އިލެކްޝަންސް ކޮމިޝަންސް (އީސީ) އާއި އިތުރު 16 މުއައްސަސާއެއް ގުޅިގެން "މަސަލަސް ރާއްޖެ" ގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގައުމީ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ހަރަކާތްތައް ހަތަރު ފިޔަވައްސަކަށް ބަހާލާފައި ވާއިރު، ޖެނުއަރީން މާޗު މަހަށް ހިންގާ ފިޔަވަހި ހާއްސަކުރާނީ އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ހޭލުންތެރިކަން އިތުރުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީގެ އިތުރުން މި ހޭލުންތެރިކަމުގެ ގައުމީ ހަރަކާތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޕެންޝަން އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ފުލުހުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ޓްރާސްޕޭރަންސީ މޯލްޑިވްސް އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޖެންޑާ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ހޯޕް ފޮ ވިމެން އަދި އިސްލާމިކް ޔުނިވާސިޓީން ބައިވެރި ވެ އެވެ.

"މަސަލަސް ރާއްޖެ" ހަރަކާތުގައި ބައިވެރިވާ އެހެން މުއައްސަސާތަކުގެ އިސްވެރިން ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އެވެ.

ރައްޔިތުން ހޭލުންތެރިކުރުމުގެ ގާނޫނީ ޒިންމާ އޮންނަ ގިނަ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން މި މަސައްކަތްކުރަން ނިންމީ، މިކަމަށް ހޭދަވާ ވަގުތާއި ފައިސާ ސަލާމަތްކުރަން ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެއް ޕްލެޓްފޯމަކުން މިފަދަ ހަރަކާތެއް ހިންގުމުން، ހޭލުންތެރިކަމުގެ މެސެޖު ފުށުއެރުމާއި ތަކުރާރުވުމުން ސަލާމަތްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... އެކަމަކު އަޅުގަނޑުމެން ހުރިހާ މުއައްސަސާތަކެއްގައި ހޭލުންތެރިކުރުމަށްޓަކައި ކަނޑައެޅިފައިވާ ބަޖެޓް އެއްކޮށްގެން، އެކީގައި ހިންގާ ކަމަށް ވަނީ ނަމަ، ފުށުއެރުމާއި ތަކުރާރުވުން ވެސް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ހުރިހާ މުއައްސަސާތަކާ ގުޅިގެން ހިންގަން ނިންމާފައިވާ މި ޕްރޮގްރާމްގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށް ޝަރީފް ވިދާޅުވި އެވެ.

މި ހޭލުންތެރިކަމުގެ ޕްރޮގްރާމުގައި މައިގަނޑު 12 މައުލޫއެއް ހިމެނެ އެވެ.

"މަސަލަސް ރާއްޖެ" ހޭލުންތެރިކަމުގެ ހަރަކާތުގައި ހިމެނޭ މައިގަނޑު ކަންތައްތައް

1. ލާމަރުކަޒި ނިޒާމަށް މީހުން ހޭލުންތެރިކުރުވުން

2. ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކާ ގުޅޭގޮތުން ނަޒާހަތްތެރިކަން އަށަގަންނެވުން

3. ގައުމީ ކަންކަމުގައި ބަސް ކިޔުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުވުން

4. މަސައްކަތްތެރިންގެ ހައްގުތަކާއި ވާޖިބުތަކަށް އަހުލުވެރިކުރުވުން އަދި ވަޒީފާއާ ބެހޭ ބޭއިންސާފު އަމަލުތައް ރިޕޯޓްކުރުމުގެ ރޫހު އަށަގެންނެވުން

5. މަޝްވަރާކުރުމާއި ކަންކަން ތަހައްމަލުކުރުމުގެ މުހިއްމުކަން އަންގައިދިނުން

6. އިގްތިސާދުކުރުމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަން އަންގައިދިނުން

7. ރައްޔިތުން ބާރުވެރިކުރުވައި، ވެރިކަމުގެ ނިޒާމަށް ހޭލުންތެރިކުރުވައި، ބިނާކުރުވަނިވި ފާޑުކިޔުމުގެ ގޮތްތަކަށް އަހުލުވެރިކޮށް، ހިތްވަރުދިނުން

8. ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި ވާޖިބުތަކަށް އަހުލުވެރިކުރުވުން

9. ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކަމުގެ މުހިއްމުކަމާއި އިންސާފުގެ ހަމަތަކަށް އިހްތިރާމްކުރުމުގެ ރޫހު ދިރުވުން

10. ދަރުމަވެރިކަން ދިރުވުން

11. ޖިންސީ ފުރައްސާރައިގެ އަމަލުތަކުގެ މައްޗަށް ހޭލުންތެރިކޮށް، އެފަދަ އަމަލުތަށް ރިޕޯޓުކުރުމުގެ ރޫހު އަށަގަންނެވުން

12. ނަޒާހަތްތެރިވުމުގެ މަތިވެރިކަމުގެ މައްޗަށާއި ކޮރަޕްޝަންގެ އަމަލުތަކާއި އެކަންކަމުގެ ހާލަތަށް ހޭލުންތެރިކޮށް އެފަދަ އަމަލުތައް ރިޕޯޓްކުރުމުގެ ރޫހު އަށަގެންނެވުން.