ޚަބަރު / ހައި ކޯޓް

ނަދީމް ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައިނުގަތީ ރަނގަޅަށް: ހައި ކޯޓް

ނަދީމް: އޭނާ ހައްޔަރުކުރި މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު

25 ފެބުރުއަރީ 2020 - 12:05

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ކުރީގެ ސަރުކާރުގައި ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ފެބްރުއަރީ، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނަދީމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެބިއަސް ކޯޕަސްގެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ވަނީ އޮތީ ތާއީދުކޮށްފަ އެވެ.

އެ މައްސަލަ ނަދީމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނަދީމް ހައްޔަރު ކުރިއިރު ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ކޯޓުން ގޮތެއް ނިންމަންޖެހޭ މާއްދާ އަށް އަމަލު ކުރުން އޭރު ހުއްޓާލާފައި ނުވިޔަސް، އޭނާ ހައްޔަރުކުރި ފަހުން ޖެހިގެން އައި ދުވަހު އެ މާއްދާ އަށް ވެސް އަމަލު ކުރުން ހުއްޓާލަން ނިންމައި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިސްލާހު ކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ގަރާރު އިސްލާހުކުރި ހިސާބުން ފެށިގެން އެ ހައްގު ވެސް ހިފެހެއްޓުނީ ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ނަދީމް ހައްޔަރު ކުރިއިރު، ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މާއްދާ އަށް އަމަލު ކުރަމުން ދިޔަޔަސް، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިސްލާހުކޮށް، އެ މާއްދާ އާއި ޖިނާއީ އިޖްރާއާތުގެ ގާނޫނު ވެސް ފަހުން ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާތީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ބުނެ ހެބިއަސް ކޯޕަސްގެ މައްސަލައެއް ހުށަހެޅިދާނެ ކަމަށް ނުފެންނަ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ނަދީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދާއި އިތުރު ސިޔާސީ ބޭފުޅުން ވެސް ހައްޔަރުކޮށް، ބޮޑެތި ދައުވާތަކެއް އުފުލި އެވެ. އެކަމަކު ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެ ހުރިހާ ބޭފުޅުން އެއްކޮށް މިނިވަންކުރި އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454