ނައިބު ރައީސް ފައިސަލް، "މަސަލަސް ރާއްޖެ ޕްރޮގްރާމް" ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
20 ފެބުރުއަރީ 2020 - 13:37
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަށް ހުރިހާ އެންމެންނަށް އެނގުމަކީ މުހިއްމު ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންސް (އީސީ) އިސްނަގައިގެން 16 މުއައްސަސާ އަކާ ގުޅިގެން ކުރިއަށް ގެންދާ ގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ފެށުމުގެ "މަސަލަސް ރާއްޖެ" ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ގާނޫން ކަށަވަރުކޮށްދޭ ކަންތައްތައް އެނގުން މުހިއްމު ކަމަށެވެ.
ސްޓެލްކޯގެ ސެމިނާ ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، ގާނޫނުއަސާސީން ވަރަށް ގިނަ ހައްގުތަކެއް ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އެކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން ގިނަ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުން މަސައްކަތް ކުރާކަން ފައިސަލް ފާހަގަކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލާއި އެކި މުއައްސަސާތަކުގެ ބައެއް ބޭފުޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"ވަރަށް މުހިއްމު ކަމެއް، އުސޫލުތަކެއް ހެދިފައި ހުންނަ އިރު، އަޅުގަނޑުމެންގެ ހުރިހާ ފަރާތްތަކަށް އެ ކަންތައްތައް އެނގެން އެބަޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގަނީ އެންމެ އެކަށީގެންވާ ގޮތަކަށް ކަމާ މެދު އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ. އަދި މިއަދު އަމަލުކުރަން ފެށި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނުގައިވާ ކަންތައްތައް ވެސް އެންމެންނަށް އެނގުން މުހިއްމު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެ ކަމުގައި ހުރިހާ އެންމެން މަސައްކަތްކުރަން ޖެހޭ ކަމަށާއި ކޮންމެ ފަރުދެއްގެ ޒިންމާތަކަކާއި ވާޖިބުތަކެއް ވާ ކަމަށް ވިދާޅުވި އެވެ.
"އެހެން ކަމުން މިފަދަ ޕްރޮގްރާމްތަކުން އަޅުގަނޑުމެންނަށް ދަސްވާ އެއްޗެހީގެ ބޭނުން އަޅުގަނޑުމެން ހެޔޮގޮތުގައި ހިފަން އެބަ ޖެހޭ،" ފައިސަލް ވިދާޅުވި އެވެ.
މުޅި އަހަރު ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އީސީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޕެންޝަން އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ފުލުހުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ޓްރާސްޕޭރަންސީ މޯލްޑިވްސް އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޖެންޑާ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ހޯޕް ފޮ ވިމެން އަދި އިސްލާމިކް ޔުނިވާސިޓީން ބައިވެރި ވެ އެވެ.
މައިގަނޑު 12 ކަމަކާ މެދު ހޭލުންތެރިކުރަން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި އަލި އަޅުވާނީ އަންނަ އޭޕްރިލް މަހު ކުރިއަށް ގެންދާ ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުންނެވެ. އެ ކަންތައްތަކުގެ ތެރޭގައި ލާމަރުކަޒި ނިޒާމަށް މީހުން ހޭލުންތެރިކުރުމާއި ރާއްޖޭގައި ބާއްވޭ އިންތިހާބުތަކާ ގުޅޭގޮތުން ނަޒާހަތްތެރިކަން އަށަގެންނެވުމާއި ގައުމީ ކަންކަމުގައި ބަސް ކިޔުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުވުން ހިމެނެ އެވެ.
ކާށިދޫގަ އާއި އައްޑޫގައި މި ޕްރޮގްރާމުގެ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައި ވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މަސަލަސް ރާއްޖެ ޕްރޮގްރާމް އިފްތިތާހުކުރުމެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
އީސީގެ ރައީސް އަހުމަދު ޝަރީފް، މިއަދުގެ ރަސްމިއްޔާތުގައި ވިދާޅވީ، ކޮންމެ މީހަކަށް ހައްގުތަކެއް ކަށަވަރުވެފައިވާ އިރު، އެ ހައްގުތަށް ހޯދަން މަސައްކަތްކުރާ މީހުންގެ ޒިންމާތަކެއް ވެސް ވާ ކަމަށެވެ.
"މި ޕްރޮގްރާމަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި، ރާއްޖޭގެ ރައްޔިތުން ފަހި މުޖްތަމައުއެއްގައި ދިރިއުޅުމަށްޓަކައި ބޭނުންވާ މައުލޫމާތާއި ޒިންމާތަކާއި ހައްގުތަކާ ގުޅޭ ގޮތުން މައުލޫމާތު ލިބޭނެ ޕްރޮގްރާމެއް ކަމަށް [ވުން]،" ޝަރީޕް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ahmed
20 February 2020
ޤާނޫނު އަސާސީގައި ވާގޮތަށް ގޮތައްތޯ މިހާރު ކަންކަންދަނީ ބެއްލެވިންތޯ؟ ނިކަމެތި ރައްޔަތު މީހާ ނަގާ ކޮޅަށް ޖަހާލެވޭކަހަލަ ގާނުނެއް ދިވެހި ވުޖޫދަށް ނެރެފިނަމަ އެ ގާނޫނެއް އަވަހަށް ބަދަލުކޮށްލާނެ. ނިކަމެތި ރައްޔަތު މީހާ އިތުރަށް ނިކަމެތި ކޮށްލާ ފިއްތާމުންގޮސް ކުރިއަށްދާން އޮންނަ މަގު ހަނިކޮށްލާނެ. ކަށިގަށްތަކުން ފުރާލާނެ. ތިޔަބުނުއްވާ ފޮތް އޮތްތަނެއްގައި ބާއްވާ. ރައްޔިތުންނަށް ޒަރޫރީ ބޭނުންތައް ފަސޭހައިން ފުއްދޭނެ ނިޒާމެއް ގާއިމްކޮށްދެެއްވަވާ!
އޮނަރަބްލް އަފީފު ދީދީ
20 February 2020
މިސިޓީއަކީ ރާއްޖޭގެ އެންމެ ތައުލީމީ ހޭލުންތެރި މީހުން ތިބި ސިޓީކަން މަނިކުފާނަށް އޮޅިވަޑައިގެންފައި ނުވާނެ. # ޤާނޫނުއަސާސީގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތަކީ އަސާސީ ޙައްޤެއްކަމަށް ލިޔެފައިއޮތްކަން ނޭގޭ ހަމައެކަކުވެސް އައްޑޫގައި ނުހުންނާނެ. # އެކަމަކު އަހަރުމެންގެދަރިން ގުއިވަޅުންފެންވަރައި ނަޖިސްފެންބޮއެގެން ޗަކަގަނޑުގައިބަކަތަޅަމުން ސުކޫލާއިހަމައަށްދާންޖެހެނީ މާލޭސަރުކާރުގެ ގޮތްފޮތްނެތްކަމުންކަން މަނިކުފާނަށް އެގިނުލެއްވީތީ ޙައިރާންވެއްޖެ.
ރަފްޝަން
20 February 2020
އަހަރުންނަަށް ހައްގުތައް ވަރަަަށް ރީތިކޮން އިނގޭ...މަޖިލީސް މެންބަރުން ސިޔާސީ މީހުން މުސާރަ 80ހާހުން މަތީގައި..އާއިލާއާއިއެކު ބޭރުގައުމުތަކުން ބޭސްފަރުވާ...އަހަރުންގެ މުސާރަ 5000ރފ...ހައްގު މިންވަރު ސާފު ވެއްޖެ ދެއްތޯ.
ޝޮކްތެރަޕީ
20 February 2020
އިންޑިޔާއިން ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަ ހައްގުތަށް ދިވެހިންނަ ވަރައް ރަގަޅަ އެގެންޖެހޭ. ސަރުކާރު ހުރިހާކަމެއް ފޮރުވައިގެން ތިއުޅުއްވަނީ.
ސަސި
20 February 2020
ނައިބު އަޅެ މި ގައުމުގަ މި ނިމޭހަފުތާވެސް ރައްޔިތުން ކަންބޮޑު ކުރުވި އެތައްކަމެއް ހިނގައިފި. ހަމަ ބެހޭވެސް ކަމެއް ނޫންދެއްތޯ
އާދަމް ބާއީ
20 February 2020
ހައްގުތައް ނޭންގިގެނެއް ނޫޅެން.