ސަރުކާރުން އަރުވާފައިވާ އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަމުން އަހުމަދު ހިޝާން މިއަދު ވަކިކޮށްފި އެވެ.
ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ހިޝާންގެ މައްޗަށް ވަނީ ކޮށްފަ އެވެ.
ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޖުތިމާއީގޮތުން ހިދުމަތް ކުރުމަށް އޮނަރަރީ މަގާމުތަކުގައި ތިބޭ ބޭފުޅުންނަކީ ނަޒާހަތްތެރި އަދި ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ބައެއް ކަމަށެވެ. ނަމަވެސް ގ. ނީރުވީކް، ހިޝާންއާ ގުޅުންހުރި މައްސަލައެއް ފުލުހުން ބަލަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ މަގާމުން އޭނާ ދުރުކޮށްފައިވާ ކަމަށް ބުންޏެވެ.
ހިޝާން އެ މަގާމަށް އައްޔަންކުރީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ޑިސެމްބަރު 3، 2019 ވަނަ ދުވަހު އާޓްގެލެރީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އޭނާއަށް މަގާމުގެ ލިޔުމާއި ބެޖު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އޮނަރަރީ އެމްބެސެޑަރުކަމުގެ އިތުރުން އޭނާއަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ވެސް ޑިސެބިލިޓީ އެމްބެސެޑަރެވެ. ނަމަވެސް އެ ކޮމިޝަނުން ހިޝާންއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅިކަމެއް އަދި ސާފެއް ނުވެ އެވެ.
ބިރު ދެއްކުމާއި މަރުގެ އިންޒާރުތައް ކުރިމަތިވަމުންދާ ކަމަށް ބުނެ މީގެ ތިން ދުވަސް ކުރިން ހިޝާން ކުރި ޓްވީޓާ އެކު، އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެން ހުއްޓައި ދެން އަޑުއިވުނީ، ރާއްޖޭން ފުރައިގެންދާން ސްރީލަންކަން އެއާލަނުގެ ފްލައިޓެއްގައި އިންދާ އޭނާ ހައްޔަރުކޮށް ފުލުސް އޮފީހަށް ހާޒިރުކުރި އަޑެވެ.
އޭނާއާ ގުޅޭގޮތުން ފުލުހުން ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.