ކޮރޯނާވައިރަސް: ރައްކާތެރިވުމަށް ބޭނުންވަނީ ކުރީގެ ރޯގާތަކާ އެއްފަދަ ފިޔަވަޅުތަކެއް: ޑަބަލިޔުއެޗުއޯ

މިހާރު ނުރައްކަލަކަށް ވެފައިވާ ނޮވެލް ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ފަރުދީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް، މީގެ ކުރިން މި ބާވަތުގެ އެހެން ވައިރަސްތައް ފެތުރުނު އިރު އެޅި ފިޔަވަޅުތަކާ މާ ބޮޑު ތަފާތެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިއްޔެ ބުނެފި އެވެ.


ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު "މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން އަޅަންވީ ވަރަށް އާދައިގެ ފިޔަވަޅުތަކެއް ކަމަށެވެ. ނަމަވެސް އެއީ އަބަދުވެސް ގެންގުޅެން ރަނގަޅު އާދަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަަށް ގިނަ ގިނައިން އަތް ދޮވުން، އަތް ދޮންނަ އިރުގައި ސައިބޯނި ލައިގެން އަތް ދޮވުން. ކެއްސާ ކިނބިހި އަޅާ އިރު އަނގަޔާއި ނޭފަތް ނިވާކުރުން. މިއީ އާއްމުކޮށް ވެސް ހަމަ އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް،" ކޮރޯނާވައިރަސްގެ ނުރައްކާތެރކަމުން ސަލާމަތްވާން އެޅޭނެ ފިޔަވަޅުތަކުގެ މިސާލު ދައްކަވަމުން ޑރ. މާތޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ މުހިއްމު އަނެއް ކަމަކީ ފަރުވާތެރިވެ، ހޭލުންތެރިވުމެވެ. އެގޮތުން ވައިރަސްއާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް، އިތުބާރުކުރެވޭ މަސްދަރުތަކުން އަބަދުމެ ހޯދައިގެން ތިބެން އޭނާ އިލްތިމާސް ކުރެއްވި އެވެ.

ޑަބްލިއެޗްއޯގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު. އޭނާ ވިދާޅުވީ ރާއްޖޭގެ ތައްޔާރީތައް ރަނގަޅުކަމަށް.

ހުން އައުމާއި ކެއްސުމާއި ނޭވާ އަށް އުނދަގޫވުން ފަދަ ކަމެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިކަން ހޯދުމަކީ ޑަބްލިއުއެޗްއޯގެ ވެސް އިލްތިމާސެވެ.

ޑރ. މާތޫރު ވިދާޅުވީ އެފަދަ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދައްކާ ނަމަ، ބޭރު ދަތުރުތައް ކޮށްފައިވާ ތަންތަނާ ބެހޭ މައުލޫމާތު ދިނުން ވަރަށް މުހިއްމު ކަމަށެވެ. "އަޅުގަނޑު އިލްތިމާސްކުރަން، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އާއްމުކޮށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން. އެއީ އަތްތިލައިގެ ސާފުތާހިރުކަން، އެއީ ގިނަ ގިނައިން އަތް ދޮވުން، ފަދަ ކަންކަން،" އޭނާ ވިދާޅުވި އެވެ.

"ބޭރަށް ދަތުރުކޮށްފައިވާ ނަމަ އެ ދަތުރުތަކުގެ ތަފްސީލު، ހާއްސަކޮށް މި ހާލަތުގައި ދޭންވާނެ."

ރާއްޖެއަކީ ކާބޯތަކެތީގެ ގިނަ ބާވަތްތައް އިމްޕޯޓް ކުރާ ގައުމަކަށް ވާތީ، ކާބޯތަކެތީގެ ބާވަތްތައް ގެންގުޅުމުގައި އިތުރަށް ސަމާލުވާންވީ ކޮންކޮން ކަންތައްތަކަށްތޯ ސުވާލުކުރުމުން އޭޭނާ ވިދާޅުވީ އަޅަން ޖެހޭނީ ކުރިއްސުރެ އޮތް ގައިޑްލައިންތަކުގައިވާ ފިޔަވަޅުތައް ކަމަށެވެ.

"ކާބޯތަކެތީގެ ތާހިރުކަމަށް ކުރަން ޖެހޭ ކަންތައްތައް، އެއީ ހަމަ އެއް ކަންތައްތަކެއް މި ހާލަތުގައި ވެސް. އާ އިރުޝާދުތަކެއް ނެތް،" ޑރ. މާތޫރު ވިދާޅުވި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރަންވީ ކަންތައްތައް

- ސާފުތާހިރުކޮށް ކާބޯތަކެތި ގެންގުޅުން

- ކައްކާފައިވާ ތަކެއްޗާއި ރޯ އެއްޗެހި ވަކިން ގެންގުޅުން.

- ކައްކައިގެން ބޭނުންކުރަން ޖެހޭ ބާވަތްތައް ރަނގަޅަށް ކެއްކުން

- ފިނިހޫނުމިން ރަނގަޅު މިންގަނޑުގައި ދެމެހެއްޓުން

- ރައްކާތެރި ބޯފެނާއި ރޯ ބާވަތްތައް ބޭނުން ކުރުން

ޑަބްލިއުއެޗްއޯގެ މި އިރުޝާދުތައް ފުރިހަމަ ތަފްސީލާ އެކު 87 ބަަަހަކަށް ތަރުޖަމާކޮށް ދުނިޔޭގެ ގައުމުތަކުގައި ބޭނުންކުރެ އެވެ.