ވުހާން ވައިރަސްް އަތުވެދާނެތީ މިތިބީ ފުރިހަަމައަށް ތައްޔާރުވެގެން: މިނިސްޓަރު

ޗައިނާ އިން ފެނުނު އާ ވައްތަރެއްގެ ކޮރޯނޯވައިރަސް އެކި ގައުމުތަކުން ފެނި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން، އެ ބަލި އަތުވެދާނެތީ ރާއްޖެ އިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރީން މިއަދު ބުނެފި އެވެ.


ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކަމެއް ދިމާވެއްޖެ ހާލަތުގައި (ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެއްޖެ ނަމަ) ދެން ކަންތައްތައް ކުރަންވާނެ ގޮތް ވެސް ވިސްނާ ތައްޔާރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސްގެ މައްސަލަ އަށް ސަމާލުކަންދީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށެވެ. ކޮރޯނާ ވައިރަސްގެ މައްސަލައަށް ސަމާލުކަންދީ އެކަމާ ގުޅޭ ފިޔަވަޅުތައް ވަރަށް އަވަަހަށް އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ވަރަށް އަވަހަށް މިކަމަށް އިސް ނަންގަވައި މިއަދާ ހިސާބަށް އައި އިރު ވެސް އަޅުގަނޑުމެން މިތިބީ މި ކަންތައްތައް އިންތިޒާމްކުރުމުގެ މަސައްކަތްތަކެއް ކުރެވިފައި. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން ވަރަށް ފުރިހަމައަށް ކުރުމަަށް ތައްޔާރުވެގެން މިތިބީ،" އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް ޑރ. އަރުވިންދު މާތޫރު ވިދާޅުވީ ރާއްޖެއިން ތައްޔާރުވެފައިވާ މިންވަރަށް ބަލާއިރު ރައްޔިތުން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އެކަމަކު ތައްޔާރުވެވަޑައިގެން ތިއްބަވާ. އަދި ސަމާލުވެ، ފަރުވާތެރިވެ ތިއްބަވާ. އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑުމެން މިތިބީ ވެސް ސަމާލުވެގެން،" އޭނާ ވިދާޅުވި އެވެ.

ހަމަޖައްސާފައިވާ އިންތިޒާމްތައް

ވުހާން ވައިރަސް އަރާފައިވާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ހެލްތު އޮފިޝަލުން ރައްކާތެރި ފިޔަވަޅު ތަކާ އެކީ ހަރަކާތްތެރި ވަނީ. ފޮޓޯ: ގެޓީ އިމޭޖަސް

އަމީން ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސް ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަކުރުމަށް ޓަކައި އެ ބައްޔަށް ސްކްރީންކުރުމުގެ އިންތިޒާމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެ އަށް މީހުން އެތެރެވާނެ އެހެން ހުރިހާ ބަނދަރެއްގައި ފަށަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވެލާނާ އެއާޕޯޓްގައި މީހުން ސްކްރީން ކުރަނީ ތާމަލް ކެމެރާ ބޭނުންކޮށްގެންނެވެ. ތާމަލް ކެމެރާގެ އެހީގައި ދެނެގަނެވޭނީ މީހަކު ހުން އައިސްފައި ހުރިކަން ނުވަތަ ނޫން ކަމެވެ. އަމީން ވިދާޅުވީ މިހާރު ސްކްރީން ކުރަމުން އަންނަނީ އެއް ކެމެރާ ބޭނުންކޮށްގެން ކަމަށް ވިޔަސް، އިތުރު ކެމެރާ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސް އަރާފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ ނަމަ އެމީހަކު އެކަހެރި ކުރުމުގެ އިންތިޒާމްތައް ވެސް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ.

"ސަސްޕެކްޓް ކުރެވޭ މީހަކު ފެނިއްޖެ ކަމަށްވާ ނަމަ، އައިސޮލޭޓް ކުރުމަށް ޓަކައި ކުރަން ޖެހޭ އިންތިޒާމްތަކުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައްކޮށް، އިންތިޒާމްތައް ހަމަޖެހިފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.

މީހުން އެކަހެރި ކުރާނެ އޭރިއާއެއް އެއާޕޯޓްގައި ކަނޑައަޅައި، އެ ތަނުގައި ކަންތައްތައް ކުރާނެ ގޮތުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން މީހުން އެކަހެރިކުރާ ހާއްސަ ތަނެއް ވެސް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތް ދޭ އެހެން ތަންތަނުން ވާންޖެހޭ ތައްޔާރީތަކާ ބެހޭ ގޮތުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް އަށް މީހުން ޓެސްޓްކުރުމަށް ޓަކައި ސާމްޕަލް ފޮނުވަން ޖެހޭނީ ރާއްޖޭން ބޭރަށެވެ. ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް ޑރ. އަރުވިންދު މާތޫރު ވިދާޅުވީ ޗައިނާއިން ފެނިގެން އުޅޭ ވައްތަރުގެ ކޮރޯނާ ވައިރަސް އަށް މިހާރު ޓެސްޓް ކުރެވެނީ ހޮލެންޑްގައި ހުރި ލެބޯޓްރީއަކާއި ހޮންކޮންގައި ހުރި ލެބޯޓްރީ އަކުން އެކަނި ކަމަށެވެ.