ޔާމީން ރަޝީދަށް ހަމަލާދިން މީހުން އެ ގޭގެ ސިޑި ގޮޅީގައި ހަރަކާތްތެރިވަނީ: އެ މައްސަލާގައި ހަ މީހަކަށް ދައުވާ ކުރޭ
30 ޖެނުއަރީ 2020 - 15:01
ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދިފާއީ ހެކިންގެ ހެކިބަސް ނެގުން މިއަދު ނިމި، އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން އަންނަ މަހު ބާއްވަން ކްރިމިނަލް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
ޔާމީން އުޅުނު ގޭގެ ސިޑި ކައިރީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއިލް ރަޝީދުގެ އިތުރުން މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލާގައި މި މަހު ޚުލާސާ ބަޔާން ހުށަހެޅުމަށް ފަހު މިއަދު ހުކުމް އިއްވަން ކުރިން ހަމަޖައްސާފައި އޮތަސް، ދިފާއީ ހެކިން ހާޒިރު ނުކުރެވުމުންނާއި ބައެއް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުމުން މިއަދު ހަމަޖައްސާފައި އޮތީ ދިފާއީ އެންމެ ފަހު ހެކިވެރިޔާގެ ހެކިބަސް ނަގާ ގޮތަށެވެ.
ޒިހާންގެ ފަރާތުން ހުށަހެޅި އެ ހެކިވެރިޔާ މިއަދު ހާޒިރެއް ނުކުރެ އެވެ. އެކަމާ ގުޅޭގޮތުން ޒިހާންއާ ގާޒީ ސުވާލު ކުރެއްވުމުން އޭނާ ބުނީ އެ ހެކިވެރިޔާގެ ހެކިބަސް މިހާރު ނަގަން ބޭނުން ނުވާ ކަމަށެވެ. އޭގެ ކުރިން ވެސް ދައުވާލިބޭ އެހެން މީހުން ވަނީ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް ބުނެ، ދިފާއީ ހެކިން ދޫކޮށްލައިފަ އެވެ.
އެހެންވެ، އެ މައްސަލާގައި ދިފާއީ ހެކިންގެ ހެކިބަސް ނެގުން އެއްކޮށް ނިމުނީ ކަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން އިއުލާން ކުރެއްވި އެވެ. އަދި ދެން އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުން ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވި އެވެ.
ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށް ގެންދަން ދެކޮޅު ނަހަދާ ކަމަށް ދައުލަތުން ބުންޏަސް، ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު އެދިވަޑައިގަތީ އެ ދެ ބައި ވަކިން ކުރިއަށް ގެންދިއުމަށެވެ. އަދި ހެކިންގެ ބަޔާންތައް އަދިވެސް ނުލިބޭތީ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ދަތިވާނެ ކަމަށް ވިދާޅުވެ، އެކަން މައުމޫން ފާހަގަ ކުރެއްވި އެވެ.
ގާޒީ އަލީ ރަޝީދު ވިދާޅުވީ ހެކިންގެ ބަޔާންތައް ދޫ ނުކުރެވި އޮތީ ބަޔާންތަކުގައި އެ މީހުންނަށް ސޮއި ނުކުރެވޭތީ ކަމަށާއި އެއީ ސިއްރު ހެކިވެރިންނަށް ވާތީ އެ މީހުން ކޯޓަށް ހާޒިރު ކުރަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ އަލީ ރަޝީދު ވިދާޅުވީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުން އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާނެ ކަމަށާއި އަދި ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އެ މަހުގެ 27 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. އަދި އެ އަޑުއެހުން ބޭއްވުމުގެ ކުރިން ހެކިންގެ ބަޔާންތައް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެކަމަކު ހުކުމް އިއްވާނެ ވަކި ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
30 January 2020
އެއްވެސް މައްސަލަ އެއްގަ ސިއްރު ހެކީން ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. އޭރުން ބަޔަކު ރާވައިގެން ނުހައްގުން އަދަބު ދީފާނެ އެވެ.