ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރިފައިވާ ޗައިނާގައި ތިބި ދިވެހިން ރާއްޖެ ގެނެސް އެ މީހުންނާ މެދު އަމަލުކުރާނީ އެހެން ގައުމުތަކުން ވެސް އަމަލުކުރާ ގޮތަށް ކަމަށާއި އެ މީހުން އެކަހެރިކުރުމުގައި ވެސް އެގޮތަށް އަމަލުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭން ވެފައިވާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، ޗައިނާގައި ތިބި އެހެން ގައުމުތަކުގެ މީހުން ވެސް އެ މީހުންގެ ގައުމަށް ގެންދަން މަސައްކަތްކުރާ ކަމަށެވެ.

"ރާއްޖެ ހިމެނޭގޮތަށް، ހުރިހާ ގައުމަކުން ވެސް އެ ގައުމެއްގެ ރައްޔިތުން ގެންނަ ހާލަތަށް ދިޔައީމަ، އެތަނުން ގެންނަ ފަރާތްތަކާ ދޭތެރޭ އަމަލުކުރާނީ އެއްގޮތަކަށް. އެއީ އައިސޮލޭޝަންގެ ގޮތުގައި ވިއަސް އަމަލުކުރާނީ އެއްގޮތަކަށް. އެ އިންތިޒާމްތައް އެގޮތަށް ކުރިއަށްދާނީ ރާއްޖޭގައި ވެސް،" އަމީން ވިދާޅުވި އެވެ.

ވޫހާން ސިޓީގައި ހަ ދިވެއްސަކު އެބަތިއްބެވެ. އެ އެންމެންގެ ހާލު ރަނގަޅެވެ. ސަރުކާރުން ވަނީ އެ މީހުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފަ އެވެ. އޭގެ އިތުރުން ޗައިނާގެ ފަސް ސަރަހައްދެއްގައި ދިރިއުޅޭ ދިވެހިން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެންނަން ވަނީ ނިންމައިފަ އެވެ.

ކޮރޯނާވައިރަސްގެ ނުރައްކާތެރި ބޮޑުވެއްޖެ ނަމަ، މީހުން ކަރަންޓީން ކުރާ ތަނެއްގެ ގޮތުގައި، މާލެ ކައިރީގައި އޮންނަ ފުނަދޫ ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު އެހެން ހާލަތްތަކުގައި ހުޅުމާލޭ ޕްރީސްކޫލްގައި ވެސް ކަރަންޓީން ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކަރަންޓީން ކުރާ ތަނާ ހަމައަށް މީހުން ގެންދިއުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ޗައިނާ އިން ވަނީ، ވައިރަސް ފުރަތަމަ ފެނުނު ވޫހާން ސިޓީ އާއި އެ ތަނާ ކައިރީގައިވާ ބައެއް ސަރަހައްދުތައް ކަރަންޓީނު ކޮށްފަ އެވެ. ކަރަންޓީނު ކޮށްފައިވާ ސަރަހައްދުގެ އާބާދީ 56 މިލިއަނަށް އަރަ އެވެ.

މިހާތަނަށް 6،000 މީހުންނަށް ވައިރަސް އަރައި އޭގެ ތެރެއިން 132 މީހަކު މަރުވެފައިވެ އެވެ. އިތުރު ގައުމުތަކުން ވެސް ދަނީ ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހުން އެ ބައްޔަށް ޓެސްޓުކުރަމުންނެވެ.