔަ މަގުމަތީގައި ވަނީ ދިޔަވެގެން އަޑިއަށް ގޮސްފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ބޯޓު ފައްތާލަން ހުއްދަ ދިން ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެެއް ކަމަށެވެ. އަދި އެ ބޯޓުގެ ކެޕްޓަނަށް ރާއްޖެއިން ފުރައިގެން ދެވޭނީ ފައިސާ ދައްކާނެ ގޮތްތަކެއް ހަމަޖެއްސުމަށްފަހު ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

ދިގުމިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓު ފަރަށް އެރުމާ ގުޅިގެން އީޕީއޭގެ އިތުރުން ބޯޓު ފުން ކުރުމުގައި މަސައްކަތް ކުރި ސިންގަޕޫރުގެ ސެލްވޭޖް ކުންފުނިން ވެސް ދިރާސާތަކެއް ކުރި އެވެ.

"އެމްވީ އެންޖީއޯސީ ސަން" ފުވައްމަލަކަށް ދިޔައީ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހިފައިގެންނެވެ. އެ ބޯޓު ފުން ކުރީ މިދިޔަ މަހުގެ 15 ގަ އެވެ. ބޯޓު ފުންކުރީ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ދެ ޓަގު ބޭނުންކޮށްގެންނެވެ. އާގު ބޯޓުގެ ދެ ތިން ތަނެއް ފޫގޮސް، ކޮންމެވެސް ވަރަކަށް ބޯޓު ދިޔަވަމުން ދިޔަ ކަމަށް ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ. ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލަން އީޕީއޭއިން ހުއްދަ ދިނީ އެ ނޫން ގޮތަކަށް ބޯޓު ފުންކުރެވޭނެ ގޮތެއް ނެތުމުން ކަމަށްވެ އެވެ. ބޯޓު އެގޮތަށް ފަރުމަތީ އޮވެއްޖެ ނަމަ ތިމާވެއްޓަށް މާ ބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމަށް އީޕީއޭ އިން ދެކެ އެވެ.