ނިހާދު، އޭސީސީ އަށް ހާޒިރުކުރާ މައްސަލަ ބަލާ ކޮމިޓީ ސިއްރު

އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އެންގި މައްސަލަ ބެލުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.


ނިހާދު، އޭސީސީ އަށް ހާޒިރުވާން އެންގީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަ އަކާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި، އޭނާ އެ ކޮމިޝަނަށް ހާޒިރު ކުރަނީ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ނުކުރަން، އެ މައްސަލަ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައި، ނިހާދު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ނިހާދު، އޭސީސީ އަށް ހާޒިރުވާން އެންގުމުން، އެކަން އޭނާ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު، އެ މައްސަލަ ބެލުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމީ އެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. ކޮމިޓީގެ އަޣުލަބިއްޔަތު އޮންނަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވެ، މަޖީލީހުގެ ތަޅުމުގައި ދައްކަވާ ވާހަކައަކާ ގުޅިގެން މެމްބަރަކާ މެދު އެއްވެސް ފިޔަވަޅެއް އެޅި ނުވަތަ އެއްވެސް ތަހުގީގެއް ވެސް ނުހިންގޭނެ އެވެ.

ނިހާދުގެ މައްސަލައިގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުންނަށް ތުހުމަތު ކުރެވޭ ކަންތައްތަކަކާ ގުޅިގެން އެ ކޮމިޝަންގެ ދެ މެމްބަރަކު ވެސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުކުރަން އޮތީ އެޖެންޑާކޮށްފަ އެވެ. ހާޒިރު ކުރަނީ އެ ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަހީގެވެ.

އެ ބޭފުޅުން ހާޒިރު ކުރާއިރު ވެސް ކޮމިޓީ ސިއްރު ކުރަން މެމްބަރުން ވަނީ ނިންމަވައިފަ އެވެ.