އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެ ޕާޓީގެ އެއްވެސް އިތުބާރެއް ނެތް ކަމަށާއި އެހެންވެ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށިތައް ހަ ފަރާތުން ބަލަހައްޓަންޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ބޭއްވި ނިއުސް ބްރީފިންއެއްގައި، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް އިންތިޚާބުގައި ގޮތްނޭނގޭ ކަންތައްތަކެއް ހިނގައިފާނެ ކަމުގެ ޝައްކުތަކެއް ޕީޕީއެމަށް ކުރެވޭ ކަމަށެވެ. އެހެންވެ، ވޯޓުލާ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޕީޕީއެމްގެ އެންމެން ވޯޓުލައި ނިންމުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް އިތުބާރެއް ނުކުރަން. ތަފާތު، ގިނަ ވަސްތައް މިހާރު ދުވަން ފަށައިފި. އެހެންވީމާ އަޅުގަނޑުމެންގެ ޚާއްސަ އިލްތިމާސަކީ މި ގައުމު ދެކެ ލޯބިވާ، އަޅުގަނޑުމެންގެ ގައުމުގައި އިސްލާމްދީން ބާއްވަން ބޭނުންވާ ހުރިހާ ލޮބުވެތި ރައްޔިތުން އެބަޖެހޭ އެ ދުވަހު ދޭއް ޖެހުމުގެ ކުރިން ވޯޓުލައި ނިންމަން،" ލޯކަލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ ޝުޖާއު ވިދާޅުވި އެވެ.
އޭޕްރީލް ހަތަރު ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޕީޕީއެމްގެ ސަޕޯޓަރުން ވޯޓުލައި ނިންމަންޖެހެނީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ލޯކަލް އިންތިޚާބު ވަރަށް ގާތުން ބަލަންޖެހޭ އެވެ. ޚާއްސަކޮށް ވޯޓުފޮށިތައް ވަރަށް ގާތުން ބަލަންޖެހޭ ކަަމަށް އޭނާ ވިދަޅުވި އެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވެ، ޝުޖާއު ކުރީ އޮޅުވާލައި، "ވައްކަން" ކޮށްފާނެ ކަމުގެ ތުހުމަތެވެ.
"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް އިތުބާރެއް ނުކުރަން. ތަފާތު، ގިނަ ވަސްތައް މިހާރު ދުވަން ފަށައިފި. އެހެންވީމާ އަޅުގަނޑުމެންގެ ޚާއްސަ އިލްތިމާސަކީ މި ގައުމު ދެކެ ލޯބިވާ، އަޅުގަނޑުމެންގެ ގައުމުގައި އިސްލާމްދީން ބާއްވަން ބޭނުންވާ ހުރިހާ ލޮބުވެތި ރައްޔިތުން އެބަޖެހޭ އެ ދުވަހު ދޭއް ޖެހުމުގެ ކުރިން ވޯޓުލައި ނިންމަން،" ޝުޖާއު
"އެހެންވީމާ ފޮށި އެބަޖެހޭ ދެ ފަރާތަކުން ނޫން، ހަ ފަރާތުން ބެލޭނެ ވަރަށް އަޅުގަނޑުމެން އެބަޖެހޭ މިކަމުގެ އިންތިޒާމުތަކާއި ތައްޔާރީތައް ވާން،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން އަންނަ ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ފެށުމަށް ޕީޕީއެމުން ވަނީ ނިންމައިފަ އެވެ. އެ ޖަލްސާ އޮންނާނީ މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ކަމަށް އެ ޕާޓީން ބުނެ އެވެ.
މި ފަހަރުގެ ލޯކަލް އިންތިޚާބަށް ޕީޕީއެމުން ގެންގުޅޭ ޝިއާރަކީ "މިއީ މަގޭ ރާއްޖެ" އެވެ.