ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއް ނޫން: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ލާމަރުކަޒީ ނިޒާމާ ދެކޮޅު ބޭފުޅެއް ކަމުގެ ތުހުމަތާ އެކު، އެ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް ދައްކާ ވާހަކަތަކަށް އިދިކޮޅުން ރޭ ފާޑުކިޔައިފި އެވެ.


ލާމަރުކަޒީ ނިޒާމަކީ ރާއްޖެ އަށް އެންމެ އެކަށޭނެ ނިޒާމު ނޫން ކަމަށް 2018 ގެ ރިޔާސީ ބަހުސްގައި ޔާމީން ވިދާޅުވި ވާހަކަފުޅުގެ ވީޑިއޯ އާއްމުކޮށް، އެ ނިޒާމު ގަބޫލުނުކުރާ ބަޔަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއް ކަމަށް ކުރާ ދައުވާ ޕީޕީއެމުން ދޮގުކުރާ ކަމަށެވެ. ލާމަރުކަޒީ ނިޒާމެއްގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެ ރަށަކަށް ނިސްބަތްވާ ނައިފަރުގައި ވެސް ލާމަރުކަޒީ ނިޒާމާ ގުޅޭ ވަށް މޭޒު ޖަލްސާއެއް އެންމެ މަތީ ފެންވަރުގައި ބޭއްވި،" ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން، ޑިސެމްބަރު 1992 ގައި ލާމަރުކަޒީ އުސޫލާ ބެހޭ ވަށް މޭޒު ޖަލްސާ އިފުތިތާހު ކޮށްދެއްވާ ފޮޓޯ.

ލާމަރުކަޒީ ނިޒާމެއްގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށީ މައުމޫންގެ ވެރިކަމުގައި ކަމަށް ޝިޔާމް ވިދާޅުވިއިރު، "ލާމަރުކަޒީ އުސޫލާ ބެހޭ ވަށްމޭޒު" ޖަލްސާގެ ނަމުގައި ޑިސެމްބަރު 1992 ގައި ބޭއްވެވި ބައްދަލުވުމެއް މައުމޫން އިފްތިތާހު ކުރައްވާ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ފޮޓޯއާ ގުޅުވައިގެން، މީގެ 28 އަހަރު ކުރިން ވެސް މައުމޫން ވަނީ ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު ތައާރަފު ކުރައްވާފައި ކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ގާނޫނުއަސާސީގައި ލާމަރުކަޒީ ބާބު ހިމަނާފައިވާ ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، 2008 ގައި އަމަލުކުރަން ފެށި އެ ގާނޫނު އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޒައާމަތުގައި ނޫން ކަމަށެވެ. އެހެންވެ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް ބުނެވެން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެކަން ކުރާ ތަނެއް ނުފެނެ އެވެ. އެމްޑީޕީގެ ވެރިކަމުގައި ކުރިން ވެސް ފެނުނީ އެއްބައިވަންތަ ސިފަ ނަގާލައި ކައުންސިލްތައް ވަކި ސަރުކާރުތަކެއްގެ ގޮތުގައި ހެދިތަން ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމެއްގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށީ މައުމޫންގެ ވެރިކަމުގައި ކަމަށް ޝިޔާމް ވިދާޅުވިއިރު، "ލާމަރުކަޒީ އުސޫލާ ބެހޭ ވަށްމޭޒު" ޖަލްސާގެ ނަމުގައި ޑިސެމްބަރު 1992 ގައި ބޭއްވެވި ބައްދަލުވުމެއް މައުމޫން އިފްތިތާހު ކުރައްވާ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ފޮޓޯއާ ގުޅުވައިގެން، މީގެ 28 އަހަރު ކުރިން ވެސް މައުމޫން ވަނީ ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު ތައާރަފު ކުރައްވާފައި ކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީން މަސައްކަތް ކުރީ ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ނުދޭން ކަމަށެވެ. އެކަމަކު ޕީޕީއެމުން އެހެން ނުހަދާނެ ކަމަށާއި އެ ޕާޓީގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބު ކުރައްވާ ކައުންސިލަރުންނަކީ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުންދެއްވާނެ ކެންޑިޑޭޓުން ކަމަށް ވިދާޅުވި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ އިންތިޚާބުގައި ގޮތް ނިންމަން ޖެހޭނީ ރާއްޖޭގެ މިހާރު އޮތް ހާލަތާއި ކުރިއަށް އޮތް ހާލަތާ މެދު ވެސް ވިސްނުމަށް ފަހު ކަމަށެވެ. ކުރިއަށް އޮތީ ރާއްޖޭގެ އިގްތިސާދަށް ބަނަދުވަސްތަކެއް ކަމަށާއި ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ ޓޫރިޒަމް އިންޑަސްޓްރީގެ އޮކިއުޕެންސީ 30 ޕަސެންޓަށް ވެއްޓެންދާއިރު އިގްތިސާދު ރަނގަޅު ކުރަން މި ސަރުކާރުގެ ވިސްނުމެއް ކުރާ ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.

މި ހާލަތުގައި ސަރުކާރު އޮތް އިރު ކައުންސިލް އިންތިޚާބުގެ ގޮނޑިތައް އެމްޑީޕީން ދޭން ޖެހޭ ސަބަބެއް އޮތްތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ސައީދު ވިދާޅުވީ ރާއްޖެ ތަރައްގީކުރުމުގެ ވެސް ގާބިލްކަމެއް މި ސަރުކާރުގައި ނެތް ކަމަށެވެ. އެހެންވެ ކައުންސިލް އިންތިޚާބުގައި ވިސްނަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ބާރުތަކެއް މުށުތެރޭގައި އޮވެ ތަރައްގީ އަށް ޖަހާލެވުނު މޮހޮރެއް ވެސް ނެތް. ގުރައިދޫ ޔާމީން ވިދާޅުވީ ރަނގަޅު ވާހަކައެއް،" ޕީޕީއެމުން ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށަން ބޭއްވި ޖަލްސާގައި މެމްބަރަކު ދެއްކި ވާހަކަ އަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިޚާބުގައި ހޮވަން ޖެހޭނީ ގައުމަށް ގައްދާރުނުވާނެ، ގައުމު މުއްސަނދިކޮށް ތަރައްގީކުރާނެ ބައެކެވެ.