ކޮވިޑް ފެތުރެން ފެށި ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެހިން، އިންޑިއާގައި ކަރަންޓީން ކުރުމަށްފަހު މިއަދު ރާއްޖެ ގެެނެސްފި އެވެ.
ނުރައްކާތެރި ވައިރަސް ފެތުރެން ފެށި ސިޓީން، އެ މީހުން ނެރުމަށްފަހު އިންޑިއާގެ ނިއު ދިއްލީ އަށް ގެންގޮސްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އެ ދިވެހިން ގެންދިޔައީ، ޗައިނާގައި ތިބި އިންޑިއާ މީހުން ގެންދަން އެއާ އިންޑިއާ އިން ކުރި ދެ ވަނަ ދަތުރުގަ އެވެ. ބޯޓުގައި އިންޑިއާގެ 323 މީހުން ވެސް އެ ގައުމަށް ގެންދިޔަ އެވެ.
ކަރަންޓީން ކުރުމަށް ފަހު އެ މީހުން ރާއްޖެ އައުމުން، ފޮރިން މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވީ، ކޮވިޑް ވައިރަސް ފެތުރެން ފެށުމުން ޗައިނާގެ ގިނަ ސިޓީތަކެއް ކަރަންޓީނުކުރަން ފެށި އިރު އެ ގައުމުގައި އުޅޭ ކަމަށް، ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް އަންގާފައި ވަނީ 69 މީހެކެވެ. އޭގެ ތެރެއިން ނުވަ މީހަކު ތިބީ ވޫހާންގައި ކަމަށާއި އެނބުރި އަންނަން ބޭނުންވީ ހަތް މީހަކު ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެހެންވެ އެ ހަތް މީހުން އިންޑިއާ އަށް ގެންގޮސް ކަރަންޓީން ކޮށްފައިވަނީ ދިއްލީ ކައިރީގައި ހުންނަ ކަރަންޓީން ފެސިލިޓީއެއްގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ބެލުމުގެ ދަށުންނެވެ.
ކަރަންޓީން ކުރި މީހުންގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖެއް ވެސް ހިމެނެ އެވެ. އޭގެތެރެއިން އެއްވެސް މީހަކު މީޑިއާއާ ވާހަކަދައްކަން ބޭނުން ނުވާތީ، ވައިރަސް ފެތުރެން ފެށުނު ދުވަސްވަރު އެމީހުން އުޅުނު ގޮތެއް ސާފެއް ނުވެ އެވެ.
އެ ހަތް މީހުން ބަލިން ސަލާމަތްކުރުމަށާއި ނިއު ދިއްލީން އަދާކުރި މެހުމާންދާރީ އަށް ޝާހިދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރް މޯދީ އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ކޮވިޑް ވައިރަހުގެ އަސަރު 73،331 މީހުންނަށް ކޮށްފައިވާއިރު އޭގެ ތެރެއިން 1،873 މީހުން މަރުވެފައި ވެ އެވެ.