ރިޕޯޓް / ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

ޑރ. މުއިއްޒުގެ މަސައްކަތް ފެށޭނީ ވެސް ރައީސްގެ ބައްދަލުވުމަކުން

03 އެޕްރީލް 2021 - 11:48

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އަޣުލަބިއްޔަތު ލިބޭ މާލޭ ސިޓީ ކައުންސިލަކަށް، އިދިކޮޅު ޕާޓީއެއްގެ ޓިކެޓުގައި މޭޔަރު ކަމަށް ނުކުންނަވާ ބޭފުޅަކު ހޮވިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ގޮތަކުން ވެސް ފިކުރު ދިމާނުވާ މެމްބަރުންތަކަކާ އެކު މޭޔަރަކަށް ހުންނަވާ ބޭފުޅަކު މަސައްކަތް ކުރައްވާނެ ގޮތަކީ ކޮބައި ހެއްޔެވެ؟ ކުރިއަރުވާނީ އިދިކޮޅު ޕާޓީގެ ވިސްނުން ހެއްޔެވެ؟ ނުވަތަ މުޅިން ވެސް މަސައްކަތް ކުރާނީ ސަރުކާރާ ދެކޮޅަށް ހެއްޔެވެ؟

މި މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް އެ ސުވާލުތަކުގެ ޖަވާބު ވަރަށް ފަސޭހަ އެވެ. އެއްވެސް އަޅައިގަތުމެއް ނެތި ވަގުތުން ވިދާޅުވީ، ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ، މަގާމުގެ ހުވާކުރައްވައި "އަޅުގަނޑު ފުރަތަމަ ވެސް ދާނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން" ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ދެއްވަން އޭނާ ބޭނުންވާ އެންމެ ބޮޑު ޔަގީން ކަމަކީ އެއީ އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މީޓިންއަކުން ފެށޭނީ. އެ މީޓިން އަށް އަޅުގަނޑު ރިކުއެސްޓް ކުރާނަން. ރައީސުލްޖުމްހޫރިއްޔާއާ ހިސާބުން [މަސައްކަތް] ފެށޭނީ ވެސް. ސަރުކާރާ އެކު ފުރިހަމަ އަށް އޮންބޯޑު ވެގެން އަޅުގަނޑު މަސައްކަތް ކުރާނީ،" ސަރުކާރުން ބޭނުންވާ ތަރައްގީގެ މަސައްކަތްތަކުގައި ފަސްޖެހުމެއް ނެތި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަމާ އެކު ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް 2017 ގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ބައްލަވަނީ: ބްރިޖު ނިންމުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑު.---ފައިލް ފޮޓޯ: މިހާރު

"އަޅުގަނޑުގެ ނެތް [ސަރުކާރަށް] ޖެއްސުން ކުރަން ނުވަތަ ކަންކަން މަޑުޖެއްސުމުގެ އެއްވެސް ވިސްނުމެއް. އެއާ ޚިލާފަށް އަޅުގަނޑު މަސައްކަތް ކުރާނީ 18 ކައުންސިލަރުންނާ އެކު."

މި އިންޓަވިއުގައި ޑރ. މުއިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދެވި އެއް ވާހަކައަކީ ސަރުކާރާ ނުގުޅި ސިޓީ ކައުންސިލަށް މަސައްކަތް ނުކުރެވޭނެ ކަމާއި ހިޔާލު ތަފާތުވާ މެމްބަރުންނާ ވަކިން ވާހަކަ ދައްކަވައި، ގުޅިގެން މަސައްކަތް ކުރައްވާނެ ކަމެވެ.

ޑރ. މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު ޕާޓީގެ ޓިކެޓުގައި މޭޔަރަކަށް ހޮވޭ ބޭފުޅަކަށް އެހެން ފިކުރުތަކުގެ ތެރެއިން ކޮންމެވެސް ވަރެއްގެ ޖެއްސުންތަކެއް ވެސް އަތުވެދާނެ އެވެ. ނަމަވެސް އޭނާއަށް ކަށަވަރުވާ ކަމަކީ އިޚުލާސްތެރި ނިޔަތެވެ.

ޑރ. މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"އަޅުގަނޑުގެ ނިޔަތަކީ މަސައްކަތްތަކެއް ކުރުން. ރައްޔިތުންނަށް ނަތީޖާތަކެއް ނެރެދިނުން. އަޅުގަނޑާ އެކީގައި ދެން ހޮވޭ ހުރިހާ ބޭފުޅުންނަކީ އަޅުގަނޑުގެ މަސައްކަތުގެ ބައިވެރިން. އެއީ އެމްޑީޕީތޯ، ޕީޕީއެމްތޯ ނުވަތަ އެހެން ޕާޓީގެ ފަރާތުންތޯ އަޅުގަނޑު ނުބަލާނަން. އެންމެންނަށް ހަމަހަމަ ފުރުސަތު ދީގެން، ކޮންމެ ކައުންސިލަރަކަށް ވެސް ވަކި މަސައްކަތެއް ހަވާލުކޮށްގެން ކުރިއަށް ގެންދާނީ،" ކުރީގެ ރައީސް މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލްގެ އެހެން ބޭފުޅުން ވެސް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ބޭނުންވާނެ ކަމަށާއި އެ ފުރުސަތު ފުރިހަމަ އަށް ދެއްވާނެ ކަމަށެވެ.

ޑރ. މުއިއްޒު، މާލޭގެ މޭޔަރަކަށް ހޮވިއްޖެ ނަމަ ދެން އޮތް ގޮންޖެހުމަކަށް ވާނީ، ސަރުކާރުގެ އެއްބާރުލުމެވެ. އެ އެއްބާރުލުން ލިބިވަޑައިނުގެންފި ނަމަ އޭގެ ހައްލަކީ ވެސް، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ސަރުކާރާ އެކު މަސައްކަތް ކުރެއްވުމެވެ. މާލޭގެ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ކޮށްދޭން ޑރ. މުއިއްޒު މަސައްކަތް ކުރަން ބޭނުންވާއިރު، އެކަމަށް ސަރުކާރުން ވެސް ފުރުސަތު ދޭނެ ކަމަށް ގަބޫލުކުރައްވަ އެވެ.

ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ކުރިއަށް ދިޔަ މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވައިލައްވަނީ.

"ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ވިޔަސް މިނިސްޓަރުން ވެސް ބޭނުންވާނީ. އެހެންވިއްޔާ އަޅުގަނޑު މިހުރީ އެ ކަންކަން ކުރަން ތެދުވެ. އަޅުގަނޑު މިހުރީ ސަރުކާރާ އެކީގައި އެކަންކަން ކޮށްދޭށޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެހެންވިއްޔާ އެ ނަތީޖާ އެންމެ ބޮޑަށް ނެރެދެވޭނީ އަޅުގަނޑަށް. އިރާދަކުރެއްވީތީ އަޅުގަނޑުގެ އެބަހުރި ތަޖުރިބާ އާއި ތައުލީމު ވެސް. މި ދާއިރާގައި ތަރައްގީގެ މަސައްކަތް ކުރުމުގެ ތަޖުރިބާ އަޅުގަނޑުގެ އެބަހުރި. އެހެންވީމާ ރައްޔިތުންނަށް ވެސް، ސަރުކާރަށް ވެސް އެންމެ ރަނގަޅު ފޯމިއުލާއަކީ އަޅުގަނޑު ކަމަށް އަޅުގަނޑު ގަބޫލުކުރެވޭ. އެއީ ނަތީޖާތައް ނެރެދިނުމުގައި އަޅުގަނޑުގެ ކާމިޔާބީތަކެއް ހުރީމާ."

ހދ. ނޮޅިވަރަމްފަރުގެ ބަނދަރު ރަަސްމީކޮށް ހުޅުވުމަށް އޯގަސްޓް 22، 2018 ގައި ބޭއްވި ރަސްމިއަޔާތުގައި އޭރުގެ ރައީސް ޔާމީންގެ އަރިހުގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ޑރ. މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަން ދެއްވައި، ސަރުކާރުގެ ތެރެއިން އެކަންކަން ބަދަލު ކުރައްވަން ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ ސަރުކާރުގެ ސިޔާސަތަކަށް ގެންނަން ޖެހޭ ބަދަލެއް ނަމަ އެކަމަށް ވެސް ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އޭނާ އިސްކަން ދެއްވަނީ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުގެ ތެރެއިން ކަންކަން ކުރުމަށް މަގުފަހި ކުރުމަށެވެ.

ސިޔާސަތުގެ ތެރޭގައި ތަޅު އެޅުވިފައި ހުންނާނެ މީހެއް ނޫން ރައްޔިތުން ބޭނުންވާނީ. އަޅުގަނޑު ހުންނާނީ ރައްޔިތުން ބޭނުންވާ ގޮތަށް. ރައްޔިތުންގެ ވިންދާ ނުގުޅޭ ސިޔާސަތެއް ނަމަ ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެކަން ސަރުކާރަށް ގެންގޮސްގެން ސިޔާސަތު ބަދަލުކުރެވޭތޯ މަސައްކަތް ކުރާނަން،"

ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، މާލޭގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކޮންމެ ކަމެއް ކޮށްދިނުމުގައި ކޮންމެ ވުޒާރާއެއް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ދޮރުގައި ޓަކި ޖައްސަވަން ޖެހުނަސް އެކަން ކުރައްވާނެ އެވެ. ކޮންމެ ވަޒީރަކާ ވެސް ބައްދަލު ކުރައްވަން ޖެހިއްޖެ ހާލަތުގައި އެކަން ކުރައްވައި، މާލޭގެ ތަރައްގީއަށްޓަކައި އެއްވެސް ކަމެއް ދޫނުދެއްވާނެ އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ފެންނާނީ ތަރައްގީގެ ވަަރަށް ބޮޑު ބައިވެރިއެއްގެ ގޮތުގައި. އަޅުގަނޑުގެ ފަރާތުން ބުރައެއް ދިމައެއް ނުވާނެ [ސަރުކާރަކަށް] އަޅުގަނޑު ދާނީ އެކަމަކާ ގުޅޭ ބައެއްގެ ހިޔާލާއި މަޝްވަރާއާ އެކު. އަޅުގަނޑުގެ ފަރާތުން ސަރުކާރަށް ވާނީ ފަސޭހަ،" ޑރ. މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި، މޭޔަރަކަށް ހޮވިވަޑައިގެންފި ނަމަ އިދިކޮޅު ޕާޓީއެއްގެ މެމްބަރަކަށް ހުންނަވައިގެން ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ނަމޫނާ ފެންނާނެ އެވެ. އެއީ ނަމޫނާ މަސައްކަތަކަށް ވާނެ ކަމަށް ވެސް ވިދާޅުވެ އެވެ. "މިހާތަނަށް ނުފެންނަ ކަންކަން ފެންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ކޮންމެ ދިމާލަކުން ވެސް ޑރ. މުއިއްޒުގެ މަސައްކަތް

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. މުއިއްޒުގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތްކަން ކަށަވަރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑރ. މުއިއްޒެކޭ އެއްގޮތަށް އަމަލީ ގޮތުން އެތައް ކަމެއް ކުރެއްވި އޭރުގެ މިނިސްޓަރު އުމަރު ޒާހިރުގެ ވާހަކަތަކުންނެވެ.

މައުމޫންގެ ވެރިކަމުގައި، ކަންކަން ޑެލިވާ ކުރެއްވުމުގެ ރެކޯޑު ހޯއްދަވާފައިވާ އުމަރު ޒާހިރަށް، ޑރ. މުއިއްޒުގެ އެންމެ ކަމުދާ އެއް ސިފައަކީ މަސައްކަތް ހިނގާ ތަންތަނަށް ވަޑައިގެން އެކަންކަން ކުރިއަށް ގެންދާ ގޮތް އަމިއްލަ އަށް ބެއްލެވުމެވެ. އުމަރު ޒާހިރަކީ، ޑރ. މުއިއްޒުގެ މޭސްތިރިކަމުގައި ހިންގި ބައެއް މަޝްރޫއުތައް ވަރަށް ގާތުން ބެއްލެވި ބޭފުޅެކެވެ. ބައެއް ދުވަސްދުވަހު ބައެއް ކަންކަން ބެއްލެވުމަށް ފަހު، ޑރ. މުއިއްޒަށް ގުޅުއްވައި އިރުޝާދާއި ހިތްވަރު ވެސް ދެއްވި އެވެ.

ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ކުރިއަށް ދިޔަ މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވައި އިރުޝާދު ދެއްވަނީ.

އެހެންވެ، އުމަރު ޒާހިރު "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ ޑރ. މުއިއްޒެވެ. ޔަގީނުން ވެސް މާލެ އާއި ރާއްޖޭގެ ތަރައްގީގައި ދިގު 30 އަހަރުގައި މައުމޫނާ އެކު މަސައްކަތްޕުޅު ކުރެއްވި މިހާ ތަޖުރިބާކާރު ބޭފުޅަކު އެފަދައިން ވިދާޅުވާނީ ވަރަށް ބޮޑު ސަބަބެއް އޮތީމަ އެވެ. މިއީ ޑރ. މުއިއްޒަށް ވެސް ލިބިވަޑައިގެންފައިވާ ވަރަށް ބޮޑު ހިތްވަރެކެވެ.

"އޭނާގެ މަސައްކަތުން މާލެ އަށް ވަރަށް ގިނަ ކަންކަން ވެއްޖެ. ބްރިޖުން އެއާޕޯޓަށް ދާން އެ އޮންނަ މަގު [ހައިވޭ] ނުހެދުނު ނަމަ އެއީ ކިހާ ބޮޑު އުނދަގުލަކަށް ވާނެ ނޫންތޯ؟ އެކަމަކު، މުއިއްޒުގެ އަމިއްލަ ހިޔާލަށް އެކަން ކޮށް ނިންމާފައި އެ ވަނީ. އެއީ ކިހާ ބޮޑު ފަސޭހައަކަށް މިއަދު ވެފައި އެ އޮތީ،" އުމަރު ޒާހިރު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ މޭސްތިރިކަމުގައި ކުރެއްވި ކަންކަން ވަރަށް ކުރުކޮށް ކިޔައިދިނަސް ސާފުވާނެ އެވެ. މިއަދު ވެސް މާލެ އިން އެ މަންޒަރުތައް އެހެރީ ފެންނާށެވެ. އަހަރެމެން މި ދުއްވަނީ ޑރ. މުއިއްޒުގެ މަސައްކަތުން މާލެ ވަށައިގެން ހަދަން ފެށި ރިންގް ރޯޑުގަ އެވެ. ކުރިން އަޑިގުޑަންކޮށް، މާލެ ވަށައިގެން އޮތް މަގުގެ ބޮޑު ބައެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދީ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. މާލެ-ހުޅުމާލެ ބަސް ޓާމިނަލާއި ބައެއް އެހެން ތަންތަން މިއަދު ފެންނަ އިންޑަސްޓްރިއަލް ވިލެޖުގެ އެންމެ ބޮޑު ހިއްސާދާރަކީ ވެސް އޭނާ އެވެ.

ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި މާލޭގައި ހެދި ކުޑަކުދިންގެ ޕާކެއްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވަނީ.

މާލެ އާއި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ އެތައް ބަޔަކަށް އެންމެ ބޮޑު ފަސޭހައެއް ގެނެސްދިން ސިނަމާލެ ބްރިޖު ނިންމުމުގައި 24 ގަޑިއިރު ކަހަލަ ގޮތަކަށް އުޅުއްވީ ޑރ. މުއިއްޒެވެ. ބްރިޖާ ގުޅޭ ކަންކަން ރާވައި، ކައިރިން ނުބައްލަވާ ވަގުތެއް ނެތެވެ. ޒަމާނުއްސުރެ މާލޭގައި އޮތް ކުނިގޮނޑު ނެގުމުގައި އިސްކޮށް ހުންނެވީ އޭނާ އެވެ. މާލޭގައި ކުރިއަށް ވުރެ ހިތްފަސޭހަ ޕާކުތަކާއި މައިޒާންތައް ހެއްދެވި އެވެ. އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު އެއް ތަން ކަމަށް މާލޭގެ ހުޅަނގު ހާބަރުގެ "ހަޑިމުޑުދާރުކަން" ނައްތާލައްވައި އެ ތަނުގައި ޒަމާނީ ފުޑްކޯޓުތަކެއް ހެއްދެވުމުގައި ވެސް އިސްކޮށް ހުންނެވީ އޭނާ އެވެ.

"މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކަށް ދިރުން ގެނެސް ދެވުނު. ހަނދާންވާ ގޮތުން 11 ސަރަހައްދެއްގައި ޕާކު ހެދިގެން ދިޔަ. ސަލްޓަން ޕާކަށް ވަރަށް ބޮޑު ބަދަލެއް ގެނެވުނު. ރަސްފަންނު ސަރަހައްދެއް ހެދުނު،" ޑރ. މުއިއްޒު ވިދާޅުވި އެވެ. "ދަތުރުވެރިންގެ މާރުކޭޓު ވެސް ބޮލަށް ވެއްޓިފައި ހުއްޓާ އަލުން ރޫޅާލާފައި ހަދާފައި އެ ހުރީ. ވަކިވަކިން ކިޔާ ނަމަ ވަރަށް ގިނަ ކަންތައް ކުރެވިއްޖެ."

ޔާމީންގެ ސަރުކާރުގައި އެއް މިނިސްޓްރީއަކުން އެންމެ ގިނަ ޕްރޮޖެކްޓުތަކެއް ހިންގީ ހައުސިން މިނިސްޓްރީން ކަމަށް ވުމުން ޑރ. މުއިއްޒުގެ މަސައްކަތުގެ ވާހަކަ ދައްކައި ކޮޅުން ލާކަށް ނެތެވެ. މުޅި ރާއްޖޭގައި ސީދާ އޭނާގެ ބެއްލެވުމުގެ ދަށުން ނުކުރާކަށް ކަމެއް ނެތެވެ. އެހެންކަމުން އެއީ ވެރިއެއްގެ ގޮތުގައި މެނޭޖުމަންޓުގެ މޮޅުކަމޭ ބުނެވިދާނެ އެވެ.

"އަޅުގަނޑަކީ މުވައްޒަފުންނާ ވަރަށް ގާތުން މަސައްކަތް ކުރާ މީހެއް. އަޅުގަނޑާއި މުވައްޒަފުންނާ އޮތީ ވަރަށް ގާތް ގުޅުމެއް. ކަމެއްގައި ކަންބޮޑުވުމެއް އޮތަސް އެ ވާހަކައެއް ސީދާ އަޅުގަނޑާ ދެއްކޭނެ. އަޅުގަނޑު މަސައްކަތް ކުރީ އެންމެންގެ އަޑު އަހައިގެން، ޓީމު ވޯކަށް އިސްކަންދީގެން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ކަންކަން ހައްލުކޮށްދެވޭނީ އަޅުގަނޑަށް: މުއިއްޒު

އޭނާގެ ޓްރެކް ރެކޯޑަށް ބަލާ ނަމަ ޔަގީނުން ވެސް މާލޭގެ މޭޔަރުކަމަށް ނުހޮވަންވީ ސަބަބެއް ނެތެވެ. ކުރު މުއްދަތެއްގެ ތެރޭގައި، ހަވާލުކުރި ވަރަށް ގިނަ މަސައްކަތްތައް ނިންމެވި އެވެ. ޑރ. މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި އެ ތަޖުރިބާ އޭނާގެ އެބަ ހުއްޓެވެ.

"ރައްޔިތުން ބަލާނީ ވޯޓަށް ދާއިރު ބަދަލެއް ގެނެސްދެވޭނެ ފަރާތަކީ ކޮބައިތޯ؟ މިހާރުގެ ސިޔާސަތަށް ބަދަލެއް ގެންނަން މަސައްކަތް ކޮށްދޭނީ ކާކުތޯ؟ މިސާލަކަށް ގުޅިފަޅު ޕްރޮޖެކްޓް. މާލޭގެ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް އޮތް އެންމެ މުހިންމު ކަމަކީ ގުޅިފަޅު ހިއްކައިގެން ގޯތި ދިނުން. ކައިރީގައި އެ އޮތީ މިހާރު ކުނި އަންދައިގެން ކުނި ނައްތާލަން ޖެހޭ ތަނެއް ނޫން. އެ އަށް ހައްލެއް އެބަ އޮތް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ބްރިޖަކުން ގުޅުވައިލެވޭ، ފަސޭހަ ތަނަކަށް ގުޅިފަޅު ވާނެ އެވެ.

ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު

"ސިޔާސަތުގެ ތެރޭގައި ތަޅު އެޅުވިފައި ހުންނާނެ މީހެއް ނޫން ރައްޔިތުން ބޭނުންވާނީ. އަޅުގަނޑު ހުންނާނީ ރައްޔިތުން ބޭނުންވާ ގޮތަށް. ރައްޔިތުންގެ ވިންދާ ނުގުޅޭ ސިޔާސަތެއް ނަމަ ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެކަން ސަރުކާރަށް ގެންގޮސްގެން ސިޔާސަތު ބަދަލުކުރެވޭތޯ މަސައްކަތް ކުރާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ރައްޔިތުންގެ ހާލަތު، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ބަދަލު ނުވާ ނަމަ އެ ބަދަލު ކުރަން އަޅުގަނޑު މަސައްކަތް ކުރާނީ. ޚާއްސަކޮށް ގޯތިގެދޮރުގެ ސިޔާސަތު. އަޅުގަނޑު މަސައްކަތް ކުރާނީ އެ ސިޔާސަތު ބަދަލުކުރަން."

ހުރިހާ އެންމެންގެ ޝަކުވާއަކީ ގެދޮރު ނެތުން

އެންމެ ކުޑައިރުއްސުރެ ތައުލީމީ ގޮތުން ވެސް ވަރަށް މަތީ ނަތީޖާތަކެއް ހޯއްދަވާފައިވާ އަދި ސިވިލް އިންޖިނިއަރިންގެ ރޮނގުން ޕީއެޗްޑީ ހައްދަވާފައިވާ ޑރ. މުއިއްޒު މަސައްކަތް ކުރެއްވި ސަރުކާރުތަކުގައި ވެސް އެ ސަރުކާރެއްގެ ސިޔާސަތުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައިދޭނެ ގޮތްތައް ރޭވުމުގައި ބުރަކޮށް އުޅުއްވި އެވެ. އެކި ސަރުކާރުތަކުން އެކި ސިޔާސަތުތަކުގެ ތެރެއިން ކަންކަން ކުރެއްވި އެވެ.

މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އޭނާގެ ތަޖުރިބާތައް އެބަ ހުއްޓެވެ. އެކަމަކު، މުޅި ސަރުކާރުގެ ފެންވަރުގައި ކުރާ ބްރޯޑް ސިޔާސަތުތަކުގެ ތެރެއިން ކަންކަން ކުރާތީ ބައެއް ކަންކަން ޑރ. މުއިއްޒުގެ އަމިއްލަ ވިސްނުމަށް ކުރިއަށް ނުގޮސް ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކުގެ ފޯމު ދޫކުރުން ދަރުބާރުގޭގައި ކުރިއަށް ގެންދިޔައިރު، އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ކަންކަން ކުރިއަށް ގެންދާ ގޮތް ޑރ. މުއިއްޒު ބައްލަވައިލައްވަނީ.---ފައިލް ފޮޓޯ: މިހާރު

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ފްލެޓުތަކުގެ އިތުރުން ގޯތި ވެސް މާލޭގެ ރައްޔިތުންނަށް ވަރަށް މުހިންމެވެ. މި ކެމްޕެއިންގައި އޭނާ ވަޑައިގަންނަވާ ގެތަކުގެ މީހުންގެ ވެސް އެންމެ ބޮޑަށް ޝަކުވާއަކީ ގެދޮރު ނެތުމެވެ. އެހެނިހެން މައްސަލަތައް އަންނަނީ ވަރަށް މަދުންނެވެ.

"ގޯތި ބޭނުންވާ ރައްޔިތުން ގިނައީ. ފްލެޓެއް ލިބެންޏާ ފްލެޓް ބޭނުންވާ ރައްޔިތުން ވެސް ވަރަށް ގިނަ. ހައުސިން އަށް ހައްލެއް ބޭނުންވާ ރައްޔިތުން ގިނައީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓު

މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454