ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 6 އަށް އިތުރުކޮށްފި

ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ މުޅި ރާއްޖެ އަށް އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.


ކޮވިޑް-19ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭން ބޭނުންކުރާ ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަކަތަކާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަފުޅަށް މަގާމުގެ ޒިންމާތަކުން އެކަހެރިވެ ވަޑައިގެން ހުންނެވުމާ އެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުގެ ގަރާނު ނެރުއްވީ ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ސޮއިކުރައްވައިފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވޭނީ ސީދާ ހެލްތު މިނިސްޓަރަށް ކަމަށް ގާނޫނުގައި އޮންނަ ކަމަށާއި އެހެންވެ ވަގުތީ ގޮތުން މަގާމުގެ ޒިންމާއާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް މިކަން ކުރެއްވޭނެތޯ ބައެއް މީހުން ވަނީ ކުރިން ސުވާލު އުފައްދައިފަ އެވެ. ނަމަވެސް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި، ވަކި މަގާމެއްގައި ހުރި މީހަކަށް ވަކި ގާނޫނަކުން ބާރުތަކެއް ލިބިދޭކަމަށްވާ ނަމަ، އެހެންގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، އެ މަގާމު ވަގުތީގޮތުން ފުރާ މީހާއަށާއި އޭނާގެ ގާއިމު މަގާމުގެ ގޮތުގައި މަސައްކަތްކުރާ މީހާއަށް ވެސް އެ ބާރުތައް ލިބިގެންވާ ކަމަށް އޮވެ އެވެ.

މިނިސްޓަރު އަސްލަމް މިރޭ ނެރުއްވި ގަރާރުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފައި ވަނީ ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް ކަމަށާއި، އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނު ކުރެއްވީ މިދިޔަ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން ހަތް ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކޮށްފައިވެ އެވެ.

އެންމެ ފަހުން އިއުލާނު ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު މިރޭ 12:00 އަށް ހަމަވާނެ އެވެ.

މިހާތަނަށް 8,584 މީހުން ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވެފައިވާއިރު މިދިޔަ މަހު އެކަނި ވެސް 3،815 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެއީ 5،395 މީހުންނެވެ.