ވިލާ އެއާއަށް ސީޕްލޭން އޮޕަރޭޓްކުރަން ހުޅުލެއިން ޖާގައެއް ނުދިން

ސީޕްލޭން އޮޕަރޭޝަންތައް ފަށަން ހުޅުލެއިން ޖާގަ ހޯދަން 2013 އިން ފެށިގެން ވިލާ އެއާއިން ރަސްމީކޮށް އެދުނު އެދުންތަކަށް ޖަވާބެއް ނުދީ، އެކަމަކު އޭގެ މާ ފަހުން މަންޓާ އެއާއަށް ޖާގަ ދިނުމަކީ، އެމްއޭސީއެލުން ވަކި ބައެއްގެ މަސްލަހަތަށް މަސައްކަތްކުރާކަން އެނގޭ ސަބަބެއް ކަމަށް، ވިލާ އެއާއިން މިއަދު ބުނެފި އެވެ.


މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ ހުޅުލެއިން ޖާގަ ހޯދަން އެމްއޭސީއެލަށް މީގެ ހަތް އަހަރު ކުރިން ފެށިގެން ފޮނުވި ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި ދިވެހި އެއާލައިނަކުން ޓޫރިޒަމް ދާއިރާގެ ކުރިއެރުމަށް ކޮށްފައި އޮތް ޕްލޭނަކަށް އަމަލީ ސިފަ ގެންނަން އެމްއޭސީއެލުން ހުރަސްއެޅުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޖާގަ ނުދޭ ސަބަބު ހޯދަން އާދޭސްކުރުމުން ވެސް ޖަވާބެއް ނުދެއްވާ،" ނާޝިދު ވިދާޅުވި އެވެ.

ރާއްޖޭގެ ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ ތެރެއަށް 2011 ގައި ވިލާ އެއާއިން ވަދެ، އޭގެ ދެ އަހަރު ފަހުން ފެބްރުއަރީ 14، 2013 ގައި، އެމްއޭސީއެލަށް ސިޓީއެއް ފޮނުވީ ސީޕްލޭންގެ އޮޕަރޭޝަން ވެސް ކުރިއަށް ގެންދަން ހުޅުލެއިން ޖާގަ ހޯދަން އެދި އެވެ. އެ ސިޓީގައި އެދިފައި އޮތީ، ހުޅުލޭގެ އިރުމަތީ ފަރާތުން މޫދާ ކައިރިން 4،500 އަކަމީޓަރުގެ ޖާގައެއް، ސީޕްލޭން ދުއްވާ އެހެން އޮޕަރޭޓަރުންނަށް ވެސް ދީފައިވާ އަގުގައި ފޯރުކޮށްދިނުމަށެވެ.

އޭރު ޓީއެމްއޭގެ އިތުރުން އެއާ ޓެކްސީ ވެސް ވަކިން ސީޕްލޭން އޮޕަރޭޓްކުރި އެވެ. އެކަމަކު ފަހުން މި ދެ ކުންފުނި އެއްކޮށްލާ، ހަމައެކަނި ޓީއެމްއޭގެ ނަމުގައި ހިދުމަތް ފެށި އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް ވެސް އެ ސިޓީއަށް ޖަވާބެއް ނުލިބެ އެވެ.

ސީޕްލޭންގެ ހިދުމަތަށް ވަންނަން އާ ބޯޓެއް ވެސް ވިލާ އެއާއިން ރާއްޖެ ގެނަ އެވެ. އެ ބޯޓު ބޭއްވީ ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމްގެ އުފަން ރަށް، މާމިގިލީގައި އޭނާ ހައްދަވާފައިވާ އެއާޕޯޓްގަ އެވެ. އެންމެ ފަހުން ހުއްދަ ނުލިބުމުން، އެ ބޯޓު ބޭރު ބަޔަކަށް ވިއްކާލީ އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ބޯޓެއް ގެނެސް އެ ދުއްވޭނެ ގޮތެއް ނުވުމުން ވިލާ އެއާއަށް 4.2 މިލިއަަން ޑޮލަރު (64 މިލިއަން ރުފިޔާ) ގެ ގެއްލުމެއް ލިބުނެވެ.

އޭނާ ވިދާޅުވީ ސީޕްލޭން އޮޕަރޭޝަނަށް މަންޓާ އެއާއަށް ޖާގަ ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"މައްސަލައަކަށް ވަނީ އަޅުގަނޑުމެން އެދުނީމާ ޖާގަ ނުދިނުން. އޭގެ ސަބަބެއް ހަމަ ނޭނގޭ،" ނާޝިދު ވިދާޅުވި އެވެ.

މަންޓާ އެއާއިން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފެށީ މިދިއަ އަހަރުގެ ކުރީކޮޅެވެ.

ސީޕްލޭން އޮޕަރޭޝަނަކީ، ނާޝިދު ވިދާޅުވި ގޮތުގައި، ހުޅުލެއިން ޖާގަ ނުލިބި ކުރިއަށް ގެންދެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އެމްއޭސީއެލްގެ ބޯޑުން އެ ފުރުސަތު ވިލާ އެއާއަށް ނުދީ މިހާ ދުވަސް ވަންދެން ހިފެހެއްޓީ އަމިއްލަ މަސްލަހަތުގައި ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ވަކި ވިޔަފާރިވެރިން ބޯޑުގައި ތިބޭތީ ވިލާ އެއާއަށް އެއްބާރުލުން ނުލިބުނީ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ،" ނާޝިދު ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ މަންޓާ އެއާގެ އެއް ހިއްސާދާރުގެ ބައްޕާފުޅެވެ. ދެން އެ ބޯޑުގައި، ވިޔަފާރިވެރިޔާ އަދި ކުރިން ޓީއެމްއޭގެ އެންމެ ބޮޑު އެއް ހިއްސާދާރު ޗަމްޕާ ހުސެއިން އަފީފުގެ އަރިސް ބައެއް ބޭފުޅުން އޭރު ވެސް އަދި މިހާރު ވެސް ހިމެނެ އެވެ. އެހެންކަމުން ބައެއް މީހުން ބުނަނީ އެމްއޭސީއެލް ބޯޑުން ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭ ކަމަށެވެ.

އެކަމަކު އެމްޔޫ މަނިކުގެ އެއްވެސް ކަހަލަ ފޭވާއެއް މަންޓާ އެއާއަށް ނެތް ކަމަށް، މާލިއްޔަތު ކޮމިޓީގައި އެ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލް ވަނީ ވިދާޅުވެފަ އެވެ. އޭނާ އެގޮތަށް ވާހަކަ ދެއްކެވީ، އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން އުޅުނު މައްސަލާގައި، އެމްއޭސީއެލްގެ ބޯޑުގައި މަސްލަހަތު ފުށުއަރާ ބޭފުޅުން ތިއްބެވުމާއި އެ ބޭފުޅުން މަންޓާގެ މަސްހަލަތު ވެސް ހިމާޔަތްކޮށްފާނެ ކަމާ ބެހޭ ގޮތުން ކުރި ސުވާލުތަކެއްގަ އެވެ.

"މަަންޓާގެ އެއް ޝެއާހޯލްޑަރުގެ ބައްޕާފުޅު އެބަ އިންނަވާ އެމްއޭސީއެލްގައި. އެކަމަކު އެމްއޭސީއެލްގައި، އެތާގައި އިންނަވައިގެން ފޭވާތަކެއް ކުރާ ނަމަ، އަޅުގަނޑުމެންނަށް ހިއެއް ނުވޭ މިތަނަށް އައިސް އަޅުގަނޑުމެން މިވާހަކަ މިއަދު ދައްކަން ޖެހޭނެ ހެނެއް،" ހަލީލް ވިދާޅުވި އެވެ.

ވިލާ އެއާއިން އެމްއޭސީއެލަށް މިހާތަނަށް 36 މިލިއަން ޑޮލަރު

ވިލާ އެއާއަށް ސީޕްލޭން އުދުއްސަން ހުޅުލެއިން ޖާގަ ނުދިން އިރު، ނާޝިދު ވިދާޅުވީ، ވިލާ އެއާގެ ފްލައިމީގެ އޮޕަރޭޝަންތަކުން އެމްއޭސީއެލަށް އަހަރަކު ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް އެމްއޭސީއެލަށް ދައްކައިފިން 36 މިލިއަން ޑޮލަރު [555 މިލިއަން ރުފިޔާ]،" ސަރަހައްދީ އެއާޕޯޓްތަކަށް ވިލާ އެއާގެ ދަތުރުތައް ފެށި ފަހުން، އެމްއޭސީއެލަށް ލިބުނު ފައިދާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގޭ ޓީއެމްއޭ އިން ދައްކަނީ ކިހާ ވަރެއް ކަމެއް. އަޅުގަނޑު ބުނާނީ ޓީއެމްއޭއަށް ވުރެ ކުޑައެއް ނުވާނޭ އަޅުގަނޑުމެން ދައްކާވަރު."

އެކަމަކު ސީޕްލޭންގެ އޮޕަރޭޝަނަށް ބޭނުންވާ ޖާގަ ނުލިބުމަކީ ވިލާ އެއާ ފުޅާކުރަން އެމްއޭސީއެލުން އަޅާފައި އޮތް ހުރަހެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.