ރައީސް ޔާމީނާއި ރައީސް ޔާމީން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: މަޝްވަރާގައި ޕީޕީއެމް ތަމްސީލުކުރާނެ މަންދޫބުން ކައުންސިލުން ކަނޑައެޅެން ނެތް ކަމަށް ރައީސް އޮފީހަށް ވަނީ އަންގާފައި. --ފޮޓޯ: ރައީސް އޮފީސް
05 އޮކްޓޯބަރ 2016 - 15:12
ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބައިވެރިވާނެ މަންދޫބުން ކައުންސިލުން ކަނޑައެޅެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އަންގަވައިފި އެވެ.
ރައީސް ޔާމީނަށް ފޮނުއްވި ސިޓީއެއްގައި މައުމޫން މިގޮތަށް އެންގެވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުންގެ ނަންތައް އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށް ފަހު ފޮނުވަން ރައީސް އޮފީހުން އިއްޔެ ޕީޕީއެމަށް ސިޓީއެއް ފޮނުވުމާ ގުޅިގެން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމަށް ދިމާވެފައިވާ "ކަންތައްތަކަކާ" ހެދި ރައީސް އޮފީހުގެ އެންގުމާ އެއްގޮތަށް މިވަގުތު އަމަލުކުރެވެން ނެތް ކަމަށް ސިޓީގައި މައުމޫން ވިދާޅުވި ކަމަށެވެ.
ޕީޕީއެމްގެ ކައުންސިލް މިވަގުތު ބޭއްވެން ނެތް ކަމަށް ވެސް އެ ސިޓީގައި މައުމޫން ވަނީ ވިދާޅުވެފަ އެވެ. ސަބަބަކީ، އެ ޕާޓީގެ އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައެއް މެމްބަރުން އިހުތިޖާޖުކޮށް ކޯރަމް ގެއްލުވާލައި ނުކުމެވަޑައިގެން ޕާޓީގެ ރައީސާ ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައިވާތީ ކަމަށް ސިޓީގައި މައުމޫން ތަފްސީލުކޮށްދެއްވާފައިވާ ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކައުންސިލް ބޭއްވެން ނެތް ނަމަވެސް ޕީޕީއެމް ހިންގުމަކީ އެ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތަކަށް ވާތީ، މަޝްވަރާ މަންދޫބުން ކަނޑައެޅީ ރައީސަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން ކަމަށް ވެސް ރައީސް އޮފީހަށް ވަނީ އަންގައިފަ އެވެ.
މަޝްވަރާގެ މަންދޫބުންގެ ނަންތައް ފޮނުވަން ޖެހޭނީ ކައުންސިލުން ނިންމައިގެން ކަމަށް ސަރުކާރުން ޕާޓީތަކަށް ކުރިން ފޮނުވި ސިޓީގައި ބުނެފައެއް ނުވެ އެވެ. މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ދެ ވަނަ ސިޓީއަކުން މިގޮތަށް އެންގީ، މަޝްވަރާގައި ޕީޕީއެމް ތަމްސީލްކުރައްވާނީ ފާރިސް އާއި ވައްޑެ ކަމަށް އެ ޕާޓީން ނިންމައި ރައީސް އޮފީހަށް ސިޓީ ފޮނުވުމުންނެވެ.
އެހެންވެ، މަންދޫބުން ކަނޑައެޅުމަށް ރައީސް އޮފީހުން ޝަރުތު ކަނޑައެޅީ ފާރިސްގެ ނަން ފޮނުވުމުން ކަމަށް ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުން ވެސް ތުހުމަތުކުރެ އެވެ.
މެމްބަރު ފާރިސް (ކ) އަދި ވަހީދު: މަޝްވަރާ އަށް މި ދެ ބޭފުޅުންގެ ނަން ފޮނުވިއިރު ރައީސް ޔާމީންގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ދެ ބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުން. -- ފޮޓޯ: މަޖިލިސް
ސިޔާސީ މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވާނެ ބަޔަކު، ރައީސް ޔާމީނަށް ތާއީދުކުރާ މީހުންގެ ކޮންޓްރޯލް އޮންނަ ޕީޕީއެމް ކައުންސިލުން ފާސްކުރާ ނަމަ ފާރިސް އާއި ވައްޑެ އަށް އެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަކަށެއް ނުބެލެވެ އެވެ. އެއީ ޕީޕީއެމް ކައުންސިލްގެ ސާފު އަޣުލަބިއްޔަތު ރައީސް ޔާމީން ފެކްޝަންގައި އޮތުމުންނެވެ.
ފާރިސް އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ކަމަށް ވެސް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ މީހުން ގަބޫލެއް ނުކުރެ އެވެ. ރައީސް ޔާމީން ފަޅީގައި އަޣުލަބިއްޔަތު އޮންނަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ވަނީ ފާރިސް އެ ޕާޓީން ވަކިކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓު ދެއްވި މައްސަލައެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އަންގައިގެންނެވެ. ސުލޫކީ ކޮމެޓީގެ މި ނިންމުން ގަބޫލުނުކުރަން ޕީޕީއެމުން ވަނީ ނިންމައިފަ އެވެ. އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ވެސް ހުއްޓާލަން ޖެހުނީ އެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގަތުމާ ދެކޮޅު ހައްދަވައި މެމްބަރުން ބައްދަލުވުމުން ނުކުމެ ވަޑައިގަތުމުންނެވެ. ފާރިސް އާއި ވައްޑެ ފަހަކަށް އައިސް ގެންދަވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ސަރުކާރުން ކުއްލި ގޮތަކަށް ކާޑުގެ އަގު އެތައް ގުނައެއް ބޮޑުކުރި މައްސަލާގައި ފާރިސް އާއި ވައްޑެ މިހާރު ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ސަރުކާރާ އެކު އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ މީގެ ކުރިން ވެސް ފޭލްވީ ޕާޓީތަކުން ބައިވެރިވާން ނިންމި މަންދޫބުން ސަރުކާރުން ގަބޫލުނުކޮށްގެންނެވެ. އެމްޑީޕީން ބައިވެރިވާނެ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހުށަހެޅިއިރު އަދާލަތުން ފޮނުވީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ނަމެވެ. އެކަމަކު ދެ ބޭފުޅުންނަކީ ވެސް ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުށްވެރިން ކަމަށް ބުނެ ދެ ބޭފުޅުން ވެސް މަޝްވަރާގައި ބައިވެރިކުރަން ސަރުކާރުން އެއްބަހެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމީ
06 October 2016
މައުމޫން އެމް.ޑީ.ޕޢަށް ގޮސް ހުސްވެއްޖެ. 30 އަހަރުގެ އަނިޔާވެރިންނޭ ބުނި މީހުންނަށްވުރެ ރަގަޅު ބަޔަކުނެތް. ރަން ފާހާނައަށް ބޮޑުކަމުގޮސްގެން ސަރުކާރު ބަޖެޓް ކައި ހުސްކޮށްގެން ބަޑުގަ އޮތް ދަރިއާ އެދަރީގެ ދަރިއާ ދަަރަނިވެރިކޮށްފަހުރި މައުމޫން އަށް ކެނެރީގޭ ނަޝީދު ގަޔާވެއްޖެ. ހައިރާނެވެ އަންތަރީސް ވެއްޖެ.
ްްްްްރައްޔިތުމީހާ
06 October 2016
މިހާރު ކޮބާތަ މިހާރު ޕީޕީއެމް ޕީޖީޤްރޫޕް ލީޑަރު ނިހާނު ކާޑުއަގުބޮޑުވީމަވެސް އެއްޗެކޭ ބުނެލާކަށްނުކެރުނުދޯ؟ މިހާރު ޕީޕީއެމް އަދި ސަރުކާރަކީ ދެބަޔެއް މިހާރުގެ ރައީސް ހުންނެވި ޕާރޓީއެއްނޭގުނު އަމިއްލަ ކެނޑިޑޭޓްއެއް؟
އެމްވީ ކަކިޑި
06 October 2016
ދެކޮޅަށް ދަމާ ވީދާލާ ޕާރޓީގަނޑު!
ކަލޯބެ
06 October 2016
ހަމަ ހިނިއަންނަނީ، ދެއްތޯ. ދެއްތޯ ހަމަ އަންނަނީ ހިނި
ލޯކަޅޭ
06 October 2016
ރައީސް ޔާމީނަށް ދެން އެންމެ ރަގަޅުވާނީ އަވަހަށް ގޮތްދޫކޮށް ޕާޓީ މަޝްވަރާތައް ކާމިޔާބު ކަމާއިއެކު ނިންމާލިއްޔާ. ފެއިލްވެއްޖެޔާ ހަނޑޫ ހަކުރު ފުށް އަދި ކޮރަޕްޝަންގެ ވާހަކަ އަބަދުވެސް ދައްކާނަން.
ކޮލަމާފުށި
05 October 2016
ރައިސް މައުމޫނުގެ ވާހަކަޔައް ވަރަށް ތާއިދު..
އަބުރޭ
05 October 2016
ސަރުކާރާ ބުނަންތަ ވާހަކައެއް ރައްޔިތުން ބަނޑަށް ޖައްސާ ގައުމު ވިއްކާލީމަ ޕީޕީ ވެސް ޑީޕީ ވެސް މިތިބީ އެކައްޗެކޭ ކިޔައިގެން ނިކުމެ ސަރުކާރާ އަށް ވިސްނާދެވޭތޯބަލަން. އެކަމަކު ސަރުކާރާ ނޫޅޭ ގޮތްދޫކުރާކަށް. އެހެންވީމަ ސަރުކާރާ ކަލޯ ތިއޮތީ އެކަނިވެފަ މިހާރު. ޕޕ އާއި ޑީޕީ ބުނާގޮތް ކަލޯ ނެހެދިޔަސް މުޅި ގައުމުގެ ރައްޔިތުން ބުނާގޮތް ނަހަދައިފިއްޔާ އައްޔިތުން ނިކިމެ ކަލޯ ގަމުހިންގުންވެސް އެކަށިގެންވޭ. ވިސްނަވާ ސަރުކާރާ އަދިވެސް ވިސްނަވާ މަށަކީ ސަރުކާރާ އާއި ވަރަށް ގާތް މީހެއްވީމަ މިހެން މިބުނެލީ.
އަލިކަތީބު
05 October 2016
ފެންނަ ފެނުމަށް ހީވަނީ މައުމޫން އަކީ ޕީޕީއެމްގެ ރައީސްކަމުގައި ވިޔަސް އެމަނިކުފާނު އެހުންނެވީ ވަރަށް ބޮޑަށް ބާކީ ކޮއްލާފަ. މީ މިކަން ވާންޖެހޭނެ ގޮތެއްނޫން. ޔާމީނަށް ވެރިކަންލިބުނީ މައުމޫނަށް ތާއީދުކުރާ ރައްޔިތުންގެ ވޯޓުންކަން އެއީ ގަބޫލްކުރަންޖެހޭ ހަގީގަތެއް.
ޖައްލާ
05 October 2016
މައުމޫނަކީ ސިޔާސީދާއިރާގެ އެންމެ ތަޖުރިބާހުރި ގައުމައްލޯބިވާބޭފުޅެއް. ނިހާނުމެން ރިޔާޒުމެން މިހާހިށަބައް ގެނައީވެސް މައުމޫނު... އަސްލު މިމީހުން ލަދުގަންނައްޖެހޭ އެބޭފުޅާއާއި ޒާތީގޮތުން ދިމާކޮއް ޑިމޮކްރަތީ އައްފައިން އަރަން....
ޕޯޓަބަލް
05 October 2016
މައުމޫން ވާސަސް ޔާމީން ވީނާ ޓޭކް ޕީޕީއެމް.