ނޫމަޑި އަށް 55 މިލިއަން ޑޮލަރަށް ވުރެ ބޮޑު ބަދަލެއް ސަރުކާރުން ދީފައިވޭ: އުޝާމް

ނޫމަޑިއާ އެކު ހެދި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން، ސަރުކާރުން އެ ކުންފުންޏަށް ދިނީ 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ނޫން ކަމަށާއި އެ އަދަދު އެ އަށް ވުރެ އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.


ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ. އެ ފައިސާ އެ ކުންފުންޏަށް މިހާރު ވަނީ ދައްކައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ ނޫމަޑި އަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން ފުރަތަމަ ޕޭމަންޓް ކަމަށްވާ 27.5 މިލިޔަން ޑޮލަރު ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ. ދެވަނަ ޕޭމަންޓް ދައްކަން އޮތީ މި މަހުގެ 29 ގެ ކުރިން ކަމަށާއި އެހެންވެ، އެ ފައިސާ ވެސް މިހާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަމީރުގެ އެ ޖަވާބާ ގުޅިގެން، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ކުރެއްވި ޓްވީޓެއްގައި ވަނީ 55 މިލިއަން ޑޮލަރު ދިނުމުގެ އިތުރުން، ހުޅުމާލޭގައި ސިފައިންގެ ފްލެޓް އިމާރާތް ކުރަން ސިފްކޯ އިން ނޫމަޑި އަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން ސިފްކޯ އަށް އަނބުރާ ލިބެންޖެހޭ 92 މިލިއަން ރުފިޔާ ވެސް ނޫމަޑިން އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން ހެދި ސެޓްލްމަންޓް އެއްބަސްވުމުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެއީ ސިފްކޯ އަށް އަނބުރާ ލިބެންޖެހޭ ފައިސާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ކަމަށް އުޝާމްގެ ޓްވީޓްގައި ވެ އެވެ.

އެހެންވެ، ނޫމަޑި އަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދީފައިވާ ކަމަށާއި އަދި ސިފްކޯގެ މަޝްރޫއު އާއި ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ ޓްވީޓް

އުޝާމް އެ ވިދާޅުވާ 92 މިލިއަން ރުފިޔާ ސަރުކާރުން ނޫމަޑި އަށް ދިން ކަމެއް ނުވަތަ ނޫން ކަމެއް ސަރުކާރުން އަދިއެއް ނުބުނެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް މިދިޔަ ބުދަ ދުވަހު އަމީރު، އެކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަވަ އެވެ. އަދި އޭގެ ފަހުން، "މިހާރު" ން ސުވާލު ދެންނެވުމުން ވެސް މިނިސްޓަރު ވަކި ޖަވާބެއް ނުދެއްވި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، ނޫމަޑި އަށް ބަދަލު ދޭން އެއްބަސްވީ އާބިޓްރޭޝަންގައި މައްސަލަ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.

ނޫމަޑިއާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިިނާއީ ތަހުގީގެއް ހިންގަން ފުލުހަށް މިހާރު ވަނީ ފޮނުވައިފަ އެވެ.