ޗައިނާ އަށް ގޮސްފައި ވާތީ ދެ ދިވެއްސަކު ކަރަންޓީނުކޮށްފި

ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާ އަށް ދަތުރުކުރުމަށް ފަހު، އެހެން ގައުމަކުން ރާއްޖެ އަަށް އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްގެން ހާލަތު ބަލަމުން އަންނަ ކަަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.


ޗައިނާގެ ވޫހާން އިން ފެނިގެން އުޅޭ ނޮވެލް ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯހުގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޗައިނާ އަށް ދަތުރުކޮށްފައިވާ ދެ ދިވެހިން ފަރުކޮޅުފުށީގައި އެކަަހެރިކޮށްގެން ބަލަހައްޓަމުން އަންނަނީ ބައްޔަށް ޝައްކު ކުރެވިގެން ނޫން ކަމަށެވެ. އެ ދެ މީހުންގެ ގައިން ބަލީގެ އަލާމާތެއް ނުވެސް ފެންނަ ކަަމަށް އަލީ ވިދާޅުވި އެވެ.

"ޗައިނާއިން އައުޑްބައުންޑް ވެފައިވާ ހިސްޓްރީއެއް އޮތީމަ އަޅުގަނޑުމެން ފަރުކޮޅުފުށީގައި ދެ ދިވެހިން ބަލަހައްޓަމުން އެބަ ގެންދަން. އެއީ އެއްވެސް ހާލެއްްގައި، ބަލީގެ އަލާމާތެއް އެކަހަލަ ކަމެއް އޮވެގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ފަރުކޮޅުފުށީގައި އެކަހެރިކޮށްފައި ތިބި ދެ މީހުންގެ ގައިން އެއްވެސް އަލަމާތެއް ނުފެންނާތީ އެ މީހުންގެ ކޮރޯނާ ވައިރަސް އަށް ޓެސްޓް ނުކުރާނެ ކަަމަށެވެ.

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ރާއްޖޭން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްްވަމުން އޭނާ ވިދާޅުވީ މީހުން ސްކްރީންކުރުމުގެ ކަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖެ އަށް އެތެރެވާ މީހުންގެ އިތުރުން ޑޮމެސްޓިކްް އެއާޕޯޓްތަކަށް ދަތުރުކުރާ މީހުން ވެސް މިހާރު ސްކްރީންކުރަން ފަށާފައިވާ ކަމަށެވެ.

"ޑޮމެސްޓިކް [ޓާމިނަލް]ގައި ވެސް މިހާރު ވާނީ ކެމެރާ ހަރުކުރެވިފައި. އޭގެ މާނައަކިީ ދެ ލޭޔަރު މިހާރު އެހެރީ އެޅިފައި،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ގަން އެއާޕޯޓްގައި ވެސް މިހާރު ހަރުކޮށްފައި ހުންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް ހުރި ފެންވަރުގެ ކެމެރާތައް ކަމަށެވެ. އެއާޕޯޓްތަކުގައި މިހާރު ހަރުކޮށް ބޭނުންކުރަމުންް އަންނަ ކެމެރާތަކުގެ އިތުރުން، އިތުރަށް ބޭނުން ވެއްޖެ ނަމަ ބޭނުންކުރާނެ ބެކަޕް ވެސް މިހާރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ކަނޑުމަގުން ކްރޫޒްލައިނާތަކުގައި ރާއްޖެ އަށް އަންނަ މީހުން ސްކްރީން ކުރުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށާއި ސްކްރީން ނުކުރެވި ރާއްޖެ އަށް އެއްވެސް މީހަކު އެތެރެ ނުވާނެ ކަމަށެވެ.

"ރާއްޖެ އަށް އަންނަން ޝެޑިއުލްވެފައި ހުރި ކްރޫޒްލައިނާތަކުގެ މެނިފެސްޓް ވެސް އަަޅުގަނޑުމެން މިދަނީ ބަލަމުން. އޭގައި އަޅުގަނޑުމެން ޔަގީންކުރާނަން މި ދެންނެވި ސާކިއުލާތަކާ އެއްގޮތަށް ޗައިނާއަށް ދަތުރުކޮށްފައި ހުރި އެއްވެސް ފަތުރުވެރިއަކު ނެތްކަން،" އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ވޫހާން އިން ފުރަތަމަ ފެނު ކޮރޯނާ ވައިރަސް ދުނިޔޭގެ 20 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާ އިރު އެ ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 600 އަށް އަރާފަ އެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28000 އަށް ވުރެ މަތިވެފަ އެވެ.