މިނިސްޓަރު ފައްޔާޒު ނިއުސް ކޮންފަރެންސެއްގައި: އިސްލާހު ހުށަހެޅީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގު ހިމާޔަތް ކުރެވޭ ގޮތަށް ކަަމަށް ވިދާޅުވި. --ފޮޓޯ/މިހާރު
21 ފެބުރުއަރީ 2020 - 08:56
ވަޒީފާގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ގޮތަށް ބައްލަވާފައި އެންމެ ރަނގަޅަށް ކަމަށާއި ނަމަވެސް އޭގައި ކަންބޮޑުވުންތަކެއް ހުރި ނަމަ، ހައްލުތަކެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ސަލާމް ބުނުމުގެ އުސޫލު ހަރުކަށިކޮށް ހުށަހެޅި އިސްލާހަށް ވެސް މަޝްވަރާކޮށް މިހާރު އަންނަނީ ލުޔެއް ހޯދަމުންނެވެ.
ވަޒީފާގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޝަކުވާތަކެއް އެބަހުއްޓެވެ. އެ އިސްލާހުތަކުގައި، ހައްގުތައް ހަނިކޮށްފައިވާ ކަމުގެ ކަންބޮޑުވުމެއްގެ ގޮތުގައި ޕްރޮބޭޝަން ހަ މަހަށް ދިގު ކުރުމާއި މެޑިކަލް ސެޓްފިކެޓާ ނުލައި ސަލާމް ބުނުމުގެ އިތުރުން ރިޑަންޑެންސީ (މަގާމު އުވައިލުމުން ވަޒީފާ ގެއްލުން) ހިމެނެ އެވެ.
މި ކަންބޮޑުވުންތަކުގެ ޖަވާބު ދެއްވަން މިނިސްޓަރު ފެއްޓެވީ ވިޔަފާރިތަކާއި މަސައްކަތްތެރިންގެ ހައްގުތަކުގައި އޭނާ ގެންގުޅުއްވަން ޖެހިވަޑައިގަންނަވަނީ އަދި ވިސްނުމަކީ ވެސް ހަމަހަމަ ތިލަފަތެއް ގެންގުޅުއްވުން ކަމަށް ވިދާޅުވަމުންނެވެ. ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި މަސައްކަތްތެރިންނާއި ވިޔަފާރިވެރިންގެ ހިއްސާބޮޑު ކަމަށާއި ހަމައެކަނި އެއްބަޔަކާ މެދު ވިސްނައި އަޅާ ފިޔަވަޅަކުން އިގްތިސާދަށް އަސަރުކުރާނެކަން ފާހަގަކުރެއްވި އެވެ.
"ބައެއް ފަހަރަށް އަޅުގަނޑުމެން ގެންނަ ބަދަލުތަކުން ވިޔަފާރި އަށް ދަތިވެދާނެ. ބައެއް ހައްލުތަކުން މިސާލަކަށް މަސައްކަތްތެރިންނަށް އޭގެ ދަތިތަކެއް ކުރިމަތިވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވީ ޖުމްލަ ގޮތެއްގައި ހުރިހާ ކަންކަމާ މެދު ވާހަކަ ދައްކައި އޭނާ އަށް ފެނިވަޑައިގެންނެވި އެންމެ ރަނގަޅު ހައްލު ކަމަށް ވިދާޅުވި އެވެ. އެކަމަކު، އޭގައި ހައްގުތަކެއް އުނިވާ ކަމަށް ދެކި ފާޅުކުރާ ކަންބޮޑުވުންތަކާ އެކު ހުށަހެޅުއްވުނީ އެންމެ ރަނގަޅު ހައްލު ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހުށަހެޅުނީ އެންމެ ރަނގަޅު ކަމަށް ނުވެދާނެ. އަޅުގަނޑު ގަބޫލުކޮށްފިން ކަންބޮޑުވުންތަކެއް ހުރި ކަމަށް. ރައްޔިތުން ބޭނުންވާ ގޮތަކަށް ނިމޭނީ،" ފައްޔާޒް ވިދާޅުވި އެވެ.
މިނިމަމްވޭޖް އަވަހަށް ކަނޑައަޅަން ބިލް ހުށަހެޅި އިރު، ބައެއް މުހިއްމު ބަދަލުތަކެއްގެ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
މިނިސްޓަރު ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ޖުމްލަކޮށް، އިސްލާހު ހުށަހެޅުއްވީ އައިއެލްއޯއާ އެކު ވާހަކަ ދެކެވި އޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތައް ވެސް ހިމާޔަތް ކުރެވޭ ގޮތަށް ކަމަވެ. އެކަމަކު ސަލާމް ބުނުމާއި ޕްރޮބޭޝަން ފަދަ ކަންކަން އިސްލާހުކުރީ ވިޔަފާރިތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.
ކަންބޮޑުވުންތަކަށް ހައްލު ހޯދަންވީ ކަމަށް ވިދާޅުވެ ދެއްކެވީ ސަލާމްބުނުމުގެ މައްސަލަ އެވެ.
ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ރުޅި އައީ ސަލާމް ބުނުމުގެ އުސޫލަށް ހުށަހެޅި އިސްލާހުންނެވެ. އިސްލާހުގައިވާ ގޮތުން ކޮންމެ އަހަރަކު ސަލާމުގެ ޗުއްޓީގެ ގޮތުގައި ލިބޭ 30 ދުވަހު ވެސް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ.
އޮފީހަށް ހާޒިރު ނުވެވޭ ޒަރޫރީ ބޭނުންތައް ހުންނައިރު، މިހާރު އިސްލާހު ހުށަހަޅާފައި އޮތް ގޮތް ގޯހެވެ.
އެ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން ޖެހުނު ސަބަބު ދިފާއު ކޮށްދެއްވޭނެ ސަބަބުތަކެއް ހިސާބުތަކާ އެކު މިނިސްޓަރު ދެއްކެވި އެވެ. އެކަމަކު އޭގެ ތެރޭގައި އެންމެން ނުވަތަ ޚާއްސަކޮށް ވަޒީފާ އަށް ފަރުވާތެރި، ގަވާއިދުތަކަށް އިހްތިރާމްކޮށް، ފަރުވާތެރިކަމާ އެކު މަސައްކަތް ކުރާ މުވައްޒަފުން މިނިސްޓަރު ނުހިމަނުއްވަ އެވެ.
ސިވިލް ސާވިސް އިން މިސާލު ނަންގަވަމުން ވިދާޅުވި ގޮތުގައި އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުދެވޭ ކަމުގެ ޝަކުވާތަކާއި ހިތްހަމަނުޖެހުން ރައްޔިތުންގެ އިންތިހާ އަށް އެބައޮތެވެ. ޚިދުމަތް ހޯދާ ކައުންޓަރުތތަކުގައި އެތައް ގަޑިއިރެއް ލަސްވެ ޝަކުވާ ބޮޑުވާ އިރު އެކަމާ ގުޅިފައިވާ މައިގަނޑު މައްސަލައަކީ މުވައްޒަފުން ސަލާމް ބުނެ ހާޒިރު ނުވުން ކަން ފާހަގަކުރެއްވި އެވެ.
ވޭތުވެދިޔަ ތިން މަހު ސަރުކާރުގެ އެއް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މިނިސްޓަރު ވިދާޅުވި ގޮތުގައި އެވްރެޖްކޮށް، ހަފުތާއަކު 20 ޕަސެންޓް މުވައްޒަފުން ސަލާމް ބުނެ އެވެ. ކޮންމެ ދުވަހަކު ސަލާމްބުނާ އެ 20 ޕަސެންޓަކީ ބޮޑު އަދަދެއް ކަމަށާއި އެތަން ފޫބައްދަން މުވައްޒަފުން އިތުރު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ކޯލް ސެންޓަރެއްގައި ފަސް މުވައްޒަފުން ތިބޭ ނަމަ މިސާލަކަށް ކޮންމެ ދުވަހަކު ދެ މުވައްޒަފަކު ސަލާމް ބުނޭ. ދުވަހަކު 1،500 ފޯން ކޯލް އަންނައިރު ވަކި ވަރެއް ވާނީ،" ފައްޔާޒް ވިދާޅުވި އެވެ.
"ފުރިހަމަ ޚިދުމަތް ދޭން އެބަޖެހޭ. މިއާ އެކު ލީވް ޕޮލިސީ އޮންނަ ގޮތުން ހުއްދައާ އެކު ސަލާމް އެބަ ބުނޭ. އަޅުގަނޑުމެންނަށް ފެނުނީ ކޮންމެވެސް ވަރެއްގެ ޑިސިޕްލިންއެއް އަންނަން ޖެހޭ ކަމެކޭ މި ސަލާމް ބުނުމަކީ. މިއީ ދެން ވަރަށް ގިނަ މީހުންނަށް ދައްކަން ނުކުރޭ ވާހަކައެއް."
މިނިސްޓަރު ވިދާޅުވި ގޮތުގައި ނުކެރިފައި އޮތް އެ މައްސަލަ އަށް ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ޖެހެ އެވެ.
"މިކަމަށް ހައްލެއް އެބަ އަންނަން ޖެހޭ. މި މައްސަލައިގައި ވާހަކަ ދެއްކެވެން ޖެހޭ. މައްސަލައެއް ކަން ގަބޫލުކުރަން ވެސް ޖެހޭ. ކޮންމެ ދުވަހަކު މިނިސްޓްރީތަކުގެ 20 ޕަސެންޓް އެބްޒެންޓް ވުމަކީ އެގޮތަށް ބޭއްވޭނެ ކަމެއް ކަމަކަށް އަޅުގަނޑަކަށެއް ނުފެނޭ،" ފައްޔާޒް ވިދާޅުވި އެވެ.
"މެޑިކަލް ލީވްގެ 30 ދުވަސް މި އިންނަނީ ބަލިވީމާ ނަގަން. އެ ނޫން ގޮތަކަށް މުތުލަގަކަށް ނަގާކަށް ނޫން. އެހެންވީމާ އަޅުގަނޑުމެން މި ހުށަހެޅީ ބަލިވެއްޖިއްޔާ ހިނގާށޭ އެމްސީ ގެންނަން."
މި މައްސަލައިގައި ޝަކުވާ ބޮޑުވުމުން މިނިސްޓަރު ވަނީ ހައްލަކަށް ވެސް ވިސްނަވައި މަޝްވަރާތަކެއް ކުރައްވައިފަ އެވެ.
"މިހާރު މި ހުށަހަޅަނީ ހިނގާށޭ ހަދަމާ އަހަރެއްގެ ތެރޭގައި 10 ދުވަސް ނުވަތަ 15 ދުވަސް ހަމަޖައްސަން މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ނުޖެހޭ ގޮތަށް. އެއީ ޑިޕްރެސް ވެގެން ނުވަތަ އަންހެން ބޭފުޅުންނަށް މައްސަރުގެ އުނދަގޫ ދިމާވުން ފަދަ ދިމާވާ ކަންކަމަށް ހައްލެއްގެ ގޮތުގައި. ބާކީ އޮތް 15 ހަދަމާ ހިނގާށޭ މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް،" ފައްޔާޒް ވިދާޅުވި އެވެ.
އެއީ އިންސާފުވެރި ހައްލެއް ކަމަށް ގަބޫލުކުރައްވައި ވިދާޅުވީ ދިވެހިންގެ ސަލާމްބުނުގެ އުސޫލު މިހާރު އޮންނަ ގޮތުން ވަޒީފާ ދޭ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވެ، ވަޒޒީފާތަކަށް ދިވެހިން ނެރެން ވެސް ފަސްޖެހޭ ކަމަށެވެ.
މި އިސްލާހުގެ ތެރެއިން އެންމެ ކަންބޮޑުވާ އެއް ކަމަކީ ޕްރޮބޭޝަންގެ މުއްދަތެވެ. އެ މުއްދަތަކީ ތިން މަސް ކަމަށް މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ކަނޑައަޅާފައިވީ ނަމަވެސް އިސްލާހު ހުށަހެޅީ އެ މުއްދަތު ހަ މަހަށް ބަދަލު ކުރާށެވެ.
މީގެ ސަބަބުން ވަޒީފާގެ ޔަގީންކަން ނުލިބި ތިބެން ޖެހުމުގެ މުއްދަތު ދިގުވެ، ހައްގެއް ހަނިކުރެވޭ އިސްލާހެއް ކަމުގެ ޝަކުވާ ބޮޑެވެ. ޕްރޮބޭޝަންގެ މުއްދަތަށް ކުޑަ މުސާރައެއް ކަނޑައަޅާފައިވާ އިރު އެ މުއްދަތު ދިގުކުރުމުން ކަންބޮޑުވުން އެބަހުއްޓެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރޮބޭޝަން މުއްދަތު ހަމަޖައްސާފައި ވަނީ 3-6 ދެމެދުގެ މުއްދަތެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޕްރޮބޭޝަންގެ ގޮތުގައި ތިން މަސް ކަނޑައެޅުމުން ވަޒީފާ ދޭ ފަރާތްތަކަށް ދަތިތަކެއް ދިމާވާމުންދާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކަންބޮޑުވުން ފާޅުކޮށްފައި އެބަހުރި އަސްލު ތިން މަސްވީމަ ކުޑައޭ. ދެން މިނިމަމް ވޭޖެއް މި ކަނޑައަޅަނީ. އޭގެ މާނަ އަކީ ދައުލަތުން ވަޒީފާ ދޭ ފަރާތްތަކުގެ މައްޗަށް މަޖުބޫރު ކަމެއް މި ގެންނަނީ. ދެން އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ތިން މަސް ދުވަސް މިހާރު އޮންނަ ގޮތަށް އޮންނަ ކަމަށް ވަންޏާމުން ވަޒީފާ ދޭ ފަރާތްތަކުން ކުރިއަށް ވުރެން ހަރުކަށިކޮށް އެ މީހުން މޮނިޓަކުރާނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް ތިން މަސް ތެރޭގައި މުވައްޒަފެއްގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ވިޔަސް ދާއިމީއެއް ނުކުރާނެ. އެއީ މިނިމަމް ވޭޖް ވެސް ވަންނާތީ."
މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖާ އެކު، ވަޒީފާ ދޭ ފަރާތްތަކަށް މަޖުބޫރު ކަމެއް ގެންނައިރު، އެ މީހުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހުށަހެޅުމަކީ އެ މިނިސްޓްރީ އަށް ފެނުނު ގޮތުގައި އެންމެ އިންސާފުވެރި ގޮތެވެ. ވަޒީފާ ދާއިމީވުމުން، ގޯސްތަކެއް ހުއްޓަސް އެހާ ފަސޭހަ އިން ވަކި ނުކުރެވުމަކީ މަސައްކަތްތެރިންގެ ހައްގުގައި ދައުލަތުގެ ނިންމުމެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ހަ މަސް އަޅުގަނޑުމެންނަށް ފެނުނީ، އެންމެ ރަނގަޅު މުއްދަތެއް ކަމަށް. ނަމަވެސް ބަދަލުކުރަންވީ ހިތްހަމަނުޖެހޭ ނަމަ،" މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ޕްރޮބޭޝަން މުއްދަތުގައި އަމަލުކުރާނެ ގޮތްތަކެއް ގާނޫނުގައި ސާފުކޮށް ލިޔަން ހުށަހަޅުއްވާނެ ކަމަށެވެ.
"މިސާލަކަށް ކުޑަ މުސާރައެއް ނުދެވޭނެ އިނގޭތޯ؟ ހަމަ މުސާރަ އެއްކޮށް ދޭނން ޖެހޭނެ،" ފައްޔާޒް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރިޑަންޑެންސީއާ ބެހޭ ގޮތުން އާންމުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް މިހާރު ހުށަހަޅާފައިވަނީ އާ ކަމެއް ނޫން ކަމަށާއި އެއީ މިހާރު ވެސް ކޯޓުތަކުގެ ހުކުމްތަކާ ގުޅިގެން އަމަލުކުރަމުން އަންނަ ގޮތް ކަމަށެވެ. އަލަށް ކުރި ކަމަކީ ގާނޫނުގައި އެކަން ހިމަނަން ހުށަހެޅުން ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކަށް ވެސް ހިމާޔަތް ލިބެން ޖެހެ އެވެ. މަޖިލީހުން ވެސް މިކަމާ ވިސްނަވައި ހައްލުތަކެއް ނެރެދެއްވާނެ ކަމަށް އޭނާ ޔަގީން ކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް ހާއިލް
05 March 2020
އޮފީސްތަކުގައި އުޅޭމީހުންނަށް ގޯސްކޮށް އުޅޭނެ ފުރުސަތުދެނީ އެތަންތަނާއި ޙަވާލުވެ ތިބި ވެރިން. ވެރިންގެ ރުހުންލިބިގެން އުޅޭ މީހުން ތިހެންއުޅެނީ . ވެރިންނުރުހޭ މީހުންނަކަށް ނުކެރެ އެއްވެސް ކަމެއް އުޞޫލުން ބޭރުވާގޮތަށް ކުރާކަށް.. މީތަޖުރިބާގެ އަލިގައި ބުނިވާހަކައެއް.. ދެން އަނެއްކަމަކީ ސީދާ ވެރިންގެ ލެވަލް މީހުން އެހެން އުޅެންވެގެން ދޫކޮށްލާފަ އަޅާނުލާ އޮންނަ ކަންތައްތަކެއް މިއޮންނަނީ... އޭތި ބޮޑުވެގެންދަނީ.
ނަސީދު
05 March 2020
ހަމަ ހައްލެކޭކިޔާފައި އަދަދެއް ޖެހީމާ ހިޔެއްނުވޭ ތިމިނިސްޓަރ ގެ އެއްވެސް ފެންވަރެއް ހުރިކަމަކަމަކައް، ބަލަންޖެހޭ ސަރުކާރައް މިއަދަދައް ބޮނޑުކޮއްގެން ހިފެހެއްޓޭނެތޯ
ހަސަދު
22 February 2020
އޮފީސް ތަކުގެ ވާކް އެންވައަރުމަންޓު ރަނގަޅު ކޮށް މުއަޒަފުންނަށް ލިބޭ އިނާޔްތައް ރަނގަޅު ކުރާ ވަރަކަށް ސަލާމް ވެސް މަދުވާނެ އަދި މުއްޒަފުގެ އައުޓުޕުޓް ވެސް ރަނގަޅުވާނެ. މުއްޒަފުން ފިއްތިވަރަކަށް ވާނީގޯސް، ސިސްޓަމްގެ އެޑުވާންޓޭޖް ބޮޑަށް ނަގާނެ.
ފަސީ
22 February 2020
އަބަދުވެސް މި ބަލަނީ މުވައްޒަފުގެ އިނާޔަތްތައް ކަނޑާ މުވައްޒަފުގެ ހައްގުތައް ހަނިކުރެވޭތޯ. ހަމަ ދުނިޔެއަށް މަޝްހޫރު ރިސާޗްތަކުން ދައްކާގޮތުން ވަޒީފާއަށް ހާޒިރު ނުވުމާއި ވަޒީފާއަށް ފަރުވާ ކުޑަވުމާއި ވަޒީފާ ދޫކޮށްދިއުމުގެ އެންމެ ބޮޑު އަސްލަކީ ވަޒީފާއަދާކުރާ އޮފީހުގެ ވެރިންނާއި އޮފީހުގެ ކަލްޗަރ. މިކަންތައް ރަނގަޅުކުރަން ނުވިސްނޭނެތާ ދޯ، ޕާޓީ ކުދިންގެ މަގާމްތައް ގެއްލިދާނެތީ.
ބީތާތަކާ
22 February 2020
ބީތާ ފައްޔާޒް އަދި ބީތާ އީސާ ހައްގު ގެއްލިގެން މި އުޅެނީ މަހުޖަނުންގެ އެއްނޫން. ޙައްގު ގެއްލިގެން މި އުޅެނީ ވަޒީފާ އަދާކުރަމުންދާ ކުދިންގެ. ކަލޭމެން 6 ކަ މަހުންޖަނުންގެ ހައްޤުގަ ރާއްޖޭގެ އާބާދީގެ 98% މީހުންގެ ޖަޒުބާތާ ތި ކުޅެނީ ތީގެ ރަހަ އަރުގާ ލާނީ ވަރަށް ހިތިކޮށް.
އަޅުގަނޑު އާރިފް
22 February 2020
ހމމމ. ދަންނަ ނުދަންނަ. މީކީ ފިނިކޮޓަރީގައި ތިއްބަވައިގެން، އަމާޒީން ބަންނަން އުސޫލުތަކާ ގާނޫނުތައް ހަދާ ޒަމާނެއް ނޫން. ތިޔަ ވިދާޅުވާ މައްސަލަތަކަށް ހައްލުހޯދޭނެ ބައިވަރުގޮތްތައް އެބަހުރި. އޮފީސްތަކުގެ އިދާރީ ހިންގުން ހަރުކުރެވޭނެ ގޮތްތަކާ މުވައްޒަފުން ހަރުދަނާކުރެވޭނެ ގޮތްތައް ވެސް ބައިވަރު އެބަހުރި. ފެންނާނީ ބަލާ އަޑުއަހާ ދިރާސާކުރާ ބަޔަކަށް. ގާނޫނު ހެދި އޮފީހުގެ މުވައްޒަފުން އުޅޭގޮތަށް އެހެން އޮފީހުގެ މުވައްޒަފުން ނޫޅެ ހިނގައިދާނެ.
ިއިބްރާ
22 February 2020
ފައްޔާޒޫ. ކަލޭ މެނަށް ތިއުޅެނީ. މިތަނުގައިއުޅޭ ދިވެހިން ގޯސްވެގެން. ދެން އިންޑިޔާ މީހުން އޮފީސް ހިންގަން ގެންނަންވީ ނޫންތޯ؟
ޖޭޒް
22 February 2020
މިވެރިން ކުރިންކީ އެއް މެ ކުޑައުޖޫރައަކީ ދިހަހާސްރުފިޔާކަ މަށް މިހާރު މިވީކިހިނެތް ކީހާ ޅެން ފަރިއްސަކަށްވެ ނި މުނީ
ޢިހްސާސް
21 February 2020
ވޯޓް ހޯދަން އަންނައިރު ސިޔާސީ މީހުނަށް ރައްޔިތުންގެ އިހްސާސްތައް ވރަށް ބޮޑަށް އިނގޭ. މިހާރު ނޭގޭ.. މިވަނީ ކިހިނެއް؟ ޜައްޔިތުންގ އިހްސާސްތައް ދަންނަ މީހުން ތަންތަނުގެ ވެރިންނަށް ތިބުމަކީ ވަރަށް މުހިއްމު ކަމެއް
ހޮޓްކިންގ
21 February 2020
އަހަރެމެން ސިވިލްސާވިސް މުވައްޒަފުން އެމްޑީޕީއަށް ދެންބުނާނީ ނޫނެކޭ.
ިއިބްރާ
22 February 2020
މިވަރުންވެސް ސިވިލް ސާވަންޓުންނަށް އޯކޭ. ބޮޑިބަތްކޭ މީހުން ހޭބަލިވަނީ.