ރޯގާއާ ދެކޮޅަށް ރަނގަޅަށް މަސައްްކަތް ކުރެވޭނެކަން ޔަގީން: ޑރ. އަލީ

ކޮވިޑް-19 އާ ދެކޮޅަށް ރަނގަޅަށް މަަސައްކަތްކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ރޯގާއާ ގުޅޭ ކަންކަން ބަލަހައްޓާ ޓާސްކްްފޯހުން ރޭ ބުނެފި އެވެ.


ކޮވިޑް-19 އަށް ރާއްޖެއިން ދެ ބިދޭސީއަކު ޕޮޒިޓިވްވިކަން ހާމަކުރަން ޓާސްކް ފޯހުން ދަރުބާރުގޭގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އައިޖީއެމްއެޗްގެ އެެތެެރެހަށީގެ ހާއްސަ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ މީގެ ކުރިން އައި މިފަދަ ރޯގާތަކާ ދެކޮޅަށް ވެސް ރާއްޖެއިން ކުރި މަސައްކަތް ރަނގަަޅު ކަމަށެވެ. އެހެންކަމުން މިފަހަރު ވެސް ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ ރާއްޖެއަށް އެ ރޯގާ އަޔަނުދީ ވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި އެކަމަކު އެންމެ ފަހުން އެއާ ކުރިމަތިލާން މި ޖެހުނީ "އެއީ ނުވެ ނުދާނެ ކަމަކަށް ވާތީ" ކަމަށެވެ.

އާންމު ރައްޔިތުންނަށް ޔަގީންކަން ދެއްވަމުން އޭނާ މިސާލު ދެއްކެވީ 2017 ގައި ރާއްޖޭގައި ފެތުރުނު އިންފްލެއެންޒާ އިންނެވެ.

"އޭގައި ވެސް އަޅުގަނޑުމެން ވަނީ ރަނގަޅު ރެސްޕޮންސެއް ދައްކުވައިދީފައި. އެހެންވީމާ މި ރޯގާގައި ވެސް އަޅުގަނޑުމެންނަށް ޔަގީން ފުދޭވަރަކަށް ރަނގަޅަށް މިކަން ކުރެވިދާނެ ކަަން،" ޑރ. އަލީ ލަތީފްް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތްކުރަމުން އަންނަ ދެ ބިދޭސީއެކެވެ. އެ މީހުންގެ ގަޔަށް ކޮރޯނާވައިރަަސް އެރި ކަމަށް ބެލެވެނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އިޓަލީ މީހާ އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެކަން، ރިސޯޓަށް އެންގީ އެވެ. ސަރުކާރުން މިހާރު ވަނީ އެ ރިސޯޓަށް މީހުން އެރުމާއި ފޭބުން މަނާކޮށްފަ އެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުން ވެސް އެ ރޯގާ ފެނުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ. އަދި ކޮރޯނާވައިރަސް ހަށިގަނޑަށް ވަނަސް، ގިނަ މީހުންގެ ފަރާތުން އޭގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ މާލެއިން ވެސް ފެނުމުގެ ޗާންސް އޮންނާނެ އަދި އެހެން ރަށަކުން ވެސް ފެނުމުގެ ޗާންސް އޮންނާނެ. އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ އަޅުގަނޑުމެންނަށް މިކަން އެނގޭތީ އަޅަން ޖެހޭ ފިޔަވަޅުތައް ބަރާބަރަށް އެޅުން. އެ މަސައްކަތްތައް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ރައްކާތެރިވާން ކުރަންވީ ކަންތައްތައް

ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްކަން ޓާސްކް ފޯހުން އިއުލާންކުރަނީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ފަރުދީ ގޮތުން ކުރަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ޑރ. ނަޒްލާ މުސްތޮފާ ވިދާޅުވީ މި ހާލަތުގައި ކުރަން އޮތް އެންމެ މުހިއްމު އެއް ކަަމަކީ ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 20 ސިކުންތު ވަންދެން އަތް ދޮވުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް މުހިއްމު، އެއްވެސް ވަރަކަށް ރޯގާގެ އަސަރު ފެންނަންޏާ އާއްމުންގެ ތެރެއަށް ނުދިއުން. އަމިއްލައަށް ގޭގައި މަޑުކުރުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ މީހުންގެ ކިބައިން ރޯގާގެ އަސަރެއް 14 ދުވަހުގެ ތެރޭގައި ފެނިއްޖެ ނަމަ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައިގެން މައުލޫމާތު ސާފުކުރުން ވަރަށް މުހިންމެވެ. ރޯގާ ޖެހިއްޖެ ނަމަ މާސްކް އެޅުން ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.

"ރޯގާ ޖެހިފައި ހުންނަ މީހާ މާސްކް އެޅީމާ މާ ފައިދާ ބޮޑު. އެހެން މީހުންނަށް [ރޯގާ] ދިއުމުގެ ފުރުސަތު ވަރަށް ކުޑަކޮށްލާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ބޭނުންކުރާ މާސްކާއި ޓިޝޫ ފަދަ ތަކެތި އެކި ތަންތަނަށް އުކުމުގެ ބަދަލުގައި ރައްކާތެރިކަމާ އެކު ނައްތާލުން ވެސް މުހިއްމެވެ. އެއީ އެގޮތަށް އެއްލައިލާ އެއްޗެހީގައި ޖަރާސީމާއި ވައިރަަސްގެ އަސަރު ހުންނާނެތީ އެވެ.

"ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކެއްސާ ހަދާއިރު އެ ޓިޝޫއާ އެއްޗިހި ކޮތަޅެއް ލައްވާފައި ހުރި ޑަސްބިނަކަށް ލައި، ކޮތަޅު ރަނގަށް ބަންދުކޮށްލާފައި އެއްލައިލުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.