ވޫހާންގައި ތިބީ ހަ ދިވެހިން، އެ މީހުންގެ ހާލު ރަނގަޅު

ކޮރޯނާ ވައިރަސްގެ އާ ވައްތަރެއް ކަމަށްވާ ނޮވެލް ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު، ޗައިނާގެ ވޫހާންގައި މި ވަގުތު ތިބީ ހަ ދިވެއްސެއް ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.


އެ މިނިސްޓްރީން ބުނީ ޗައިނާގައި ކޮރޯނާ ވައިރަސް ފެެތުރޭތީ، އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ތިބި ހަ ދިވެހިންނާ އެމްބަސީން ގުޅި ކަމަށް މިނިސްޓްރީން ބުނެ އެވެ. ދިވެހި ސަރުކާރުން ބުނިގޮތުގައި، ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއާ އެކު ކުރަން ޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

"ހަމަ އެއާ އެކު، މިހާރު ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒު ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް އެގައުމުން ވަނީ ދީފަ އެވެ،" ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ޗައިނާގައި އުޅޭ އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީން ވަނީ ދީފަ އެވެ.

ޗައިނާގެ އެހެން ހިސާބުތަކަށް ވެސް މި ވައިރަސް ފެތުރެމުންދާތީ، އެ ގައުމުގައި ތިބި ހުރިހާ ދިވެހިން ވެސް އެމްބަސީގައި ރަޖިސްޓަރީ ކުރަން ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

ވޫހާން ސިޓީ އިން މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ފެނުނު ވައިރަސް މިހާތަނަށް 500 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 17 މީހަކު ވަނީ މަރުވެފަ އެވެ. އެ ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ޗައިނާ އިން ވަނީ ވޫހާން ސިޓީ އާއި އެ ރަށާ ކައިރީގައި އޮންނަ ހުއާގޭންގް ނަމަކަށް ކިޔާ ރަށް ވެސް ކަރަންޓީނު ކޮށްފަ އެވެ.

ވޫހާން ވައިރަސް ފެތުރިދާނެތީ، ރާއްޖޭން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.