އައްޑޫގެ އަމާޒަކީ އިޔާދަކުރަނިވި ހަކަތަ: މޭޔަރު

އައްޑޫގައި އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، ކަރަންޓްގެ އަގު ހެޔޮކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އައްޑުގެ މެނިފެސްޓޯ ހަދަން ހިތަދޫގައި މިއަދު ފެށި ވޯކްޝޮޕްތެރޭގައި ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯބެ ވިދާޅުވި ގޮތުގައި އިޔާދަކުރަނިވި ހަކަތަ އަށް އައްޑޫ ޕީޕަލް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) އިން މިހާރު ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ކޯޕަރޭޓިވަކީ ކައުންސިލްގެ 51 ޕަސަންޓް ހިއްސާވާ ކޯޕަރޭޓިވެކެވެ.

އެގޮތުން ސޯލާ އިން ކަރަންޓް އުފައްދަން ކުރާ މަސައްކަތުގެ ދަށުން ކައުންސިލް އޮފީސްތަކާއި އައްޑޫގެ މިސްކިތްތަކާއި ސްކޫލް ފަދަ ތަންތަނުގައި ސޯލާ ޕެނެލް ހަރުކޮށްގެން އެތަންތަނުގައި ކަރަންޓް ބޭނުން ކުރުމަކީ ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަދި މިގޮތަށް އުފައްދާ ކަރަންޓް ފެނަކަ އަށް ގަންނާނެތޯ އަދި ގަންނާނީ ކިހާ ވަރަކަށްތޯ އެއީ އަޅުގަނޑުމެންގެ ސުވާލެއް،" ސޯބެ ވިދާޅުވި އެވެ. "އަމާޒަކީ އަގުހެޔޮކޮށް ކަރަންޓް ފޯރުކޮށް ދިނުން. ދުނިޔެ އަށް މިހާރު މިއޮތީ [ތިމާވެއްޓާ ރައްޓެހި] ހަކަތައިގެ އިންގިލާބެއް އަންނަން ފަށާފައި. މި ހަކަތައިގެ އިންގިލާބުގެ ތެރެއަށް ދިއުމުގެ ބަދަލުގައި އަޅުގަނޑުމެން ކީއްވެތޯ އަދިވެސް ޑީސަލުން ކަރަންޓް އުފައްދުމުގެ ނިޒާމެއް ގާއިމުކުރަންވީ؟"

މޭޔަރު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން އޮތީ ރައީސް އިބްރާހީމް މުހައްމަދުގެ ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އިޔާދަކުރަނިވި ހަކަތަ މަޝްރޫއަށް އަބަދު ވެސް އެއްބާރުލުމާއި އެހީތެރިކަން ދޭ ގޮތަށެވެ.

"އެގޮތުން ކަރަންޓްގެ ފަސްދޮޅަސް ފަސް ޕަސަންޓް އިޔާދަކުރަމިވި ހަކަތަ އަށް ހަދަން ރައީސް އޮތީ ވައުދުވެޑައިގެންފައި،" ސޯބެ ވިދާޅުވި އެވެ.

ސޯލާ އިން ކަރަންޓް އުފައްދަން ހިތްވަރު ދިނުމުގެ ގޮތުން އޭޕީސީން ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކު ފައިނޭންސް އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

އެގޮތުން އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފައިނޭސިން ފެސިލިޓީގެ ދަށުން އޭޕީސީން ވިއްކާ ސޯލާ ޕެނަލްތައް ފަސޭހަ އިން ގަތުމުގެ ފުރުސަތު އާންމުންނަށް ވަނީ ފަހިކޮށް ދީފަ އެވެ. އަދި ފައިސާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

އޭޕީސީން ބުނެފައިވާ ގޮތުގައި އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ސޯލާ ޕެނެލް ނަގާ މީހުންނަށް ފައިސާ ދައްކައި ނިމެންދެން ސޯލާ ޕެނަލް ސިސްޓަމް އިންޝޫރަންސް ކުރެވި، މައްސަލައެެއް ދިމާވެއްޖެނަމަ އެކަން އޭޕީސީން ހައްލު ވެސް ކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ސޯލާ ޕެނަލް އެމްއައިބީ މެދުވެރިކޮށް ނަގާ ކަސްޓަމަރުންނަށް ޕެނަލްތައް ހަރުކޮށް ހިދުމަތް ދިނުމުގެ ހުރިހާ ކަމެއް އޭޕީސީން ފުރިހަމަކޮށް ދޭނެ އެވެ.