ފްލެޓް ހައްގުވާ މީހުންގެ ލިސްޓު އިއުލާންކުރަން ވަނީ ތައްޔާރުވެފައި: ރައީސް

ކުރީގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓްތައް ހައްގުވާ ލިސްޓު އިއުލާންކުރަން ފްލެޓް ކޮމިޓީން ތައްޔާރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ 17،189 ފޯމު މިހާތަނަށް ސްކްރީންކޮށްފައިވާ ކަމަށެވެ. ކުރީގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި އެ ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ކުރާ ތުހުމަތުތައް ބަލަން އެމަނިކުފާނު އުފެއްދެވި ފްލެޓް ކޮމިޓީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބެލުން ކަަމަށް ވިދާޅުވި އެވެ.

"މިހާތަނަށް މުޅި ޖުމްލަ ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާންކުރަން ވަނީ ތައްޔާރުވެފައި. ހިޔާ މަޝްރޫއުގެ 7000 ފްލެޓް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަނީ. --ފޮޓޯ/މަޖިލިސް

ހިޔާ މަޝްރޫ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް އަލުން ޕޮއިންޓް ދީ ހައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ފްލެޓް ކޮމިޓީން ކުރަމުން އަންނަ އިރު ކުރީގެ ސަރުކާރުން ވަނީ ފްލެޓް ކަށަވަރުވެފައިވާ ކަމުގެ ލިއުން ބައެއް މީހުންނާ ހަވާލުކޮށްފަ އެވެ. އެއީ ގާނޫނީ ގޮތުން ސައްހަ ލިއުމެއް ކަމަށާއި ފްލެޓް ލިބުނު މީހުންގެ އަތުން އެތަންތަން ނިގުޅައިނުގަނެވޭނެ ކަަމަށް ވެސް ކުރީގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ވަނީ ބުނެފަ އެވެ.

އެކަމަކު ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ޝަރުތު ހަމަވި ކަމަށް ބަލައި މާކްސް ދީފައި ވަނީ ހައުސިން މިނިސްޓްރީން އާއްމުކުރި ކްރައިޓީރިއާއަކަށް ނޫނެވެ. ބޭއިންސާފުން ގިނަ ކަންކަން ހިންގާފައިވާ ކަމުގެ ތުހުމަތު އެ ކޮމިޓީން ވެސް ވަނީ ކޮށްފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަން ނެތުމެވެ. ހިޔާ މަޝްރޫއަށް އެދި ހުށަހެޅި އަދަދުން ވެސް އެކަން ހާމަވި ކަމަށް ރައީސް ވިދާޅުވި އެވެ. ހިޔާ މަޝްރޫއު ހުޅުވާލުމުން، 20،000 އަށް ވުރެން ގިނަ މީހުން ފޯމު ހުށަހެޅި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދާ އެ މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ.

އެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ފުރަތަމަ އިމާރާތްކުރާނީ 4،000 ހައުސިން ޔުނިޓް ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި އެންމެންނަށް ވެސް ކުރީގެ ސަރުކާރާ ދެމެދު އެ މީހުން އެއްބަސްވެފައި އޮތް ގޮތަށް މި އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.