ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޕީޕީއެމުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއީ އެ ޕާޓީގެ ތާރީޚުގައި ވެސް އެންމެ ބޮޑަށް ތައްޔާރުވެގެން ފަށާ ކެމްޕެއިން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އިދިކޮޅު ޕީޕީއެމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި އޮންނާނެކަން އިއުލާން ކުރުމަށް ބޭއްވި ނިއުސް ބްރީފިންގައި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، "ކެމްޕެއިން ލޯންޗިން" ވެސް ތަފާތު ވާނެ ކަމަށެވެ. ތަފާތު ގިނަ ކަންތައްތަކެއް އެ ޖަލްސާ އިން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، 'މިއީ މަގޭ ރާއްޖެ' ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާ އަށް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމަށް ތާއީދުކުރާ މީހުންގެ އިތުރުން ގައުމިއްޔަތާއި ދީނާއި ދިވެހި އިގުތިސޯދު ދެކެ ލޯބިވާ އެންމެން ވެސް ދިއުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"މި ޖަލްސާ އަށް ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގަތުމަކީ މިއަދު މި ގައުމު އެދި ގޮވާ ވަރަށް ބޮޑު ގޮވުމެއް. މި ކަމަށް އިޖާބަ ދެއްވައި، މި ކެމްޕެއިން ޖަލްސާ އަކީ ފޯރިގަދަ، ކާމިޔާބު ޖަލްސާ އަކަށް ހެއްދެވުމަށްޓަކައި ހުރިހާ ކެންޑިޑޭޓުންނާއި އަޅުގަނޑުމެންގެ ހުރިހާ ސަޕޯޓަރުން މިކަމަށް އެއްބާރުލުން ދެއްވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެއް،" މި ފަހަރުގެ ލޯކަލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ނުކުންނަވާ ޝުޖާއު ވިދާޅުވި އެވެ.
"ވަކިން ޚާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި ޚާއްސަ ދައުވަތު އަޅުގަނޑުމެން އަރުވަން. އަދި ހަމަ އެހެންމެ ހީވާގި މަސައްކަތްތެރިންނަށާއި އަޅުގަނޑުމެންގެ ހީވާގި ދަނޑުވެރިންނާއި މަސްވެރިންގެ އިތުރުން އަޅުގަނޑުމެންގެ ހީވާގި ހުރިހާ ޓެކްސީ ޑްރައިވަރުންނަށް ޚާއްސަ އިލްތިމާސެއްގެ ގޮތުގައި މި ދަންނަވަނީ މި ޖަލްސާ އަށް މި ދެންނެވި ހުރިހާ ފަންތީގެ ބޭފުޅުން ވަޑައިގަތުމަކީ އެދުމެކޭ."
ޝުޖާއު ވިދާޅުވި ގޮތުގައި، ރާއްޖެ މިއަދު ގޮވަނީ ގައުމަށް އެހީތެރިވެދޭނެ ރައްޔިތުންތަކަކަށެވެ. ދިވެހިންގެ ދީނާއި ގައުމިއްޔަތު ދިވެހިންގެ ކިބައިން މިހާރު ބީވެގެންދަނީ ކަމަށާއި މި ދަނޑިވަޅުގައި ޕީޕީއެމުން ކުރަނީ ވަރަށް އިޚުލާސްތެރި މަސައްކަތެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނާ ގުޅޭ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ޗެއާމަން މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ކެންޑިޑޭޓުން ތައާރަފު ކުރުމުގެ އިތުރުން، ޕީޕީއެމުން އިންތިޚާބަށް ގެންގުޅޭ ފަސް ސިޔާސަތު ވެސް ޖަލްސާގައި އިއުލާން ކުރާނެ ކަމަށެވެ.
ޕީޕީއެމުން ބުނިގޮތުގައި، ލޯކަލް އިންތިޚާބުގައި ވާދަކުރުމަށްޓަކައި އެ ޕާާޓީން 700 އަށް ވުރެ ގިނަ ފޯމު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އަދި ޝަރުތު ހަމަވާ މީހުންގެ ނަންތައް އެ ކޮމިޝަނުން އިއުލާން ކުރާ ވަރަކަށް އެކަން ކެންޑިޑޭޓުންނަށް އަންގަމުން ދާނެ ކަމަށް ޕީޕީއެމުން ބުނެ އެވެ.
"ވަކިން ޚާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި ޚާއްސަ ދައުވަތު އަޅުގަނޑުމެން އަރުވަން. އަދި ހަމަ އެހެންމެ ހީވާގި މަސައްކަތްތެރިންނަށާއި އަޅުގަނޑުމެންގެ ހީވާގި ދަނޑުވެރިންނާއި މަސްވެރިންގެ އިތުރުން އަޅުގަނޑުމެންގެ ހީވާގި ހުރިހާ ޓެކްސީ ޑްރައިވަރުންނަށް ޚާއްސަ އިލްތިމާސެއްގެ ގޮތުގައި މި ދަންނަވަނީ މި ޖަލްސާ އަށް މި ދެންނެވި ހުރިހާ ފަންތީގެ ބޭފުޅުން ވަޑައިގަތުމަކީ އެދުމެކޭ." ޝުޖާއު
ސްޓިއަރިން ކޮމިޓީގެ ވައިސް ޗެއާ އަދި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ، އަންނަ ހޯމަ ދުވަހުން ފެށިގެން ޕީޕީއެމްގެ ޓީމުތައް އެކި ރަށްރަަށް ގޮސް ކެމްޕެއިންތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ. ޚާއްސަކޮށް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން، ލޯކަލް އިންތިޚާބުގެ ކެމްޕެއިން ރޭގައި ރަސްމީކޮށް ވަނީ ފަށައިފަ އެވެ. އެކަމަކު، މާލޭގައި ބޭއްވި ބޮޑު ޖަލްސާ އަށް ވަރަށް މަދު ބަޔަކު، ގޮސް، ޖެހި އެތައް ހާސް ގޮނޑިއެއް ހުހަށް ހުރުމުން އެމްޑީޕީ ވަނީ "ހޫނުފެނަށް" ވެއްޓިފަ އެވެ.