ވޯޓު ފޮށި ބެހެއްޓޭވަރަށް މިހާތަނަށް މީހުން ރަޖިސްޓްރީވީ އެންމެ ރިސޯޓެއްގައި!

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މިހާތަނަށް މީހުން ރަޖިސްޓްރީވީ އެންމެ ރިސޯޓެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.


ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ 50 މީހުން މިހާތަނަށް ރަޖިސްޓްރީވީ ކްލަބް މެޑް ކަނިފިނޮޅުގައި އެކަނި ކަމަށެވެ. ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައި ވަނީ މަދުވެގެން 50 މީހުން ރަޖިސްޓްރީ ކުރާ ތަންތަނުގަ އެވެ.

މި އަދަދު ހަމަވާ، ގާތްގަނޑަކަށް 53 ރިސޯޓަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ރިސޯޓްތަކުގައި ވޯޓު ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 27 އެވެ.

މި އިންތިޚާބުގައި 540 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ. ވޯޓު އޮފިޝަލުންގެ ގޮތުގައި 6،500 އާއި 7،000 އާ ދެމެދުގެ އަދަދަކަށް މީހުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސުން ވަނީ ލަފާކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާ އެކު ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދޫކޮށްލައިގެން ބާއްވާ ފުރަތަމަ އިންތިޚާބުގައި ޖުމްލަ 1،900 މީހުން އިންތިޚާބު ކުރާނެ އެވެ. އެއީ، ކައުންސިލްތަކަށް 982 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމެޓީއަށް 930 ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގައި އެމްޑީޕީން 877 ގޮނޑި، ޕީޕީއެމުން 673 ގޮނޑި އަށް ވަނީ ކުރިމަތިލައިފި އެވެ. ޖުމްހޫރީ ޕާޓީން 115 އަދި އަދާލަތު ޕާޓީން 30 ގޮނޑިއަށް ކުރިމަތިލި އެވެ. އެކަމަކު އިންތިޚާބުގައި ވާދަކުރާ މީހުންގެ ޖުމްލަ އަދަދެއް އިލެކްޝަންސުން އަދި ހާމައެއް ނުކުރެ އެވެ.