ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސްގެ އާ ވައްތަރު، "ނޮވެލް ކޮރޯނާވައިރަސް" ރާއްޖޭގައި ފެތުރިދާނެތީ ހެލްތު މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން އިދާރާތަކުން ފިޔަވަޅު އަޅަމުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިރުޝާދާ އެއްގޮތަށް ކަމަށް އެ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ޑަބްލިއުއެޗްއޯގެ ފަރާތުން ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ރީޖަނަލް އޮފީހާއި ރާއްޖޭގައި ހުންނަ އޮފީހުގެ އިރުޝާދާއި އެހީތެރިކަމާ އެކު ހެލްތު މިނިސްޓްރީން އެޅި ފިޔަވަޅުތައް ވަރަށް ރަނގަޅު ކަމަށެވެ. ކޮރޯނާވައިރަސް އަރާފައިވާ މީހަކު އެތެރެވެދާނެތީ ބަލަމުން އަންނަ ބެލުންތަކާއި ޝައްކުވާ މީހެއް ފެނިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާފައިވާ ގޮތް ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރުޝާދު ދިނުމުން މިނިސްޓްރީން އަމަލުކުރި ކަމެއް އެއީ މީހުން އެކަހެރި ކުރާނެ ތަނެއް ކަަނޑައެޅުން ވެސް. [ވައިރަސް އަރާފައިވާކަމަށް ޝައްކުކުރެވޭ މީހުން] އެއް ތަނުން އަނެއް ތަނަށް ގެންދަން ހަމަޖައްސާފައިވާ އިންތިޒާމްތައް، އެމްބިއުލާންސްތައް ހާއްސަކުރުން ކަހަލަ ފިޔަވަޅުތައް އަޅާފައިވާ ގޮތާ މެދުގައި ވެސް ވަރަށް ހިތްހަމަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މާތޫރު ވިދާޅުވި ގޮތުގައި ވައިރަސް ހުރި ކަމަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ފެނިއްޖެ ނަމަ އެކަން އަންގަން ހޮޓްލައިންއެއް ގާއިމްކޮށްފައި ވުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދިނުން ފަދަ ކަންތައްތައް ވެސް ރާއްޖެއިން ކުރަމުން އަންނަނީ ވަރަށް ރަނގަޅަށެވެ.

ޑަބްލިއުއެޗްއޯގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެލް ކޮރޯނާވައިރަސް އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 4،537 އެވެ. އެކަމަކު އެ ވައިރަސް އަރާފައިވާ ކަމަށް ޝައްކު ކުރެވޭ 6،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެ ވައިރަހުން ޖެހޭ ރޯގާގެ ސަބަބުން މަރުވި މީހުންގެ އަދަދަކީ 106 އެވެ.

ޓެސްޓްކުރަން ވެސް ފުރިހަމަ އެއްބާރުލުން ދޭ

މާތޫެރު ވިދާޅުވީ ރާއްޖެ އަށް އަންނަ މީހަކު ނޮވެލް ކޮރޯނާ ވައިރަސް އަށް ޓެސްޓްކުރަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައަޅަނީ ވެސް ޑަބްލިއުއެޗްއޯ އިން ދީފައިވާ މައުލޫމާތާ އެއްގޮތަށް، ޑަބްުލިއުއެޗްއޯގެ މާހިރުންގެ ލަޔަފާއި އިރުޝާދާ އެކުގަ އެވެ. އެގޮތުން މީހަކު ޓެސްޓްކުރަން ޖެހިއްޖެ ނަމަ އެ އިންތިޒާމްތައް ހަމަޖައްސައިދީފައިވާ ކަމަށާއި 48 ގަޑި އިރުގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޫހާން ވައިރަސް އަށް މީހަކު ޓެސްޓްކުރުމާ މެދު ގޮތެއް ނިންމުމުގައި އަދިވެސް އެންމެ އިސްކަންދޭ ކަމަކީ އަލާމާތްތައް ހުރި މީހާ ދަތުރުކޮށްފައިވާ ގޮތެވެ. އެގޮތުން އޭނާ އަކީ ޗައިނާގެ ވޫހާން އަށް ދަތުރުކޮށްފައިވާ މީހެއްތޯ، ނުވަތަ ދަތުރުކޮށްފައިވާ މީހަކާ ބައްދަލުވި މީހެއްތޯ ބަލާނެ އެވެ.

"ފާހަގަކޮށްލަން ޖެހޭ މުހިއްމު ކަމަކީ ހުމާއި ކެއްސުން ފަދަ އަލާމާތްތައް ހުރީތީ ޓޫރިސްޓަކު ސްކްރީން ކުރުމުގެ މާނަ އަކީ އަދި އެމީހުން ނޮވެލް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވުމެއް ނޫންކަން. ހުން އައުމާއި ކެއްސުމަކީ އެހެން ގިނަ ވައިރަލް އިންފެކްޝަންތަކެއްގައި ވެސް ފެންނަ އަލާމާތްތައް،" މާތޫރު ވިދާޅުވި އެވެ.

އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް އެހީތެރިކަން ހޯދާ

ހުން އައުމާއި ކެއްސުން އަދި ނޭވާ އަށް އުނދަގޫވުން ފަދަ ކަމެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިކަން ހޯދުމަކީ ޑަބްލިއެޗްއޯގެ ވެސް އިލްތިމާސެކެވެ. މާތޫރު ވިދާޅުވީ އެފަދަ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދައްކާ ނަމަ، ދަތުރުކޮށްފައިވާ ތަންތަނާ ބެހޭ މައުލޫމާތު ދިނުން ވަރަށް މުހިއްމު ކަމަށެވެ.

"އަޅުގަނޑު އިލްތިމާސްކުރަން، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އާއްމުކޮށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން. އެއީ އަތްތިލައިގެ ސާފުތާހިރުކަން، އެއީ ގިނަ ގިނައިން އަތް ދޮވުން. އަދި ކެއްސާ ކިނބިހި އަޅާ އިރު ރައްކާތެރިވުން، އެއީ އަނގަޔާއި ނޭފަތް ނިވާކުރުން ފަދަ ކަންތައްތަކަށް ސަމާލުވާން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާބޯތަކެތި ތައްޔާރުކުރުމާއި ގެންގުޅުމުގައި ވެސް ސާފުތާހިރުކަމުގެ މިންގަނޑުތަކަށް މިހާލަތުގައި ކުރިއަށް ވުރެ އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

"ފަރުވާތެރިވެލައްވާ، އަދި ސަމާލުކަން ދެއްވާ. ސިއްހަތު އެންމެ ރަނގަޅަށް ނެތީސް ދަތުރުކުރަން ޖެހިއްޖެ ނަމަ ސިއްހީ ހިދުމަތްތެރިންނާ ވާހަކަ ދައްކަވާ،" އޭނާ ވިދާޅުވި އެވެ.