ރާއްޖޭގައި ކޮރޯނާވައިރަސްގެ ނުރައްކާތެރި ބޮޑުވެއްޖެ ނަމަ، މީހުން ކަރަންޓީން ކުރާ ތަނެއްގެ ގޮތުގައި، މާލެ ކައިރީގައި އޮންނަ ފުނަދޫ ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް، އެކި ގައުމުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އަދި އެ ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ، ކަރަންޓީން ކުރުމަށްޓަކައި ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު އެ ވައިރަސް ހުރި މީހަކު މިހާތަނަށް ރާއްޖެ އިން ނުފެންނަ ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުންޏެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ހުޅުމާލޭ ޕްރީސްކޫލްގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ކޮރޯނާވައިރަސްގެ ނުރައްކާތެރި ކަން އިތުރަށް ބޮޑުވެއްޖެ ނަމަ، ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ވެސް ކަރަންޓީން ކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކަރަންޓީން ކުރާ ތަނާ ހަމައަށް މީހުން ގެންދިއުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މިހާރު ނިންމަވާފައި ވަނީ މާލެ ކުރިމަތީގައި މި އޮތް ފުނަދޫ އަކީ ވެސް މީތި [ކޮރޯނާވައިރަސް] ފުޅާވެއްޖެ ހިނދެއްގައި އައިސޮލޭޝަން ރަށެއްގެ ގޮތުގައި، އެ ރަށުގައި މިހާރު ހުރި ޖާގަ ބޭނުން ކުރެވޭ ގޮތަށް،" އަމީން ވިދާޅުވި އެވެ.

ހުޅުމާލޭގެ ޕްރީ ސްކޫލްގައި މިހާރު ގާއިމް ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ، ހެލްތު މިނިސްޓަރު އަމީން މިއަދު ބައްލަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
ހުޅުމާލޭގެ ޕްރީ ސްކޫލްގައި މިހާރު ގާއިމް ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ، ހެލްތު މިނިސްޓަރު އަމީން މިއަދު ބައްލަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލޭ ޕްރީ ސްކޫލަކީ އައިސޮލޭޝަން ފެސިލިޓީއެއް ކަމަށް ކަނޑައެޅީ، އެތަން އިމާރާތް ކޮށްފައިވާ ގޮތަށް ބެލުމަށް ފަހު، އެއީ އެންމެ އެކަށީގެންވާ ތަން ކަމަށް ނިންމުމުންނެވެ. އަދި އެފަދަ ނުރައްކާތެރި ބަލިތައް ޖެހޭ މީހުން ކަރަންޓީން ކުރެވޭނެ ދާއިމީ ތަނެއް ރާއްޖޭގައި މިހާރު ނެތުމުން އެފަދަ ތަނެއް ހެދުމަށް މިހާރު ވިސްނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަން ދިމާވިއިރު ހިމަބިހީގެ ކަންތަކުގައި އަޅުގަނޑުމެން އެންމެ ފުރަތަމަ އައިސޮލޭޝަން ފެސިލިޓީއަކަށް މަސައްކަތް ކުރަން މި ޖެހުނީ. އަޅުގަނޑުމެން ދާއިމީ އައިސޮލޭޝަން ފެސިލިޓީއަކާ ދޭތެރޭގައި މަސައްކަތް އެބަ ކުރަން." އަމީން ވިދާޅުވި އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ސްކްރީން ކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ބައެއް މީހުންނާ މިހާރު ދަނީ ސުވާލު ކުރަމުންނެވެ. އަދި އެކަމާ ބެހޭ މައުލޫމާތު ދިނުމަށްޓަކައި ޚާއްސަ ހޮޓްލައިނެއް ވެސް މިހާރު ގާއިމް ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.