ހުޅުމާލޭގައި ބޮޑު ކޯޓް ކޮމްޕްލެކްސްއެއް ގާއިމްކުރަން ބިމެއް ދޫކޮށްފި

މާލޭގައި ހިނގަމުންދާ ކޯޓުތައް ހިންގާނެ ކޯޓް ކޮމްޕްލެކްސްއެއް އެޅުމަށް ހުޅުމާލެއިން ބިމެއް ދޫކޮށްފި އެވެ.


ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ޑީޖޭއޭގެ ފަރާތުން ސޮއި ކުރެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

އެ ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. ނަޒީރު ވިދާޅުވީ މިހާރު މާލޭގައި ހިނގަމުންދާ ކޯޓުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށާއި އާ ކޮމްޕްލެކްސް ގާއިމް ކުރުމުން އެކަންކަން ހައްލު ވެގެންދާނެ ކަމަށެވެ. އަދި 38،000 އަކަފޫޓަށް ވުރެ ބޮޑު އެ ބިމުގައި ފުރަތަމަ ފިޔަވަހީގައި އަޅާނީ 10 ބުރީގެ އިމާރާތެއް ކަމަށާއި އެތަނަށް ބަދަލު ކުރާނީ ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓު ކަމަށް އޭނާ ވިދާޅުވި އެވެ. އެ އިމާރާތުގެ ބިންގާ އަންނަ ހަފުތާގައި އަޅާނެ ކަމަށާއި ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި އަހަރު ފެށުމާ އެކީގައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި ބިލްޑިން ނިމި، އަޅުގަނޑުމެންނަށް މިހާރު މި ހުރި ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް." ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ދެވަނަ ފިޔަވަހީގެ ދަށުން އަޅާ އިމާރާތަށް ބަދަލު ކުރާނީ ކްރިމިނަލް ކޯޓު ކަމަށާއި އަދި މުޅި އެ މަޝްރޫއު ނިމޭއިރު، މާލޭގައި ހިންގާ ހުރިހާ ދަށު ކޯޓުތަކާއި ހައި ކޯޓު ވެސް އެ ކޮމްޕްލެކްސް އަށް ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެތަން އިމާރާތް ކުރާނީ ޝަރީއަތްތައް ވެސް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިންގޭ ގޮތަށް އަދި ޒަމާނީ ފެންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޯޕަން ކޯޓް ނިޒާމެއް ގާއިމް މި ކުރަނީ. މިހާރު ހަދާ ހުުރިހާ ކޯޓެއް އަޅުގަނޑުމެން މިބަލަނީ އިންޓަނޭޝަނަލް ސްޓޭންޑަޑަށް، އެއީ ކޯޓު ރޫމަށް ބެލި ކަމުގައި ވިޔަސް އަދި ހިއަރިން އަށް ވަންނަ މީހުންނަށް ބެލިކަމުގައި ވިޔަސް." ނަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫގައި ވެސް މި އަހަރު އާ ކޯޓް ކޮމްޕެލްސްއެއް ގާއިމް ކުރާނެ ކަމަށާއި އިތުރު އެހެން ބައެއް ރަށްރަށުގައި ވެސް ޑިސްޓްރިކްޓް ކޯޓުތައް ގާއިމް ކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލަތައް އަވަހަށް ނިންމަން އޮތް ބޮޑު ހުރަހަކީ ކޯޓުތަކުގެ ޖާގައިގެ ދަތިކަމެވެ. އާ ކޮމްޕްލެކްސް ގާއިމް ކުރުމާ އެކު، 95 ޕަސެންޓް މައްސަލަތައް އެއް އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުރިހާ ކޯޓުތަކެއްގައި ވެސް ޒަމާނީ ފެންވަރަށް އަދި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޝަރީއަތްތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.