މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް އެނގި ތިބެ، އުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލު ވެފައިވާތީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.


އެ ބޭފުޅުން އެކަމަށް ގޮވައިލެއްވީ، ޖެންޑާ މިނިސްޓްރީގެ އިހުމާލާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވި 45 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ.

ކުއްލި މައްސަލައިގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ދެ ކަމެކެވެ. އެއީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން ދިނުމެވެ. އަނެއް ކަމަކީ 19 އަހަރުގެ ޒުވާނާގެ ބެލެނިވެރިކަން ހޯދަން ފެމިލީ ކޯޓުން ނަގައި ނުދިނުމުން ވެސް އޭނާ އެ ޒުވާނާ ގޮވައިގެން އުޅުނު އިރު، އެ ޒުވާނާ ހިމާޔަތް ކުރަން އެއްވެސް ކަމެއް ނުކޮށް އޮތުމެވެ.

މައްސަލަ ބަލައިގެން ކުރި ބަހުސްގައި މީކާއީލް ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ އެ އިހުމާލުގެ ޒިންމާ މިނިސްޓަރު ޝިދާތާ ޝަރީފް ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ޝިދާތާ އިސްތިއުފާ ދެއްވުމަށް މީކާއީލް ގޮވައިލެއްވި އެވެ.

"ދުނިޔޭގެ ލަދަށް ޓަކައި ނަމަވެސް މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަން އެބަ ޖެހޭ. އިސްތިއުފާ ނުދެއްވައިފި ނަމަ އަޅުގަނޑު އިޚުލާސްްތެރިކަމާ އެކު މި އިލްތިމާސް ކުރަނީ ސަރުކާރަށް ވެސް ޖެންޑާ މިނިސްޓަރު ވަކިކުރައްވަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ ސަރުކާރުން ޝިދާތާ ވަކިނުކޮށްފި ނަމަ މަޖިލީހުން ވެސް އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު އެދެން ވަރަށް އިޚުލާސްތެރިކަމާ އެކީގައި ޖެންޑާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް. އަޅުގަނޑުމެން، އިއްޒަތްތެރި ރައީސް އޯގާތެރި ސަރުކާރުގެ ވާހަކަ ދައްކަމުން އައި ޕާޓީ، ދިވެހި ރައްޔިތުންގެޑިމޮކްރެޓިކް ޕާޓީއަކަށް ނޯވެވޭނެ، މި ކަހަލަ ކަންކަން ހިނގަމުން ދާއިރު ދެ އަތް އުރާލައިގެންނެއް،" ހަސަން

މީކާއީލް ވިދާޅުވި ގޮތުގައި 19 އަހަރުގެ ޒުވާނާގެ ބެލެނިވެރިކަން ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާން ގެންގުޅެމުން ދިޔަ އިރު، އެއްވެސް ކަމެއް ނުކޮށް އޮތް އޮތުމަކީ ޖެންޑާ މިނިސްޓްރީގެ ވަރަށް ބޮޑު އިހުމާލެކެވެ. އަދި އެއީ ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ކުދިންނާ މެދު ވީ އިހުމާލެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

"އެއީ މި ރާއްޖޭގެ ހުރިހާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ މެދު، ކުޑަކުދިންނާ މެދު، ވަލްނަރަބަލް ހުރިހާ ކޮމިއުނިޓީސްތަކާ މެދު އެ މިނިސްޓްރީން އިހުމާލްވި ކަމުގެ އަލިގަދަ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަަކަ ދެއްކެވި ގިނަ މެމްބަރުން ޝިދާތާގެ އިސްތިއުފާ އަށް ގޮވައިލެއްވި އެވެ. އަދި ޝިދާތާ، މަގާމުން ވަކިކުރުމަށް ވެސް އެހެން ބައެއް މެމްބަރުން ގޮވައިލެއްވި އެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ތެރޭގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"އެެހެންނޫނީ ވަޒީރު، ދިމާވާ ކޮންމެ ކަމަކަށް ފިޔަވަޅު އަޅަމުން އަޅަމުން ދާން ޖެހޭނެ. އެކަންތައްތައް އިސްލާހު ކުރަން އަޅުގަނޑުމެން އައިސް ތިބީ،" މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މަގާމު ހަވާލު ކުރައްވާފައިވާ ޝިތާދާއާ ގުޅޭ ގޮތުން އިލްޔާސް ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި ގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާ، ހިޝާންގެ ބެލުމުގެ ދަށުގައި 2018 ވަނަ އަހަރުން ފެށިގެން ހުރި ހުރުމަކީ އިހުމާލަކަށް ނުވާ ނަމަ ސަަރުކާރަކުން ވާނެ އިތުރު އިހުމާލެއް ނޯންނަނެ އެވެ.

"އަޅުގަނޑު އެދެން ވަރަށް އިޚުލާސްތެރިކަމާ އެކީގައި ޖެންޑާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް. އަޅުގަނޑުމެން، އިއްޒަތްތެރި ރައީސް އޯގާތެރި ސަރުކާރުގެ ވާހަކަ ދައްކަމުން އައި ޕާޓީ، ދިވެހި ރައްޔިތުންގެޑިމޮކްރެޓިކް ޕާޓީއަކަށް ނޯވެވޭނެ، މި ކަހަލަ ކަންކަން ހިނގަމުން ދާއިރު ދެ އަތް އުރާލައިގެންނެއް،" ހަސަން ވިދާޅުވި އެވެ.

ހިޝާނަށް ކުރެވޭ ތުހުމަތުތަކުގެ ތެރެއިން ފެމިލީ ކޯޓުން ބެލެނިވެރިކަން ނުދިނުމުން ވެސް ޒުވާނަކު ގެންގުޅުނު މައްސަލަ ފެންމަތިވީ ހައި ކޯޓުގައި އިއްޔެ ބޭއްވި އަޑު އެހުމުގަ އެވެ. އެ ކޯޓުގައި ބޭއްވީ ޒުވާނާގެ ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ނިންމި ނިންމުން ހިޝާން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑު އެހުމެކެވެ.