ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މައްސަލަ ފުލުހަށް ފޮނުވަން ސިޓީ ކައުންސިލުން ނިންމައިފި

ހިޔާ މަޝްރޫއުގެ ފްލެޓްތައް ކުރީގެ ސަރުކާރުން ދޭން ނިންމި ގޮތް ބެލުމަށާއި އެކަމުގައި ޖިނާއީ ތަހުގީގު ހިންގަން ފުލުހުންނަށް ހުށަހަޅަން ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.


ކުރީގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން ދޭން ނިންމި 7،000 ފްލެޓްގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އޭރު ފްލެޓްތައް ދޭން ނިންމި ގޮތް ބެލުމަށް މި ސަރުކާރުން ވެސް ކުރިން އޮތީ ޚާއްސަ ކޮމެޓީއެއް އެކުލަވާލައިފަ އެވެ.

އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީން ލައިވްކޮށް ސިޓީ ކައުންސިލުން މިއަދު ދެއްކި ބައްދަލުވުމަށް ފަހު އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޭން ނިންމީ ހައްގުވެރި ފަރާތްތަކަށްތޯ ކަށަވަރުކުރުމަށާއި އެކަމުގައި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތަކީ ކޮބައިތޯ ބަލަން ނިންމާފައިވާ ކަމަށެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން އަމަލުކުރި ގޮތް ބެލުމަށާއި ޖިނާއީ ތަހުގީގެއް ހިންގަން އެދުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ހުޅުމާލޭ ބިމުގެ މައްޗަށް މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސް ހިނގާނެ ކަމާ މެދު ގާނޫނީ ލަފާ ހޯދަން ވެސް އެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. އަދި ހުޅުމާލެ ހިމަނައިގެން ގުޅީފަޅާއި ތިލަފަޅު ހިމެނޭ ގޮތުން މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމަށާއި ގާނޫނުން ލާޒިމްކުރާ ބައްދަލުވުންތައް ބާއްވާނެ ތާރީޚުތައް ދުރާލާ އިއުލާން ކުރަން އިދާރީ ގޮތުން މަސައްކަތްތައް ފަށަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މާލޭގައި ހިންގާ މަޝްރޫއުތަކާ ގުޅިގެން ކައުންސިލަށް ފަންނީ މުވައްޒަފުން ބޭނުންވާނެ މިންވަރު ދެނެގަތުމަށް އެސެސްމަންޓް ހެދުމަށާއި އިތުރު ޕާކިން ޒޯންތައް ހެދުމަށް ކުރަންޖެހޭ ދިރާސާތައް 30 ދުވަސް ތެރޭގައި ނިންމައި، އަންނަ މަސް ނިމުމުގެ ކުރިން އެ މަޝްރޫއު ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މައްސަލަ ބަލަން ސިޓީ ކައުންސިލުން ނިންމިއިރު، ކުރީގެ ސަރުކާރުގައި އެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލުމުން އޭރު އެކަމަށް 22،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭރު ސަރުކާރުން ފްލެޓް ދޭން ނިންމި ގޮތް ބެލުމަށް މި ސަރުކާރުން އެކުލަވާލި ކޮމެޓީން އެކަން ބެލުމަށް ފަހު، ފްލެޓް ލިބޭނެ މީހުންގެ ލިސްޓް އާންމު ކުރަން ތައްޔާރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.