ހުޅުމާލެ އަކީ ޔާމީންގެ ސިޓީއެއް: ޝިޔާމް

ހުޅުމާލެ އަކީ ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ސިޓީއެއް ކަމަށާއި އެއީ ޒުވާނުންނަށް އެމަނިކުފާނު ބިނާކޮށްދެއްވި ތަނެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.


ހުުޅުމާލެ ވުޖޫދަށް ގެނައީ ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގެ ތެރޭގައި ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބޮޑު ސަރަހައްދެއް ހިއްކައި، އެ ތަން ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުމުގެ ދުރު ރާސްތާގެ ޕްލޭނެއް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ގެންގުޅުއްވި އެވެ. ބޯހިޔާވަހިކަމަށް 7،000 ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއުގެ ފެށުމަކީ ދެވަނަ ފިޔަވަހީގައި ޔާމީންގެ ސަރުކާރުން ހިންގާ ފުރަތަމަ ޕްރޮޖެކްޓެވެ.

އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ކެމްޕެއިން ޖަލްސާގައި ޝިޔާމް ވިދާޅުވީ، ހުޅުމާލެ އަށް "އެހެން ކުލަކުލައިގެ ކެންޑިޑޭޓުން" ކުރިމަތިލައްވަން ކަމުނުދާނެ ކަމަށެވެ.

"ލަދުގަންނަންޖެހޭނެ މިއަދު މި ސިޓީ އަށް އެމްޑީޕީގެ ކެންޑިޑޭޓު، ޚާއްސަކޮށް މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވަން އެމްޑީޕީގެ ކެންޑިޑޭޓުން ލަދުގަންނަން ޖެހޭނެ،" ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލްގެ މިދިޔަ ދެ ދައުރުގައި ވެސް މާލޭގެ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދީ، ކައުންސިލްގެ އެތެރޭގެ ތަޅައިފޮޅުމާއި ކަންކަންކަން ހަމަޔަކަށް ނޭޅުވުން ކަމަށެވެ.

ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލުން ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ތަރައްގީގެ މަސައްކަތްތަކަށް ވަނީ ހުރަސް އަޅައިފަ އެވެ. ނަމަވެސް، ޔާމީން އަދި އެމަނިކުފާނުގެ ކެބިނެޓަކީ "ގޮތްހުސްވާނެ" ބަޔަކަށް ނުވާތީ، ސިޓީ ކައުންސިލްގެ ބާރުތައް ހަނިކުރުމަށް ފަހު ވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ކުރިއަށް ގެންދަވަން ޔާމީން ނިންމެވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އޭގެ ނަތީޖާ އަކަށް ވެގެން ދިޔައީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުން. ދިވެހި ރައްޔިތުން ތޮއްޖެހިފައި އޮތް ތަނެއް މާލެ އަކީ. މާލޭގައި ދިވެހި އާއިލާތަކަށް ނޭވާލާނެ ޖާގަތަކެއް ހެދިގެން ޕާކްތަކުގެ ސިފައިގައި އަޅުގަނޑުމެންނަށް ފެނިގެން ދިއުން. އެކިއެކި ބަލިތަކުގައި ހޭދަކުރާ މީސްމީހުން މޫދަށް އެރިލާނެ އާޓިފިޝަލް ބީޗެއް ހެދިގެން ދިއުން. މާލޭގެ ރައްޔިތުންނަށް ޚިދުމަތް ދޭން ހުރި އޮފީސްތަކުން އެ ޚިދުމަތްތައް ދޭނެ ފަސޭހަ ގޮތްތަކެއް ހައްދަވައި ދެއްވުން،" މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ބައިވެރިވުމެއް ނެތި ޔާމީންގެ ސަރުކާރުން މާލެ އަށް ކޮށްދިން ކަންކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވި އެވެ.

"މިއީކީ މާލޭ ސިޓީ ކައުންސިލް އޮވެގެން ވެގެން ދިޔަ ކަންތައްތަކެއް ނޫން."

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޝިޔާމް ވާހަކަ ދައްކަވަނީ: މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވަން އެމްޑީޕީގެ ކެންޑިޑޭޓުން ލަދުގަންނަންޖެހޭނެ ކަމަށް ވިދާޅުވި.---ފޮޓޯ: މަޖިލީހުގެ އިދާރާ

ޝިޔާމް ވިދާޅުވި ގޮތުގައި، 2017 އިން ފެށިގެން މިހާރު އޮތް މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަންތައްތަކާ މެދު ސުވާލު އުފެދެ އެވެ. އެންމެ ކުޑަމިނުން، 174 ގޮޅި ހިމެނޭ މާލޭގެ ލޯކަލް މާރުކޭޓު ވެސް ހަމަޔަކަށް އެޅުވުމުގެ ކުޅަދާނަކަން މިހާރުގެ ސިޓީ ކައުންސިލަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މާރުކޭޓުގައި ތިބި ދިވެހި ރައްޔިތުން އެ މާރުކޭޓުން ނެރެލައި މަގުމަތި ކޮށްގެން އުޅޭތާ މިހާރު ހަތް މަސް ދުވަސް ވެއްޖެ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގައި މުޅިން ވެސް ތިއްބެވީ އެމްޑީޕީގެ މެމްބަރުން ކަމަށް ވާއިރު، ކަންކަން ހަމައަކަށް ނޭޅުވުމަކީ ލަދުގަންނަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންވެ، މި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވެސް އެމްޑީޕީގެ މެމްބަރުން މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާން ލަދުގަންނަން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލުން ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ތަރައްގީގެ މަސައްކަތްތަކަށް ވަނީ ހުރަސް އަޅައިފަ އެވެ. ނަމަވެސް، ޔާމީން އަދި އެމަނިކުފާނުގެ ކެބިނެޓަކީ "ގޮތްހުސްވާނެ" ބަޔަކަށް ނުވާތީ، ސިޓީ ކައުންސިލްގެ ބާރުތައް ހަނިކުރުމަށް ފަހު ވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ކުރިއަށް ގެންދަވަން ޔާމީން ނިންމެވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީކޮށް، އެ ތަނުގައި 7،000 އަށް ވުރެ ގިނަ ފްލެޓް އިމާރާތް ކުރަން ފެށީ ޔާމީންގެ ސަރުކާރުގަ އެވެ. އަދި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް "ފްލެޓް ފޯމު ހިފައިގެން ކެމްޕެއިން ކުރައްވާ" ކަމުގެ އަޑުތައް އިވިވަޑައިގަންނަވާ ކަމަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ޔާމީންގެ ސަރުކާރުން އިމާރާތްކުރަން ފެށި ފްލެޓްތައް: މި އިމާރާތްތައް މި އަހަރުގެ ފަހުކޮޅު ނިމޭނެ ކަަމަށް އެޗްޑީސީން ބުނޭ. --ފޮޓޯ/މިހާރު

"ބަލަ މިއީ، އަޅުގަނޑުމެންގެ ސަރުކާރުގައި އަޅާފައި ހުރި ފްލެޓޭ. އެމްޑީޕީގެ ސަރުކާރުގައި އަޅާފައި ހުރި ފްލެޓެއް ނޫނޭ. ހަތް ހާސް [ފްލެޓް] އެއީ ގެންގުޅޭ ނަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ސެކަންޑް ފޭސްގއި 10،000 ފްލެޓްގެ މަސައްކަތް ކުރިއަށް އެބަދޭ. އެއީ ރައީސް ޔާމީންގެ ސަރުކާރުން ފެށި މަސައްކަތް. އެ ފްލެޓްތައް ދާނީ އެ ފްލެޓްތަކުގެ ހައްގުވެރިންނަށް،" ވަރަށް ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވި އެވެ.

"ވަކި ބަޔަކަށް ފްލެޓް ދޭނަމޭ ކިޔައި، މިއަދު ފޯމުތައް ހިފައިގެން ގޭގެ އަށް ވަޑައިގަންނަވާނެ ކަމެއް ނެތް. އަޅުގަނޑުމެންގެ ސަރުކާރެއް އިރާދަކުރެއްވިއްޔާ މި ބަލަނީ 2023 ގެ ކުރިން ވެސް އަންނާނެ ކަމަށް. އެއީ މިވާ ގޮތަކީ އާމްދަނީއެއް ނުހޯދޭ. ދިވެހިރާއްޖެ އަށް ކޮށްދޭންޖެހޭ ކަމެއް ނުކޮށްދެވޭ. ދިވެހި އާއިލާތައް ބިކަވަނީ. ދެން ދުއްވައި ގަންނާނީ ވެރިކަން އެއްލާލާފައި ކޮންމެވެސް އެހެން ދިމާލަކަށް. އަޅުގަނޑުމެން މިތިބީ ހަވާލުވާން. އަޅުގަނޑުމެންންނަށް އެނގޭނެ މި ގައުމު ހިންގަން."

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހުޅުމާލޭ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ މަޝްހޫރު ޕްރެޒެންޓަރު ރިޒްނާ ޒަރީރެވެ.

"މި ސަރުކާރަށް މިއުޅެނީ އަޅުގަނޑުމެން އަޅާފައި ހުރި ފްލެޓްތައް ވެސް އޭގެ ހައްގުވެރިންނަށް ހަވާލު ކޮށްލަން ނޭނގިގެން. ފަސް އަހަރު މި ނިމެނީ، މި ގްރޭޓާމާލެ އަށް ކޮށްދެވުނު ކަމެއް ވިދާޅުވެ ދެއްވާ: ޝިޔާމް

ޝިޔާމް މިރޭ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރަކީ "މާލޭގެ ކުނިގޮނޑު ސާފުކޮށްނުލެވުނު" ސަރުކާރެކެވެ.

"މާލެ ސިޓީގެ ކުނިގޮނޑު ސާފުކޮށްނުލެވުނު ސަރުކާރަކަށް ދެން ކޮން ރައްޔިތުންނަކަށްތޯ ޚިދުމަތް ކުރެވޭނީ،" އޭނާ ސުވާލު ކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ކުރާ ކަމަކީ "ބޭނުން ބަޔަކަށް" ފައިސާ ބެހުން ކަމަށާއި ޓީޗަރުންނާއި ޑޮކްޓަރުން ނުވަތަ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރަ ބޮޑުކުރެވެން ނެތް ކަމަށް ވެސް ބުނަމުންދާ ކަމަށެވެ.

"މާދަމާ ބުނާނެ [ސްކޫލް ކުދިންގެ] ނާސްތާ ޕްރޮގްރާމް ވެސް އެބަޖެހެއޭ ހުއްޓާލަން،" މި ސަރުކާރުގެ ނުކުޅެދުންތެރިކަމަށް ޖޯކު ޖައްސަވަމުން ޝިޔާމް ވިދާޅުވި އެވެ.

ދާއިރާގެ އިއްޒަތްތެރި މެމްބަރެއް، [އަލީ ނިޔާޒް] މި ދާއިރާގައި ހުރި ކަންބޮޑުވުމެއްގެ ވާހަކަ، އެ ބޭފުޅާގެ ބޭބެގެ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] އަރިހުގައި ނުދަންނަވާނެ. އަދި [ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި] މި ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓެއް ހޮވުނަސް ސަރުކާރާ ދެކޮޅަށް ޗުއްޕު ވެސް ނުބުނާނެ: ޝިޔާމް

އޭނާ ވިދާޅުވީ، ޕީޕީއެމުން ވެރިކަން ކުރި ދުވަސްވަރު، މާލޭ ސަރަހައްދަށް އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށް ބަޔާންކޮށް ތަސައްވުރުގައި ހިމަނާފައިވާނެ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކޮށް ނަތީޖާ ވެސް ނެރެފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރަށް މިއުޅެނީ އަޅުގަނޑުމެން އަޅާފައި ހުރި ފްލެޓްތައް ވެސް އޭގެ ހައްގުވެރިންނަށް ހަވާލު ކޮށްލަން ނޭނގިގެން. ފަސް އަހަރު މި ނިމެނީ، މި ގްރޭޓާމާލެ އަށް ކޮށްދެވުނު ކަމެއް ވިދާޅުވެ ދެއްވާ. މިތަނުގެ ހުރިހާ ސިއްރެއް އަވަށްޓެރި ގައުމަކުން އެއްކުރާ ވާހަކަ މި އިވެނީ. ބިރު ހުރި،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔާމީންގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކޮށްދެއްވުމެވެ. އެހެންވެ، ޕީޕީއެމްގެ ސިޔާސަތަކީ ވެސް އެއީ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެހެންވީމާ އިބްރާހިމް ޝުޖާއު، ކުރިއަށް އޮތް އިންތިޚާބުގައި މި ދާއިރާ ތަމްސީލް ކުރައްވަން ގޮނޑީގައި ބައިންދަންވީ. އެހެން ނޫނިއްޔާ ހުޅުމާލޭގެ ވާހަކަ ދައްކާނެ ރައްޔިތަކު ނުވާނެ. މި ދާއިރާގެ އިއްޒަތްތެރި މެމްބަރެއް، [އަލީ ނިޔާޒް] މި ދާއިރާގައި ހުރި ކަންބޮޑުވުމެއްގެ ވާހަކަ، އެ ބޭފުޅާގެ ބޭބެގެ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] އަރިހުގައި ނުދަންނަވާނެ. އަދި [ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި] މި ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓެއް ހޮވުނަސް ސަރުކާރާ ދެކޮޅަށް ޗުއްޕު ވެސް ނުބުނާނެ،" ޝިޔާމް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން މި ޖެހެނީ ސަރުކާރު ޖަވާބުދާރީ ކުރުވަން، ސަރުކާރަށް އަޑުއިއްވަން، ސަރުކާރު ޒިންމާދާރު ކުރުވާނެ އަޅުގަނޑުމެންގެ ފިކުރުގެ، ތަރައްގީގެ ފިކުރުގެ މަންދޫބުންތަކެއް މާލޭ ސިޓީ ކައުންސިލަށް ހޮވަން."