އެއްމާބަނޑު ދެބެން: އެއްކޮށް ކިޔަވައި މަތީ ވަނައަށް

ދޮންތަ، މަރިޔަމް ރަޝާ ޒުހުރީ އަދި ކޮއްކޮ ފާތިމަތު ރަހާ ޒުހުރީއަކީ އަބަދުވެސް ކިޔެވުމަށް މޮޅު، އިތުރު ހަރަކާތްތަކުގައި ވިދާލި އެއްމާބަނޑު ދެބެއިންނެވެ. އުފަން ރަށް، ނ. ހޮޅުދޫގެ މޭނާ ސްކޫލުން މިިދިޔަ އަހަރު އެންމެ ވިދާލި ދަރިވަރުންގެ ތެރޭގައި ދެބެން ހިމެނެ އެވެ. އެކުއެކީގައި، އެއް ކްލާހެއްގައި ކިޔަވަމުން އަންނަ ދެބެއިން، މިދިއަ އަހަރުގެ އޯ ލެވެލްގެ ގަދަ 10 ގައި ހިމެނޭނެ އެވެ.


ދެ ކުދިންގެ މަންމަ، އައިޝަތު ރަޝީދާ ބުނީ ރަޝާ އާއި ރަހާއަކީ އެންމެ ކުޑައިރުއްސުރެ އެއްކޮށް ކިޔަވަމުން އައި ދެ ކުދިން ކަމަށެވެ. ދެ ކުދިން އެކަކު އަނެކަކާ ވާދަކުރި ކަމަށް ވިއަސް ކިޔެވުމުގެ ހުރިހާ ވަގުތެއް ހޭދަކުރީ އެކީގަ އެވެ.

"އެކަކަށް ނޭނގޭ އެއްޗެއް އަނެކަކު ބުނެދޭނެ. ދެ ކުދިން އެއްކޮށް މުޅިން ވެސް ކިޔަވާނީ،" ރަށު ސްކޫލުގެ ގްރޭޑު ދޭއްގެ ޓީޗަރަކަށް މަސައްކަތް ކުރަމުން އަންނަ އައިޝަތު ބުންޏެވެ.

ރަޝާ އަދި ރަހާ، ދެ ކުދިންގެ މަންމަ އާއި ބައްޕައާ އެކު، މިދިއަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ފަހު

އޭނާ ބުނި ގޮތުގައި ދެ ކުދިން ތަރުބިއްޔަތު ކުރިއިރު އެންމެ ބޮޑު ސަމާލުކަމެއް ދިނީ ދީނީ ކަންކަމަށް ފަރުވާ ބެހެއްޓުމަށެވެ. ބަރާބަރަށް ނަމާދުކުރެ އެވެ. ބޭރުތެރޭގައި ގިނަ ވަގުތު ހޭދަކުރުމުގެ ބަދަލުގައި އިސްކަން ދެނީ އާއިލާއާ އެކު ގޭގައި ވަގުތު ހޭދަކުރަން ކަމަށް، މަންމަ ބުންޏެވެ.

ރޭގަނޑު އަވަހަށް ނިދައި، ދަމު ނަމާދަށް ހޭލުމަކީ މިދިޔަ އަހަރު ސްކޫލުގެ ސީނިއާ ޕްރިކެޓަކަށް އުޅުނު ރަޝާ އާއި ރަހާގެ އާދަ އެވެ.

މިދިޔަ އަހަރު ސައިންސް ކްލަބްގެ ރައީސްކަން ރަހާ ކުރި އިރު، ދިވެހި ކްލަބުގެ ރައީސަކީ ރަޝާ އެވެ.

އައިސްތު ބުނީ ގްރޭޑު ހަޔަކުން ފަށައިގެން ނުވަޔަކާ ހަމައަށް ޓިއުޝަން ދިނީ އިނގިރޭސި މާއްދާއިން އެކަނި ކަމަށެވެ. ނަމަވެސް ގްރޭޑު 10 ގައި ހުރިހާ މާއްދާއަކުން ކަހަލަ ގޮތަކަށް ޓިއުޝަން ނެގި އެވެ.

ރަޝާ(ވ) އަދި ރަހާ(ކ)، ކޮއްކޮއާ އެކުގައި.

ރަޝާ ބުނި ގޮތުގައި ކްލާހާއި ސްކޫލު ތެރެއިން ވަރަށް ގިނަ ގޮންޖެހުންތަކާ ދިމާވި އެވެ. އެ ހުރިހާ ކަމެއް ގިރާކޮށް ވެސް ރަނގަޅު ނަތީޖާއެއް ހޯދުމުން އުފާވާ ކަމަށް ބުންޏެވެ. އެކަމަކު ލިބުނީ އެންމެ އުއްމީދުކުރި ނަތީޖާއެއް ނޫނެވެ.

"އުއްމީދުކޮށްގެން ހުރީ މިއަށް ވުރެ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް. އެކަމަކު އޯ ލެވެލްގައި މި ލިބުނު ނަތީޖާއިން ދެން އޭ ލެވެލްގައި ވަރަށް ރަނގަޅަށް ކިޔަވާނަން،" ރަޝާ ބުންޏެވެ.

ގުރުއާން މުބާރާތާއި މަދަހަ މުބަރާތާއި ކުޅިވަރުގެ ހުރިހާ މުބާރާތްތަކެއްގައި ވެސް އެއްކޮށް ވާދަކޮށް ދެ ކުދިން ވަނަތައް ހޯދި އެވެ.

މި އަހަރު އޯ ލެވެލް ހަދާ ދަރިވަރުންނަށް ރަޝާ އާއި ރަހާ ދޭ ނަސޭހަތަކީ މިއީ އެވެ؛ ރަނގަޅަށް މަސައްކަތްކޮށް ދީނީ ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ. އެހާ ބޮޑަށް ހާސް ނުވެ، ތާޒާ ސިކުނޑިއަކާ އެކު އިމްތިހާނު ހެދުން ބުއްދިވެރި އެވެ.