އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފަޔަކަށް އެދުމުން އެކަމުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި މިނިސްޓަރު އެގޮތަށް ލަފަޔަކަށް އެދިވަޑައިގަތީ އެޗްޕީއޭ އިން މިނިސްޓްރީގެ ލަފަޔަށް އެދުމުން ކަމަށެވެ.
"ދީނީ ކަންކަމުގައި އެގޮތަށް ލަފާ ހޯދުމަކީ އާއްމު އުސޫލު ވީމަ މިނިސްޓަރު އެގޮތަށް އެދިވަޑައިގެންފައި އެ ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
މިނިސްޓަރު އެ ސިޓީ ފޮނުއްވާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެކަމާ ގުޅިގެން އަދި ޖަވާބު ނުލިބޭ ކަމަށެވެ.
އަންހެނުން ހިތާނުކުރުމުގެ ކަންކަން ރާއްޖޭގައި ވެސް ކުރާ ކަމަށް ވާހަކަ ދެކެވެ އެވެ. އަންހެނުން ހިތާނުކުރުމުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ކުރިމަތިވާތީ އެކަން ނުކުރުމަށް ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން ލަފާދެ އެވެ.