އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓަކަށް ކޯސްޓް ގާޑުން އެހީތެރިވަނީ

އިންޖީނު ހުއްޓުމުގެ ސަބަބުން، ހާލުގައި ޖެހުނު ސްރީ ލަންކާގެ މަސް ބޯޓަކަށް ރާއްޖޭގެ ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.


އެމްއެންޑީއެފުން މިރޭ ބުނީ، ހަ މީހުން ތިބި އެ ބޯޓު މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުން އޮޔާދާ ކަމުގެ މައުލޫމާތު ކޯސްޓް ގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ފަހެއް ޖަހާކަން ހާއިރު ކަމަށެވެ. އެކަމަކު، އިންޖީނު ހުއްޓި، ބޯޓު އޮޔާދާ ކަމުގެ މައުލޫމާތު ލިބުނީ ރާއްޖޭގެ ސަރަހައްދުން ބޭރު ކަނޑުގައި ކަމަށް ވާތީ، އެމްއާރުސީސީން އައީ ބޯޓުގެ ހަރަކާތްތައް މޮނީޓަ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ނަމަވެސް މި ވަގުތު ކ. ދިއްފުށީގެ އިރު އުތުރުން 58 ނޯޓިކަލް ބޭރުގައި އޮތް އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓް ގާޑް ނޫރައްދީން ލޯންޗު މިހާރު ދަތުރުކުރަމުންދާ ކަމަށް ކޯސްޓް ގާޑުން ބުނެ އެވެ. ބޯޓު އޮތް ސަރަހައްދަށް ކޯސްޓް ގާޑު ލޯންޗަށް ދެވޭނެ ކަމަށް ލަފާކުރަނީ މިރޭ 9:30 އެވެ.