ކޮވިޑް-19: މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ނެތް: ރައީސް

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިސޯދަށް އަންނަ ލޮޅުންތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ އާމްދަނީ ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އެޅި ނަމަވެސް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖެ އިން ވެސް ކޮވިޑް-19 ބަލި ޖެހިފައިވާ އަށް މީހަކު ފެނި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކޮށްފައި ވަނިކޮށް، ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ މި ވަގުތު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލައި ކުރިއަށް ގެންދަން ކަމަށާއި އެ މަޝްރޫއުތައް މިހާރު ވެސް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

"ސަރުކާރުން ހިންގާ ޕީއެސްއައިޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން މިހާރު ވަނީ ނިންމާފައި. އަދި ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ބައެއް ޚަރަދުތައް ވެސް މި ވަގުތަށް ވާނީ ކުޑަކޮށްފައި،" ރާއްޖެ އިން ކޮވިޑް-19 ގެ މީހުން ފެންނަން ފެށި ފަހުން ފުރަތަމަ ފަހަތަށް ގައުމާ މުޚާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ.

ރާއްޖެ އިން، ކޮވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އެ ބަލީގެ ދެ މީހަކު އެ ރޭ ފެނުނު ފަހުން، މިހާތަނަށް ޖުމްލަ އަށް މީހަކު ވަނީ ރާއްޖެ އިން ޕޮޒިޓިވް ވެފަ އެވެ. އެ އެންމެންނަކީ ބިދޭސީންނެވެ. އެކަމަކު، އޭގެ ތެރެއިން ގެސްޓުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ރައީސް، ގައުމާ މުޚާތަބު ކުރެއްވުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ލިބޭ ގެއްލުންތަކުން މި ވަގުތު އަރައިގަތުމަށް އެހީތެރިވެދޭނެ ގޮތެއް ހޯދުމަށްޓަކައި، ރާއްޖޭގައި ހިންގާ ބޭންކްތަކާއި މަރުކަޒީ ބޭންކު އެމްއެމްއޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، ސަރުކާރަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށްޓަކައި ލޯނާއި ހިލޭ އެހީ ލިބޭނެ ގޮތްތައް ބައްލަވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން ހިންގާ ޕީއެސްއައިޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން މިހާރު ވަނީ ނިންމާފައި. އަދި ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ބައެއް ޚަރަދުތައް ވެސް މި ވަގުތަށް ވާނީ ކުޑަކޮށްފައި،" ރައީސް

ރައީސް ވިދާޅުވި ގޮތުގައި، މިކަމުގައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބައެއް މާލީ އިދާރާތަކުގެ ފެހި ސިގްނަލް ވެސް ވަނީ ލިބިފަ އެވެ

މިއަހަރު ނިމޭ އިރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ 2.1 ބިލިއަނާއި 6.9 ބިލިއަނާ ދެމެދުގެ އަދަދަކަށް ދަށްވާނެ ކަމަށް ސަރުކާރުން މިހާރު އަންދާޒާކުރެ އެވެ. މީގެ އިތުރުން އިގްތިސާދު 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސެންޓަށް ދަށްވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓު ވިޔަފާރިތަކަށް މިލިއަން ޑޮލަރުން ގެއްލުން ވާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އަދި މިހާލަތު ދިގު ދެމިގެންދާ ނަމަ މުޅި ޓޫރިޒަމް ސިނާއަތް އެއްކޮށް، ހަލާކުވާނެ ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.

ޓޫރިޒަމް ސިނާއަތަކީ ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ ދާއިރާ ކަމަށް ވާއިރު، އަދި ފަރުވާއެއް ވެސް ހޯދިފައި ނުވާ އަދި ގޮތް ނޭނގޭ ކޮރޯނާވައިރަސްގެ ސަބަބުން، ދަތުރުފަތުރު ކުރުން ހުއްޓި އިގްތިސޯދަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ކަމާ ގުޅޭ މާހިރުން ލަފާކުރެ އެވެ.