ވޫހާންގައި ތިބި ދިވެހިން އިންޑިއާ އަށް ދަތުރު ފަށައިފި

ނުރައްކާތެރި ކޮރޯނާވައިރަސް ފެތުރެން ފެށި ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެއްސަކު އެއާ އިންޑިއާގެ ބޯޓެއްގައި އިންޑިއާގެ ނިއު ދިއްލީ އަށް ދަތުރު ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގައި ތިބި މީހުން އެތަނުން ނެރުމަށް ކުރާ ހާއްސަ ދަތުރެއްގައި ދިވެހިން އިންޑިއާ އަށް ގެންގޮސް، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކަރަންޓީންކުރާނެ ކަމަށެވެ. ދިވެހިން ދިއްލީ އަށް ގެންދަނީ ޗައިނާގައި ތިބި އިންޑިއާ މީހުން ގެންދަން އެއާ އިންޑިއާ އިން ކުރި ދެ ވަނަ ދަތުރުގަ އެވެ. ދިވެހިން ތިބި ބޯޓުގައި އިންޑިއާގެ 323 މީހަކު ވެސް ދަތުރުކުރާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވި ގޮތުގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން ޗައިނާގެ ގިނަ ސިޓީތަކެއް ކަރަންޓީނުކުރަން ފެށި އިރު އެ ގައުމުގައި އުޅޭ ކަމަށް، ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް އަންގާފައި ވަނީ 69 މީހެކެވެ. އޭގެ ތެރެއިން ނުވަ މީހަކު ތިބީ ވޫހާންގައި ކަމަށާއި އެނބުރި އަންނަން ބޭނުންވީ ހަތް މީހަކު ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެ ގެންނަ މީހުން ގެންނަނީ ސީދާ ރާއްޖެއަށް ކަމުގައި ނުވާތީ އެ ގެންދެވޭ ގައުމެއްގެ ޕަބްލިކް ހެލްތު އުސޫލުތަކުގެ މަތިން، އެ ކުރަން ޖެހޭ ކަރަންޓީނެއް ގެ މުއްދަތު ނިންމާފައި ނޫނީ ރާއްޖެ ގެނެވޭކަށް ނެތް،" ޕްރެސް ކޮންފަރެންސްގައި ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ދިވެހި ވޫހާންގައި ތިބި ދިވެހިން އިންޑިއާ އަށް ގެންގޮސްދެނީ ދިވެހި ސަރުކާރުން އެދުމުން އިންސާނީ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ. ވޫހާނުން ދިވެހިން ނެރުމަށް ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، ޗައިނާ ސަރުކާރުގެ ހުއްދަ ލިބުމާ އެކު ދިވެހިންނާއި އިންޑިއާ މީހުން ގޮވައިގެން ދަތުރު ފެށީ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. އެތަނުން ބުނީ ވޫހާނުން ގެންނަ މީހުންނަށް ހާއްސަކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ވަކި މުއްދަތަކަށް ތިބޭނެ ކަމަށާއި އިންޑިއާ މީހުންނާއި ދިވެހިން ވެސް ތިބޭނީ އެތަނުގައި ކަމަށެވެ.

"މިއީ އިންޑިއާ އިން ގެންގުޅޭ އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުމުގެ ސިޔާސަތާއި ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި ކުއްލި ހާލަތްތަކުގައި ރާއްޖެ އަށް އެހީވާ ފުރަތަމަ ގައުމުގެ ގޮތުގައި އިންޑިއާ އޮންނާނެކަން އަންގައިދިން މުހިންމު މަސައްކަތެކެވެ،" އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.

ވޫހާންގެ އިތުރުން ޗައިނާގެ އެހެން ސަރަހައްދުތަކުގައި ތިބި ދިވެހިން ރާއްޖެ އައުމަށް ޓަކައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމެއް ކުރިން ވަނީ ހަމަ ޖައްސައިފަ އެވެ. އެގޮތުން މޯލްޑިވިއަން ދަތުރުކުރާ ޗައިނާގެ ފަސް މަންޒިލުން ވެސް މީހުންނަށް ހިލޭ އާދެވޭ ގޮތަށް ސަރުކާރުން ހަމަޖެއްސި އެވެ. އެކަމަކު މި ދަތުރުތަކުގައި ބައިވެރިވާން ރަޖިސްޓްރީކުރީ އެންމެ ދެ މީހެކެވެ.

ދިވެހިން ވޫހާން އިން ނެރުމަށް އިންޑިއާ އިން ދިން އެހީތެރިކަމަށްޓަކައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފޮރިން މިނިސްޓަރު ޖައި ޝަންކަރާއި އިންޑިއާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން އާއި ރާއްޖޭން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އާއި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ވޫހާންގައި ފެތުރެން ފެށި ކޮރޯނާވައިރަސް އެހެން ގައުމުތަކަށް ވެސް ފެތުރި މިހާތަނަށް ވަނީ 14،300 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުން ވައިރަސް ފެނިފަ އެވެ. މީގެ ތެރެއިން މިހާތަނަށް 304 މީހަކު ވަނީ މަރުވެފަ އެވެ. ޗައިނާގައި ތިބި މި ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 19،544 އެވެ. ޗައިނާ އިން ބުނި ގޮތުގައި މިހާތަނަށް 328 މީހަކު ވަނީ ބަލިން ފަސޭހަވެ އެވެ.