އަދުރޭގެ ދަރިފުޅު ފައިސަލާއި އަނބިކަނބަލުންގެ އައިނު ހައްދަން އެމްބަސީގެ ބަޖެޓުން 72،000ރ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިފުޅު ފައިސަލް އިބްރާހިމް، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އޭނާ އާއި އަނބިކަނބަލުންގެ އައިނު ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438ރ. ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފި އެވެ.


އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އާންމު ކުރެއްވި، ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މެލޭޝިއާ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުން އެ ގައުމުގެ އިންޝުއަރެންސް ސްކީމްގައި ބައިވެރި ކޮށްފައިވީ ނަމަވެސް އެ ސްކީމްގެ ބޭރުން ހޯދާފައިވާ ޚިދުމަތްތަކަށް އެމްބަސީގެ ބަޖެޓުން ޚަރަދު ކޮށްފައި ވެ އެވެ.

އެގޮތުން، އެ އެމްބަސީގެ މިނިސްޓާ-ކައުންސެލާގެ މަގާމުގައި ހުންނެވި ބޭފުޅާ އާއި އޭނާގެ އަނބިކަނބަލުން ޕްރާޑާ ބްރޭންޑްގެ އައިނެއް ހެއްދުމަށް 72،438ރ. އެމްބަސީގެ ބަޖެޓުން ޚަރަދުކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައި ވެ އެވެ.

މިނިސްޓާ-ކައުންސެލާގެ މަގާމުގައި ހުންނެވި އެ ބޭފުޅާގެ ނަން ރިޕޯޓުގައި ނެތް ނަމަވެސް އެ މުއްދަތުގައި އެ މަގާމުގައި ހުންނެވީ ފައިސަލެވެ.

މީގެ ކުރިން ވެސް ވަނީ އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓްތަކަކަށް ފައިސަލް 157،290.12ރ. ނުދައްކާ އޮތް މައްސަލައެއް ފެންމަތި ވެފަ އެވެ. އެކަމަކު، ފަހުން އޭނާ ވަނީ އެ ފައިސާ ދައްކައިފަ އެވެ.

ފައިސަލްގެ އިތުރުން، މެލޭޝިއާގައި އޭރު ހުންނެވި ދިވެހި ސަފީރާއި އޭނާގެ އަނބިކަނބަލުން ވެސް މެޑިކަލް ޗެކަޕެއް ހެއްދުމަށް 26،360ރ. އެމްބަސީގެ ބަޖެޓުން ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނާ މުއްދަތުގައި މެލޭޝިއާގެ ސަފީރަކަށް ހުންނެވީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަނެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ، ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާ އަށް ފޮނުވާ މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި އިނާޔަތްތައް ދެމުން ގެންދާ އުސޫލަށް ބަލާއިރު، އެއީ އެގޮތަށް ކުރެވިދާނެ ޚަރަދުތަކެއް ކަމަށް ނުދެކޭ ކަމަށެވެ.

"ދައުލަތުގެ ހަރަދުގައި އިންޝުއަރެންސް ސްކީމެއްގައި މުވައްޒަފަކު ބައިވެރި ކުރުވުމަށް ފަހު، އޭގެ ބޭރުން އެ މުވައްޒަފެއްގެ ސިއްހީ ކަންކަމަށް ދައުލަތުން ހަރަދު ކުރުމަކީ ވެސް ހަމަޖެހޭ އުސޫލެއް ނޫންކަން ވެސް ފާހަގަ ކުރަމެވެ،" އޮޑިޓް ރިޕޯޓްގައި ވެ އެވެ.

ފައިސަލް އާއި ފަހުމީ ކުރައްވާފައިވާ އެ ޚަރަދުތަކަކީ އުސޫލާ ޚިލާފަށް ކޮށްފައިވާ ކަންކަން ކަމުގައި ވާތީ އެ ފައިސާ އަނބުރާ ހޯދުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދެއްވައިފަ އެވެ.