ފަޒީލް ޒިންމާއިން ވަކިކޮށް ދެ ގަޑިއިރު ފަހުން އެ ނިންމުން ބާތިލްކޮށްފި

އާ ޓާމިނަލް ކުއްޔަށް ދިނުމާ ބެހޭ ގޮތުން އެމްއޭސީއެލްގެ ފަރާތުން ޓީއެމްއޭއާ އެކު ހިންގި ސިޓީބިޓީގެ މުއާމަލާތްތަކުގައި ސޮއިކުރެއްވި ޖެނެރަލް މެނޭޖަރު ހުސެއިން ފަޒީލް ޒިންމާ އިން ވަކިކޮށް މެމޯއެއް ފޮނުވިތާ ދެ ގަޑިއިރު ފަހުން އަލުން އޭނާ ހަމަ މަގާމުގައި ބަހައްޓައިފި އެވެ.


އިއްޔެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ކަން ހިނގި ގޮތް ކިޔައިދެއްވުމުގެ ކުރިން، އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރައްވާ ނެރުނު އިންޓާނަލް މެމޯގައި ބުނެފައި ވަނީ "19 ފެބްރުއަރީ 2020 އިން ފެށިގެން ނޮން-އެއިރޯ ކޮމާޝަލް ސެކްޝަން ހިންގަވާނީ މެނޭޖަ، އަލްފާޟިލް މުހައްމަދު ހިޝާމް ކަމުގައި ދަންނަވަމެވެ،" މިހެންނެވެ.

އެ މެމޯ ނެރުމުގެ ކުރިން ކޮމާޝަލް ސެކްޝަންގެ ނޮން-އެއިރޯ ބައި ހިންގަވަމުން ގެންދެވީ، އެމްއޭސީއެލްގައި މަސައްކަތްކުރައްވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަޒީލެވެ.

އެކަމަކު މެމޯ ނެރުނުތާ މާ ގިނަ އިރެއްނުވެ، އެ ކެންސަލްކޮށް، މޫސާ ސޯލިހު ދެ ވަނަ މެމޯއެއް ނެރުއްވި އެވެ. އޭގައި ބުނެފައި ވަނީ "19 ފެބްރުއަރީ 2020 ދުވަހު ނެރެފައިވާ އިންޓާނަލް މެމޯ (އޭގެ ނަންބަރު) ބާތިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ،" މިހެންނެވެ.

ކޮމާޝަލް ސެކްޝަން ނޮން-އެއިރޯ ބައިގެ ޒިންމާތަކުން ފަޒީލް އެކަހެރިކުރަން ނިންމީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަތަކުން އެނގެނީ ޓީއެމްއޭއަށް ފޮނުއްވި ސިޓީތަކުގައި އޭނާގެ މައްސަލައެއް ނެތް ކަމެވެ.

އޭގެ ކުރީ ދުވަހު މޫސާ ސޯލިހާއި، އެމްއޭސީއެލްގެ ބޯޑުގެ ދެ މެމްބަރުންނާ އެކު މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަތަކުން ފަޒީލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އެގޮތުން އޭނާ ސޮއިކުރައްވާފައި ހުރި ސިޓީތަކުގައި ހިމެނޭ ބައެއް ކަންކަން ބޯޑަށް ނޭނގޭ ކަމަށް ބެލެވުނެވެ. އެ ތުހުމަތު އުފެދުމާ އެކު، އެމްއޭސީއެލްގެ ގާނޫނީ ވަކީލް މަޒްލާން ރަޝީދު ވަނީ، އެ މުއާމަލާތްތަކުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމާ އެކު ޖިނާއީ ތަހުގީގަކަށް ޖާގަ ދޭން ޖެހޭ ކަމަށް، މާލިއްޔަތު ކޮމިޓީގައި، ވިދާޅުވެފަ އެވެ.

އާ ޓާމިނަލުން ޖާގަ ދޭނެ ވަރާއި އަގާއި އަދި މުއްދަތު ފަދަ ވާހަކަތައް ފަޒީލް ސޮއިކުރައްވާފައިވާ ސިޓީތަކުގައި ހިމެނުއްވީ ބޯޑުން ނުނިންމާ ނުވަތަ ކުޑަވެގެން މަޝްވަރާ ވެސް ނުކޮށް އޮއްވާ ކަމަށް ބެލެވުނީ، ބޯޑު މެމްބަރު ޑރ. އިބްރާހިމް މަހްފޫޒް ދެއްކެވި ވާހަކަތަކުންނެވެ. ކުރީ ސަރުކާރުގައި ވެސް އެމްއޭސީއެލްގެ ބޯޑުގައި އިންނެވި ޑރ. މަހްފޫޒް ވިދާޅުވީ އެކަހަލަ ކަމަކާ ބެހޭ ގޮތުން ބޯޑުގައި މަޝްވަރާ ވެސް ކޮށްފައި ނުވާނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ފަޒީލް ވިދާޅުވީ ޓީއެމްއޭއަށް ފޮނުއްވި ސިޓީތަކާ ބެހޭ ގޮތުން މެނޭޖްމެންޓާ މަޝްވަރާކޮށް، ހުއްދަ ވެސް ހޯއްދަވާފައިވާނެ ކަމަށެވެ. އެގޮތުން އޭނާ ކުރެއްވި މުއާމަލާތްތަކާ ގުޅޭ ލިއެކިއުންތައް ވެސް މާލިއްޔަތު ކޮމިޓީއާ ހިއްސާކުރެއްވި އެވެ.

އޭގެ އިތުރުން ފަޒީލް ވިދާޅުވި ގޮތުގައި ޓީއެމްއޭއަށް ސިޓީތައް ފޮނުއްވީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ މަޝްވަރާކުރައްވައި އާދިލްގެ ވެސް އިރުޝާދާ އެއްގޮތަށެވެ.

"ކޮންމެ ބޯޑު ޕޭޕަރެއްގައި ވެސް ވަކި ކަމަކަށް ރިޒޮލިއުޝަނެއް ފާސްކުރަން ފޮނުވަނީ. ރިޒޮލިއުޝަން [އެކުލަވައިލުމު]ގައި ބޭނުންވާ ކަންކަން، ހުރިހާ މައުލޫމާތެއް ހިމެނިގެންވާނެ،" ފަޒީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އާ ޓާމިނަލުން ޖާގަ ދޫކުރެވިދާނެ ފަސް އަގެއް ވެސް ބޯޑަށް ހުށައެޅުއްވި އެވެ. އެކަމަކު ޓީއެމްއޭއާ އެކު މަޝްވަރާއަށް ދިޔައީ އޭގެ ތެރެއިން އެންމެ ކުޑަ އަގަށް ވުރެ ވެސް ކުޑަ އަގެއް ކަމަށް ފަޒީލް ވިދާޅުވި އެވެ.