ގަމާއި ވިލިނގިލީގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވައިފި

ކޮވިޑް-19 އަށް ފަރުވާދިނުމަށް އަތޮޅުތަކުގެ ތެރޭގައި ގާއިމްކުރާ ފެސިލިޓީތަކުގެ ތެރެއިން ލ. ގަމާއި ގއ. ވިލިނގިލީ މެނޭޖްމަންޓް ފެސިލިޓީ ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.


ހެލްތު މިނިސްޓްރީން ބޭއްވި ވާޗުއަލް ރަސްމިއްޔާތެއްގައި އެ ދެ ފެސިލިޓީ ހުޅުވާފައިވާއިރު، ގަމު ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ، ގަމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ހުންނަނީ 47 އެނދު ކަމަށެވެ. އެއީ އައިސީޔޫގެ 20 އެނދާއި އައިސޮލޭޝަނަށް 15 އެނދުގެ އިތުރުން ކަރަންޓީނު ކުރާ މީހުންނަށް ޚާއްސަ 12 އެނދެވެ.

ވިލިނގިލީ ކޮވިޑް-19 މެނޭޖްމަންޓް ސެންޓަރުގައި 23 އައިސީޔޫ އެނދާއި ވެންޓިލޭޓަރުގައި ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ގަމާއި ވިލިނގިލީ ކޮވިޑް މެނޭޖުމަންޓު ސެންޓަރުގައި ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކޮވިޑް-19 އަށް ދުނިޔޭގައި ވެކްސިނެއް އުފެއްދުމުން، އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން އެކަން އެގޮތަށް ކުރުމަށް މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ ހިމެނިފައި ވަނީ ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޓެސްޓު ކުރަން ވެސް ފެށި ގައުމުތަކުގެ ތެރޭގަ އެވެ. އެއީ ވެސް ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުން ސަރުކާރުން ފުޅާކުރަމުން އަންނައިރު، ޑަބްލިއުއެޗްއޯ އިން ވަނީ އެކި ފަހަރު މަތިން ޓެސްޓު ކިޓާއި އެހެނިހެން އެހީތެރިކަން ދީފަ އެވެ،

ރާއްޖެ އިން ކޮވިޑް-19، މިދިޔަ މާޗް 7 ގައި ފެނުމާ އެކު ސަރުކާރުން އަމާޒު ހިފީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެ ބައްޔަށް ފަރުވާ ދެވޭނެ ނިޒާމު ގާއިމް ކުރުމަށެވެ. އެގޮތުން، މިހާރު ވަނީ އަތޮޅުތެރޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ފަރުވާދެވޭނެ ފެސިލިޓީތައް ގާއިމްކޮށްފަ އެވެ. އެއީ ލ. ގަމާއި ގއ. ވިލިނގިލީގެ އިތުރުން ށ. ފުނަދު އާއި ބ. އޭދަފުއްޓާއި އައްޑޫ އެވެ.

މީގެ ތެރެއިން އައްޑޫ ފިޔަވައި އެހެން ސަރަހައްދުތަކުގައި މިހާރު ވަނީ ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފަ އެވެ.

އެޗްޕީއޭ އިން ބުނީ މި ފެސިލިޓީތަކުގައި ކޮވިޑް-19 ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދެވޭނެ ގާބިލްކަން ހުންނާނެ ކަމަށެވެ.

ކޮވިޑް-19 އަށް ހާއްސަކޮށްގެން ފުރަތަމަ ފެސިލިޓީއެއް ގާއިމް ކުރީ ހުޅުމާލޭގަ އެވެ. ގާތްގަނޑަކަށް 300 އެއްހާ މީހުންގެ ޖާގައިގެ އެ ފެސިލީޓީގައި މިހާރު ބާކީ ހުރީ މަދު އެނދެއް ކަމަށް އައިޖީއެމްއެޗްއިން ބުނެފައި ވެ އެވެ.