ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނާއި މީހުންނަށް އެހީވުމުގައި މަޝްހޫރުކަން ލިބި ސަރުކާރުން ހާއްސަ އިނާމުތައް ދީފައިވާ އަހްމަދު ހިޝާނަކީ ޖިންސީ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ފުލުހުންގެ އިންޓެލިޖެންސުން ޖެންޑާ މިނިސްޓްރީ އަށް މާ ކުރިން ވެސް ހުށަަޅާފައިވާކަން މިއަދު ހާމަވެއްޖެ އެވެ.

މިކަން ހާމަވީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ޒުވާން ފިރިހެނެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދަން ހިޝާން ފެމިލީ ކޯޓަށް ހުށަހެޅުމުން އެކަން އެގޮތަށް ކޮށްދެވެން ނެތް ކަމަށް ކުރި ހުކުމް ހިޝާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ. އެކަމަކު ހިޝާންގެ މައްޗަށް ކުރެވެނީ ސީދާ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކަމަށް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހައި ކޯޓަކުން ނުބުނެ އެވެ. ހަމައެކަނި ބުނެފައި ވަނީ "އެކަހަލަ ތުހުމަތުތަކެއް ހުއްޓާ" އެގޮތަށެވެ.

ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު ބައިވެރިވެރިވެވަޑައިގެންނެވި ބެންޗުން ނިޔާޒް ވަނީ އާންމު ގޮތެއްގައި މައްސަލަތައް ސިއްރުކުރަނީ ދައުލަތުން އެދިގެން ކަމަށާއި ހާމަކުރެވެން ހުރި މިންވަރަކުން ކޯޓުން ޝަރީއަތްތައް ބާއްވާނީ ހުޅުވާލައިގެން ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ވެސް ޖެންޑާ އިން ވަނީ ސިއްރު ރިޕޯޓެއް އޮތުމުން ޝަރީއަތް ސިއްރުކޮށްދޭން އެދިފަ އެވެ. އެކަމަކު ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަމާ އެކު ކުރިއަށް ގެންދަން ފަނޑިޔާރު ނިޔާޒު އެންގެވީ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތުކުރެވި ހިޝާންގެ މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނިކޮށް ހައި ކޯޓުގައި ބޭއްވި އަޑުއެހުމަށް ހިޝާން ވެސް އަދި ބެލެނިވެރިކަން ބަދަލުކުރަން އެދޭ ފަރާތުން ވެސް ހާޒިރެއް ނުވެ އެވެ. އެހެންވެ އިސްތިއުނާފުގެ މި މައްސަލަ ކޯޓުން ބާތިލްކުރީ އެވެ.

މައްސަލަ ބާތިލްކުރިކަން އިއުލާނުކުރެއްވުމަށް ފަހު، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ނިޔާޒް ވިދާޅުވީ މިއަދު ބާއްވަނީ ޝަރީއަތުގެ މަޖިލީހެއް ނޫން ކަމަށާއި އެކަމަކު ބައެއް ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ހިޝާނަށް ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ޖެނުއަރީ 17، 2018 ގައި ހުކުމްކުރީ ހިޝާނާ މެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސުން ދިން މައުލޫމާތާ އެކު ޖެންޑާ މިނިސްޓްރީން އެކުލަވައިލި ރިޕޯޓަކަށް ރިއާޔަތްކޮށްފައި ކަމަށާއި އެކަމަކު، ބެލެނިވެރިކަން ހޯދަން އެދުނު ކުއްޖާ އޭރުން ފެށިގެން އަދިވެސް އުޅެނީ ހިޝާނާ އެކީގައި ކަމަށެވެ. ހިޝާނަށް ތުހުމަތުކުރެވޭކަން އެނގޭ އިރު ވެސް ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލީ ކީއްވެތޯ ފަނޑިޔާރު ވަނީ، ޖެންޑާ މިނިސްޓްރީން ކޯޓަށް ހާޒިރުވި ލީގަލް އޮފިސަރު އައިމިނަތު ސުނީތާއާ ސުވާލުކުރައްވައިފަ އެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ހިޝާނަށް ގައުމީ އިނާމުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރުކަން ދީފައި ވަނީ ވެސް ޖެންޑާގައި، ހިޝާންއާ ބެހޭ ގޮތުން މި ހުރިހާ މައުލޫމާތެއް ހުއްޓާ

މައްސަލާގައި ހިމެނޭ ފަރާތް ހާމަވާނެ އެއްވެސް މައުލޫމާތެއް މީޑިއާގައި ހާމަނުކުރަން ޝަރުތުކުރައްވައި، ފަނޑިޔާރު ނިޔާޒް ނޫސްވެރިންގެ ހާޒިރުގައި، މައްސަލާގައި ކަން ހިންގާފައިވާ ގޮތް ޝަރީއަތްކުރާ މާލަމުގައި ހާމަކުރެއްވި އެވެ.

މިއީ ހިޝާން ހުށަހެޅި މައްސަލައެއްކަން ހައި ކޯޓުގެ ޝަރީއަތްތަކުގެ ތާވަލުގައި ހާމަކޮށްފައިވެ އެވެ. އެކަމަކު އިތުރު އެއްވެސް މީހެއްގެ ނަން ނުކިޔުމަށް ފަނޑިޔާރު ނިޔާޒް ވަނީ ކޯޓަށް ޖެންޑާ މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީހުން ހާޒިރުވެވަޑައިގެންނެވި ދެ ބޭފުޅުންނަށް ވެސް އަންގަވައިފަ އެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން އަދި ހާއްސަކޮށް، ސިކުނޑީގެ އުނިކަމެއް ހުންނަ ނަމަ އުމުރުން 18 އަހަރު ވިޔަސް އަމަލުކުރަން ޖެހޭނީ ކުޑަކުއްޖަކާ މެދު އަމަލުކުރާ އުސޫލުންނެވެ. އެކަމަކު ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލައި އެ ކުއްޖާ އަދިވެސް ހުރީ ހިޝާންގެ ބެލުމުގެ ދަށުގައި ކަމަށް ވިދާޅުވި އެވެ.

ބެލެނިވެރިކަން ހޯދުމުގެ މި މައްސަލާގައި ހިޝާނާ ދެކޮޅަށް 2018 ގައި ހުކުމް ކުރުމުން އޭނާ ހައި ކޯޓަށް ދިޔައީ އެވެ. އެކަމަކު ކުއްޖާ ހުރީ ހިޝާންގެ ބެލުމުގެ ދަށުގަ އެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ހިޝާނަށް ގައުމީ އިނާމުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރުކަން ދީފައި ވަނީ ވެސް ޖެންޑާގައި، ހިޝާނާ ބެހޭ ގޮތުން މި ހުރިހާ މައުލޫމާތެއް ހުއްޓަ އެވެ. އެކަން އެގޮތަށް ހިނގީ ކީއްވެތޯ ގާޒީ ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ.

ހިޝާނަށް ގައުމީ އިނާމު ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ގަ އެވެ. އޭގެ ފަހުން މިދިޔަ ޑިސެމްބަރު 3 ގައި އޭނާ އަށް ޑިސެބިލިޓީ އެމްބެސެޑަރުކަން، އާ ސަރުކާރުން ވަނީ ދީފަ އެވެ. ނަމަވެސް ޖިންސީ ގޯނާގެ ތުހުމަތުތައް ބަލަން ފެށުމާ އެކު މިހާރު ވަނީ އެމްބެސެޑަރުކަމުން ވަކިކޮށްފަ އެވެ.

އޮނަރަރީ އެމްބެސެޑަރުކަމުގެ އިތުރުން އޭނާއަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ވެސް ޑިސެބިލިޓީ އެމްބެސެޑަރެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ހިޝާނަށް ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ހުކުމް ކޮށްފައި އޮތީ ބެލެނިވެރިކަން ނަގާ ފަރާތުގެ އާއިލާގެ ވެސް ރުހުން އޮއްވައި ކަމަށް ވާއިރު އެއީ ކީއްވެގެންތޯ ޖެންޑާ މިނިސްޓްރީން ސާފުކޮށްދޭން ޖެހެ ކަމަށެވެ. މައްސަލަ އިސްތިއުނާފުކުރީ ވެސް މި ނުކުތާ އަށް ބަލާފައި ކަމަށާއި އެކަން ސާފުކުރަން ޖެންޑާ މިނިސްޓްރީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގަައި ސިޓީއެއް ފޮނުވުމުން އަދިވެސް ސިޓީ އަށް ޖަވާބު ނުލިބޭ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް މި މައްސަލަ އައީ ވެސް އެ ސިޓީއާ ގުޅިގެންކަން ފާހަގަކުރެއްވި އެވެ.

މި މައްސަލާގައި ހިމެނޭ ކުއްޖާ ހިޝާންގެ ގާތުގައި އަދިވެސް ހުންނަނީ މިހާރު އެއީ 18 އަހަރު ފުރިފައިވާ މީހަކަށް ވާތީ ކަމަށް ޖެންޑާ އިން ފާހަގަކޮށްފައިވާ ކަމަށްވެ އެވެ. ނަމަވެސް ފަނޑިޔާރު ވަނީ ނުކުޅެދުންތެރިކަމެއް ހުންނަ ނަމަ އެއީ ކުޑަކުއްޖެއްގެ ގޮތުގައި ބަލަން ޖެހޭކަން ފާހަގަކުރައްވައިފަ އެވެ. ކުއްޖާގެ މައްސަލަ 2015 އިން ފެށިގެން ޖެންޑާގައި އޮވެ، ހިޝާންގެ ބެލުމުގެ ދަށުގައި އެ ކުއްޖާ އަދިވެސް ހުރި މައްސަލަ ފަނޑިޔާރު ތަކުރާރުކޮށް ފާހަގަކުރައްވަމުން ވިދާޅުވީ ހިޝާނަށް ގައުމީ އިނާމުތައް ވެސް ދިނީ މި ހުރިހާ ތުހުމަތެއް އެނގި ތިބެ ކަމަށާއި މިއީ މިކަން ވެގެން ވާނެ ގޮތް ނޫން ކަމަށެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވި ގޮތުގައި ކުއްޖާގެ ރަޖިސްޓްރީ ވެސް ހިޝާންގެ ގެޔަށް ބަދަލުކުރަން އުޅޭ ކަމުގެ މައުލޫމާތު އެބަ ހުއްޓެވެ.

ކޯޓުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަޑައިގެންނެވި އޮފިޝަލް ވިދާޅުވީ އެ އޮފީހުގެ ސަމާލުކަމަށް މައްސަލަ އައީ 2018 ގައި ކަމަށެވެ. އަދި ހިޝާންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް މިދިޔަ ހަފުތާގައި ޕޮލިހަށް ހުށަހަޅާފައިވާ ކަމަށާއި ހަތަރު މީހަކު ހިޝާނާ ދެކޮޅަށް ބަޔާން ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ބިރު ދައްކާ ކަމަށް ބުނެ ހިޝާން ރާއްޖެ ދޫކޮށް ދަނީ ކަމަށް އިއުލާނުކޮށް، ފުރަން ގޮސް ހުއްޓާ ފުލުހުން މިހާރު ވަނީ އޭނާ ތަހުގީގަށް ހާޒިރުކޮށް ޕާސްޕޯޓް ވެސް ހިފަހައްޓައިފަ އެވެ.