އެމްޔޫ މަނިކު އެމްއޭސީއެލްގައި އިންނެވިޔަސް މަންޓާއަށް ފޭވާ ކުރައްވާފައެއް ނެތް

އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކަކީ މަންޓާ އެއާގެ ހިއްސާދާރެއްގެ ބައްޕަ ކަމަށް ވިޔަސް މަންޓާއަށް ވަކި މޮޅު ގޮތްތަކެއް ހޯއްދަވާދެއްވާފައި ނުވާ ކަމަށާއި އެހެން ނޫން ނަމަ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން އިންނަވަން ނުޖެހުނީސް ކަމަށް، އެ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް މަންޓާ އެއާގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ވަޑައިގެންނެވީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ކޮންޓްރޯލެއް ޓީއެމްއޭއިން ހޯދަން މަސައްކަތްކުރާތީ މަންޓާގެ ކަންބޮޑުވުންތައް ހިއްސާކުރާށެވެ.

އެ ބައްދަލުވުމުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޚަލީލް އެމްޔޫ މަނިކުގެ ނަންފުޅެއް ސީދާ ނުގެންނަވަ އެވެ. އޭގެ ބަދަލުގައި ވިދާޅުވީ "މަންޓާގެ އެއް ހިއްސާދާރުގެ ބައްޕާފުޅު" އެމްއޭސީއެލްގެ ބޯޑުގައި އިންނަވައިގެން މަންޓާއަށް ފޭވާތަކެއް ކުރާ ނަމަ މަންޓާއިން މިހާރު ފާޅުކުރަމުން އަންނަ ކަންބޮޑުވުންތައް ފާޅުކުރައްވަން ޖެހިވަޑައިނުގަތީސް ކަމަށެވެ.

އާމިރު ވިދާޅުވީ އެމްއޭސީއެލްގެ ބޯޑުގެ ބައެއް މެމްބަރުން އާއިލީ މަސްލަހަތަށް މަސައްކަތް ކުރައްވާފައިވާ ކަމުގެ ތުހުމަތު އޮތްކަން، ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި އޮޑިޓަ ޖެނެރަލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވައިލި ރިޕޯޓްތަކުން އެނގޭތީ މަންޓާއަށް އިޝާރާތްކޮށް ވެސް ވާހަކަތަކެއް ދެކެވޭ ކަމަށެވެ.

"ތިޔަ ބޭފުޅުންނަށް އިޝާރާތްކޮށް ދެކެވޭ ވާހަކަތަކުގައި ކޮބައިތޯ އޭގެ ހަގީގަތަކީ؟" އާމިރު އެއްސެވި އެވެ.

އެ ރިޕޯޓްތައް ފެނިވަޑައިގެންފައި ނުވާތީ ސުވާލަށް ޖަވާބެއް ދެއްވަން ތައްޔާރު ނޫން ކަމަށް ހަލީލް ފުރަތަމަ ވިދާޅުވި އެވެ. އެ ހިސާބުން އާމިރު ދެން ވިދާޅުވީ އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ އާއިލީ މަސްލަހަތަށް އިސްކަން ދެއްވާފައިވާ ކަމުގެ ވާހަކަ ދެކެވޭ ކަމަށެވެ.

އޭގެ ޖަވާބުގައި ޚަލީލް އެންމެ ފަހުން ވިދާޅުވީ މަންޓާގެ އެއް ހިއްސާދާރުގެ ބައްޕާފުޅު އެމްއޭސީއެލްގެ ބޯޑުގައި އިންނަވާ ކަމަށެވެ.

ސީދާ ނަން ނުގެންނެވި ނަަމަވެސް އެއީ އެމްއޭސީއެލްގެ ބޯޑު ޗެއާމަން އެމްޔޫ މަނިކެވެ.

"ރަނގަޅު ވާހަކައެއް. އަޅުގަނޑުމެން، މަަންޓާގެ އެއް ޝެއާހޯލްޑަރުގެ ބައްޕާފުޅު އެބަ އިންނަވާ އެމްއޭސީއެލްގައި. އެކަމަކު އެމްއޭސީއެލްގައި، އެތާގައި އިންނަވައިގެން ފޭވާތަކެއް ކުރާ ނަމަ، އަޅުގަނޑުމެންނަށް ހިއެއް ނުވޭ މިތަނަށް އައިސް އަޅުގަނޑުމެން މިވާހަކަ މިއަދު ދައްކަން ޖެހޭނެ ހެނެއް،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއޭސީއެލްއިން މަންޓާއަށް ފޭވާކުރާ ނަމަ ވިޔަފާރީގައި ވާދަކުރުމުގައި ޓީއެމްއޭއާ އެއްވަރުގެ "ޕްލެއިން ފީލްޑެއް" ލިބުނީހެވެ.

ބައްދަލުވުމުގައި މަންޓާއިން ފާޅުކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީއެމްއޭއިން އެދޭ ވަރުގެ ޖާގަައެއް އެ ކުންފުންޏަށް ދީފި ނަަމަ ޓާމިލްގެ ކޮންޓްރޯލް ޓީއެމްއޭއަށް ލިބި ވާދަވެރިކަމަށް ހުރަސްއެޅުމެވެ.

އާ ސީޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން ޓީއެމްއޭއާ އެކު އެމްއޭސީއެލް އިން މަޝްވަރާކޮށްފައި ވަނީ ނިސްބަތުން ވަރަށް ކުޑަ އަގެއްގަ އެވެ. އެކަމަކު އެއީ އެމްއޭސީއެލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް، އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ދައުލަތުގެ މިނިވަން ބައެއް މުއައްސަސާތަކުން އަންނަނީ ބުނަމުންނެވެ.

އެމްއޭސީއެލުން މަޝްވަރާކުރަމުން ދިޔަ އަގުތަކުގައި އެތަނުން ޓީއެމްއޭއަށް ޖާގަ ދީފި ނަމަ އަހަރަކު 41 މިލިއަން ޑޮލަރުގެ އާމްދަނީއެއް ގެއްލިދާނެ ކަމަށް، އޮޑިޓަ ޖެނެރަލްގެ ހާއްސަ ރިޕޯޓަކުން އޮތީ ލަފާކޮށްފަ އެވެ.