އިމާދުއްދީން ސްކޫލުން ވަކިކުރި ޕްރިންސިޕަލް އެންއައިއީ އަށް، ދެ ޑެޕިއުޓީން ހިރިޔާ އަދި ތާޖުއްދީނަށް

އިމާދުއްދީން ސްކޫލުން އިއްޔެ ވަކިކުރި އެ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރު ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) އަށް އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ޝަކީބާ އަލީ އާއި ލަތީފާ އަހްމަދު ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އެ ތިން ބޭފުޅުން މަސައްކަތް ކުރަންޖެހޭ އޮފީސް ބަދަލުވި ކަމުގައި ވިއަސް މަގާމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

މީގެ 18 އަހަރު ކުރިން ހުޅުވި ސްކޫލުގެ ވެރިން ވަކިކޮށް، އެ ސްކޫލު ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދަށެވެ. އޭނާ އަށް، އެ ސްކޫލު ބެލެހެއްޓުން ހަވާލުކޮށްފައިވަނީ އެއް ޓާމަށެވެ.

އެ ބޭފުޅުން އަންނަ އާދިއްތަ ދުވަހުން ފެށިގެން މަސައްކަތަށް ނުކުމެވަޑައިގަންނަވާނެ އެވެ.

އިމާދުއްދީން ސްކޫލުގެ ޓީޗަރަކު، "މިހާރު" އަށް ބުނީ ޕްރިންސިޕަލް ޝާތިރު މަގާމުން ވަކިކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ތެރޭގައި ޓީޗަރުންނާއި ބެލެނިވެރިން ޕެޓިޝަނެއް ހުށަހެޅިކަމަށެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންގެ ކޯޅުމާ ހެދި ސްކޫލު ހިންގުމަށް ދަތިވެފައިވާ ކަމަށް، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ޓީޗަރު ބުންޏެވެ.

ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޝާތިރުގެ ކިބައިގައި ހިންގުންތެރި ކަމެއް ނެތި، ސްކޫލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުން ކަމަށް ބައެއް މީހުން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިދިޔަ ހަފުތާގައި އިމާދުއްދީން ސްކޫލަށް ގޮސް، ޑެޕިއުޓީ ޕްރިންސިޕަލުންނާ ގުޅޭގޮތުން ސާވޭ ފޯމެއް ފުރުވި އެވެ. އެ ފޯމު، 80 ޕަސެންޓު ޓީޗަރުން ފުރިހަމަކުރި ކަމަށާއި ގިނަ ޓީޗަރުން ބޭނުންވީ ޑެޕިއުޓީ ޕްރިންސިލުންގެ މަގާމުގައި ތިއްބެވި ޝަކީބާ އާއި ލަތީފާ ސްކޫލުން ވަކިކުރަން ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

އެ ޓީޗަރު ބުނީ، ޝާތިރާއި ޝަކީބާ އަދި ލަތީފާ މަގާމުން ވަކިކުރުމުގެ ކުރިން ސީނިއާ މެނޭޖްމަންޓާއި ޓީޗަރުންނާ ވަރަށް ގިނައިން ބައްދަލުކޮށް، އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާކުރި ކަމަށެވެ. ފިޔަވަޅުތައް އެޅީ އޭގެ ފަހުންނެވެ.